ޔޫރަޕާއި ޗައިނާއަށް ސީދާ ދަތުރުތައް ކުރެވޭ، މޯލްޑިވިއަންގެ އާ ވައިޑްބޮޑީ މަތިންދާބޯޓު މިއަދު ރާއްޖެ ގެނެސްފިއެވެ.
މޯލްޑިވިއަންގެ ފްލީޓަށް އަލަށް ގެނައީ އެއާބަސް އޭ-330 އެއާކްރާފްޓެކެވެ. މިއީ އެއްފަހަރާ 264 ފަސިންޖަރުންނަށް ދަތުރުކުރެވޭ މަތިންދާބޯޓެކެވެ.
ވައިޑްބޮޑީ މަތިންދާބޯޓު ގެނެސް، ދުރު މަންޒިލުތަކަށް ދަތުރުތައް ފެށުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އެ ބޯޓުތައް ރާއްޖެއައުމުން، އެ ބޯޓުތަކުގެ އޮޕަރޭޝަން ރަސްމީކޮށް އިފުތިތާހުކޮށްދެއްވީ ވެސް ރައީސް މުއިއްޒެވެ.
މި ބޯޓުގައި ތިން ކްލާހެއްގެ ސީޓު ހިމެނެއެވެ. އެއީ، ބިޒްނަސް ކްލާހާއި ޕްރިމިއަމް އިކޮނަމީ އަދި އިކޮނަމީ ކަލާހެވެ.
މޯލްޑިވިއަންގެ ފްލީޓަށް މިއަދު އިތުރުވި ވައިޑްބޮޑީ އެއާކްރާފްޓުގެ އިތުރު ބޯޓެއް ވެސް ގެންނަން އެ ކުންފުނިން ވަނީ ނިންމާފައެވެ. މި އަހަރުގެ ތެރޭގައި ޗައިނާއާއި ޔޫރަޕްގެ މަންޒިލްތަކަށް މޯލްޑިވިއަންގެ ވައިޑް ބޮޑީ އެއާކްރާފްޓުގެ ދަތުރުތައް ފަށަން ވަނީ ނިންމައިފައެވެ.
އާ ބޯޓާ އެކު އިތުރު ހަތް މަންޒިލަކަށް ދަތުރުތައް ފަށާނެ ކަމަށް މޯލްޑިވިއަނުން ވަނީ ބުނެފައެވެ. އޭގެ ތެރޭގައި ހިމެނެނީ ޗައިނާގެ ތިން ސިޓީއަކާއި ސައުތު އެފްރިކާގެ ޖޮހޭނަސްބާގާއި ޔޫރަޕްގެ ތިން ސިޓީއެކެވެ.
މި އާ ބޮޑު ބޯޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖެއްސުމުގެ ކުރީގައި އެ ބޯޓަށް މަރުހަބާ ކިޔަން މޯލްޑިވިއަނުން ވަނީ ޚާއްސަ އެއާ ޝޯއެއް ވެސް ބާއްވާފައެވެ. އަދި، ބޯޓު އެއާޕޯޓުގައި ޕާކުކުރުމާ އެކު ރައީސް މުއިއްޒު ވަނީ ބޯޓު ބައްލަވާލައްވައިފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، މީގެ ކުރިން މޯލްޑިވިއަން އެއާލައިންގެ އެއާބަސް ބޭނުންކޮށްގެން ޗައިނާއާއި ސައުތު އެފްރިކާއަށް ދަތުރުކުރިއެވެ. ނަމަވެސް، އޭރު ގެންގުޅުނީ ދިގު ދަތުރުތައް ކުރެވޭ ވަރުގެ ބޯޓުތަކަކަށް ނުވުމުން ދަތުރުކުރީ އެހެން މަންޒިލުތަކަށް ޓްރާންސިޓް ކޮށްގެންނެވެ.
މި ވަގުތު މޯލްޑިވިއަންގެ ފްލީޓުގައި 13 ބޯޓު އެބައޮތެވެ. އޭގެ ތެރޭގައި އެއާބަސް އޭ320 މަރުކާގެ އެއް ބޯޓާއި އޭޓީއާރްގެ ހަތަރު ބޯޓު ހިމެނެއެވެ. ބާކީ ހުރީ ޑޭޝް މަރުކާގެ ބޯޓުތަކެކެވެ. ބޭރު ދަތުރުތައް ކުރުމުގައި ގެންގުޅެނީ އެއާބަސް އޭ320 މަރުކާގެ ބޯޓެވެ.
މޯލްޑިވިއަނުން މި ވަގުތު ދަތުރުކުރަނީ ރާއްޖޭގެ 16 މަންޒިލަކާއި އިންޑިއާގެ ތިން ސަރަހައްދަކާއި ލަންކާ އަދި ބަންގްލަދޭޝަށެވެ.