ފަރުޟު ޙައްޖުނުވާ މީހުންނަށް އިސްކަން ދޭ ގޮތަށް އުސޫލަށް ބަދަލުގެންނަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ނިންމަވައިފިއެވެ.
އެ މަނިކުފާނު މި ނިންމެވުން ނިންމެވީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ހުށަހެޅުއްވި ކަރުދާހަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރެއްވުމަށް ފަހުގައެވެ.
ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި މިހާރު މީހުން ޙައްޖަށް ގެންދަނީ ފައިސާ ދައްކާ ތަރުތީބުންނެވެ. އެކަމަކު، އެ އުސޫލު އަންނަ އަހަރުން ފެށިގެން ބަދަލުކޮށް، ފަރުޟު ޙައްޖުނުވާ މީހުންނަށް އިސްކަންދޭ ގޮތަށް އުސޫލު ބަދަލުކުރަން ރައީސް ވަނީ ނިންމަވައިފައެވެ.
އުސޫލަށް ގެނައި މައިގަނޑު ބަދަލުތަކަކީ:
- އަލަށް ޙައްޖުގެ އަޅުކަން އަދާކުރަން އެދޭ ފަރާތްތަކަށް އިސްކަންދިނުން.
- ޙައްޖުގެ އަޅުކަން އަދާކޮށްފައިނުވާ މީހުންގެ ތެރެއިން ޢުމުރުން 65 އަހަރުން ފެށިގެން މަތީގެ މީހުންނަށް ކޮންމެ އަހަރަކު ޙައްޖު ކޯޕަރޭޝަނުން ކަނޑައަޅާ ވަކި އިންސައްތައެއް ޚާއްޞަކުރުން
- ފަރުޟު ޙައްޖުވެފައިވާ މީހުންނަށް ދެން ފުރުސަތު ލިބޭނީ އެންމެ ފަހުން ޙައްޖު ވިތާ ހިޖުރީ ސަނަތުން ފަސް އަހަރުވުމުން
އެކަމަކު، ޙައްޖު ކޯޕަރޭޝަނުން ޙައްޖު ޚިދުމަތްތެރީންގެ ގޮތުގައި ގެންދާ މީހުން އެ ހާލަތްތަކުން އިސްތިސްނާ ވާނެއެވެ.
މީގެ އިތުރުން، ޙައްޖުގެ އަޅުކަން އަދާކޮށްފައިނުވާ ޢުމުރުން 75 އަހަރުން ފެށިގެން މަތީގެ މީހުންގެ ތެރެއިން ސިއްޙީ ޙާލަތަށް ބަލައި އެހީތެރިއަކު ގެންދަންޖެހޭ މީހުންނަށް އެހީތެރިއަކު ހަމަޖައްސަން ފުރުސަތު ދޭން ވެސް ވަނީ ނިންމާފައެވެ. ނަމަވެސް، އެހީތެރިއެއްގެ ގޮތުގައި ގެންދެވޭނީ، ލިސްޓުގައި އާއިލާ މީހަކު ހިމެނޭ ނަމަ އެ މީހެކެވެ. އެ ނޫން މީހަކު ގެންދާނަމަ ގެންދަން ޖެހޭނީ އަލަށް ޙައްޖުވާ މީހެކެވެ. ކުރިން ޙައްޖުވެފައިވާ މީހަކު ގެންދެވޭނީ އެ ނޫން ހާލަތެއް ނެތް ނަމައެވެ.
ރައީސް އޮފީހުން ބުނީ، ޙައްޖު ކޯޕަރޭޝަނަށް ފައިސާ ދައްކައިގެން ފަރުޟު ޙައްޖު ކުރުމުގެ އިންތިޒާރުގައި ތިބި ފަރާތްތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ރާއްޖެއަށް ލިބޭ ރަސްމީ ކޯޓާ އިތުރުކުރަން ގިނަ މަސައްކަތްތަކެއް ސަރުކާރުން ކުރަމުން އަންނަ ކަމަށެވެ.
މިހާރު ރާއްޖެއަށް ލިބޭ ހުރިހާ ޙައްޖު ކޯޓާއެއް ދެނީ ޙައްޖު ކޯޕަރޭޝަނަށް އެކަންޏެވެ. އެކަމަކު، އެ ކޯޓާ އިތުރުވެއްޖެ ނަމަ އަމިއްލަ ފަރާތްތަކަށް ދޫކުރަން ވިސްނާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މީގެ ކުރިން ވިދާޅުވެފައިވެއެވެ.
comment ލލ
3 month 3 week ago
ހައްޖު ލިސްޓަށަ އިތުރަށް މަކަރާއި ހީލަށް ހަދަން ފުރުސަތު މަގުފަހިވާ އުސޫލެއްބާ
comment އީމާ
3 month 3 week ago
ވަރަށް ރަނގަޅު ކަމެއް،ތިކަންކުރަން މާބޮޑަށް ވެސް ލަސްވެއްޖެ
comment އަހްމަދް
3 month 3 week ago
މާލީގޮތުންނާ ފިޒިކަލީ ގޮތުން ކުޅަދާނަ ނޫނިއްޔާ އެމީހަކަށް ވާޖިބެއް ނުވޭ. ސަރުކާރުން ފޮނުވަން އުޅެންޏާ ވާނެ ގޮތަކީ ވާޖިބުވެފައިވާ މީހުންގެ ޖާގައިން ބައެއް އެބަ ނަގާ. ސަރުކާރުން އެހީވާން ބޭނުންވަންޏާ ކޮންމެވެސް އެހެން ގޮތެއް ހަދާދޭންވީ ނުން.
comment ހަރުގެ
3 month 3 week ago
75 އަހަރު ނުވިޔަސް، 60 އަހަރަށް ވުރެ މަތިވެފައިވާ ބަލި މީހުން އުޅޭ. އަހަރެންގެ މަންމަ މިސާލަކަށް. މަންމަ ގެ ހާލަތު 75 އަހަރަށްވުރެ މަތިވެފައިވާ އަހަރެންގެ ބައްޕައަށްވުރެ ބޮޑު. އަހަރެންގެ މަންމައާ ބައްޕަ ހައްޖުވެއްޖެ. ނަމަވެސް މިހާލަތުގަ ތިބި އެހެން އަންހެނުންނަށް ހާލުބަލައިދެވޭ ވަރުގެ އާއިލާ މީހަކު ނުގޮސް އުޅޭނެ ހާލަތު ވިސްނާލަަން އުނދަގޫ. އަހަރެންނަށް ފެނިފަ ހުރީ ގްރޫޕްތަކުގެ އެހީތެރިކަން ކުޑަވަރު.
comment ނެގިވަރު
3 month 3 week ago
ތިކަންތައްވެސް ސިއާސީކޮއްލީ ދެންހައްޖައްދެވޭނީ ކަޓެއްވެސްދީގެން އަދިޕީއެންސީގެ މެންބަރަކައްވެސްވެގެން ގޯސްކޮއްކަންތައްކުރާމީހުނާމެދުاللهރުހިވޮޑިގެންނުވޭ މީހުނާމެތު
comment ނަހުލަ
3 month 3 week ago
ކިރަންވީ ކަމަކީ އަމިއްލަ ގުރޫޕްތަކަށް ވެސް ހައްޖަ މީހުން ގެންދެވޭނެ މަގަށް ފަހި ކުރުމެވެ އެގޮތަކީ ގުރޫޕުން ގެންދާ މީހުން ގެންގޮސް ދަތުރު ނިންމާ އައިމަށް ފަހު ދޭގޮތަށް ސަލާމަތީ ފައިސާ ނުވަތަ ސޭފްޓީ ޑިޕޮޒިޓެއް އަމިއްލަ ގުރޫޕް ތަކުން ބެހެއްޓުމެވެ އެއީ އެއްކޮޅު ނުވަތަ ދެކޮޅު ޓިކެޓަށް ވާނެ ފައިސާ ކަމަށް ވިޔަސް މެއެވެ ވަﷲ އަޢުލަމް
comment އިބްރާހީމް
3 month 3 week ago
"އަލަށް ޙައްޖުވާ މީހުންނަށް އިސްކަންދޭ ގޮތަށް އުސޫލު ބަދަލުކުރަން ނިންމައިފި" ވަރަށް ރަނގަޅު ނިންމުމެއް. އެކަމަކު ދެން އުދެފޭ ސުވާލަކީ، ތިޔަ ނިންމުމާ އެއްގޮތަށް ކަންކަން ތަންފީޒު ކުރާނެބާވައެވެ. ވަﷲ އަޢުލަމް.