އަވައްޓެރި އިންޑިއާއަށް ކުރެއްވި ތިން ދުވަހުގެ ރަސްމީ ދަތުރުފުޅު ނިންމަވައިލެއްވުމަށް ފަހު ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް ރަސްމީ ދަތުރުފުޅެއްގައި އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ)އަށް ވަޑައިގެންފިއެވެ.
ފޮރިން މިނިސްޓްރީން ބުނީ، މި ދަތުރުފުޅަކީ ޔޫއޭއީގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރު އަދި ފޮރިން މިނިސްޓަރު ޝެހިޙް އަބްދުﷲ ބިން ޒަޔެދް އަލް ނަހްޔާންގެ ދަޢުވަތަކަށް ޔޫއޭއީއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއް ކަމަށެވެ. އެ ދަތުރުފުޅުގައި މިނިސްޓަރު ފުރާވަޑައިގަތީ އިއްޔެއެވެ.
ފޮރިން މިނިސްޓަރުގެ ދަތުރުފުޅުގައި ޔޫއޭއީގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރް އަދި ފޮރިން މިނިސްޓަރް ޝެހިޚް ޢަބްދުﷲ ބިން ޒަޔެދް އަލް ނަޙްޔާނާ ބައްދަލުކުރައްވައި، ދެ ޤައުމުގެ ދެމެދުގައި އޮންނަ ޒަމާންވީ ގުޅުމަށް ރިޢާޔަތްކުރައްވައި، އެ ގުޅުން އިތުރަށް ބަދަހިކުރެވޭނޭ ގޮތްތަކާއި މުސްތަޤުބަލުގައި ދެ ޤައުމުން ގުޅިގެން މަސައްކަތްކުރެވިދާނޭ އިތުރު ދާއިރާތަކާ ބެހޭ ގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.
މީގެ އިތުރުން، ތަފާތު ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ ފުރުޞަތުތައް ހޯއްދެވުމަށް މިނިސްޓަރު ޚަލީލްގެ މި ދަތުރުފުޅުގައި ޔޫއޭއީ ސަރުކާރުގެ އިސްވެރިންނާ ވެސް ބައްދަލުކުރައްވާފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
މި ދަތުރުފުޅުން، ރާއްޖެއާއި ޔޫއޭއީއާ ދެމެދު އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކޮށް، ދިވެހިރާއްޖޭގެ ތަރައްގީއަށްޓަކައި ޔޫއޭއީން ވެދެއްވާ އެހީތެރިކަން ފާހަގަކޮށް، އެ ގުޅުން އިތުރުކުރުމަށްޓަކައި ދެ ޤައުމުން އެކުގައި ކުރަމުން އަންނަ މަސައްކަތްތައް ވަނީ ފާހަގަކޮށްފައެވެ.
މި ދަތުރުފުޅުގައި ޑރ. ޚަލީލްގެ އަރިހުގައި އެމްބެސެޑަރް-އެޓް-ލާޖް ޢަބްދުﷲ ޙަމީދާއި ޖޮއިންޓް ސެކްރެޓަރީ މަރްޔަމް ރީޝާ ވަނީ ބައިވެރިވެވަޑައިގަންފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ފޮރިން މިނިސްޓަރު ޚަލީލް ޔޫއޭއީއަށް ވަޑައިގެންފައިވަނީ އިންޑިއާއަށް ކުރެއްވި ތިން ދުވަހުގެ ރަސްމީ ދަތުރުފުޅަކަށް ފަހުގައެވެ. އެ ދަތުރުފުޅުގެ ތެރެއިން ރާއްޖޭގެ ރަށްރަށުގައި އިންޑިއާގެ ހިލޭ އެހީގެ ދަށުން މަޝްރޫއުތަކެއް ހިންގަން އިންޑިއާއާ އެކު ވަނީ ފަހުމުނާމާއެއްގައި ސޮއިކޮށްފައެވެ.