ރާއްޖޭގެ ކެޑޭޓުންނަށް އަމާޒުކޮށްގެން ގައުމީ ދިފާއީ ބާރު (އެމްއެންޑީއެފް)އިން ހިންގި 24 ވަނަ ގައުމީ ކެޑޭޓް ކޭމްޕު ނިންމާލައިފިއެވެ.
އެ ކޭމްޕް ނިންމުމަށް ގިރިފުށީ ޓްރެއިނިން ސެންޓަރުގައި އިއްޔެ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް، މޭޖާ ޖެނެރަލް އިބްރާހީމް ޙިލްމީއެވެ.
ނިމިދިޔަ މަހުގެ 21 އިން ފެށިގެން އިއްޔެގެ ނިޔަލަށް ކުރިޔަށްގެންދިޔަ މި ކޭމްޕުގައި ރާއްޖޭގެ އެކިކަންކޮޅުތަކުން 44 ސްކޫލަކުން، 120 ދަރިވަރުން ބައިވެރިވެފައި ވާކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ.
މީގެތެރޭގައި 66 ފިރިހެން ދަރިވަރުންނާއި 54 އަންހެން ދަރިވަރުން ހިމެނޭ ކަމަށާއި، އިންޓަނޭޝަނަލް ކެޑޭޓް އެކްސްޗޭންޖް ޕްރޮގްރާމުގެ ތެރެއިން އިންޑިއާ، ސްރީލަންކާ އަދި ނޭޕާލް ހިމެނޭހެން، 12 ކެޑޭޓުންނާއި އެ ގައުމުތަކުގެ ޑެލިގޭޝަންގައި ހިމެނޭ ތިން އޮފިސަރުން މި ކޭމްޕަށް ޒިޔާރަތްކޮށްފައި ވާކަމަށްވެސް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ.
އެމްއެންޑީއެފްއިން ބުނީ 24 ވަނަ ގައުމީ ކެޑޭޓް ކޭމްޕްގެ އެންމެ މޮޅު ފިރިހެން ދަރިވަރުގެ މަގާމު ހާސިލުކުރީ، އއ.މަތިވެރި ސްކޫލުގެ ކެޑޭޓް، ކޯޕްރަލް މުޙައްމަދު ޒިމްޔާން ކަމަށެވެ.
އެންމެ މޮޅު އަންހެން ދަރިވަރުގެ މަގާމު އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގެ ކެޑޭޓް، ކޯޕްރަލް ފާތިމަތު މައިހާ މުޙައްމަދު ހާސިލްކުރިއިރު އެކަޑެމިކް މާއްދާތަކުން އެންމެ މޮޅު ދަރިވަރުގެ މަގާމު ހާސިލުކުރީ މާފުށީ ސްކޫލުގެ ކެޑޭޓް ސާޖަންޓް ޝައިމް ޝުވައިޒް އާދަމް ކަމަށެވެ. އަދި އެންމެ މޮޅު ޕްލެޓޫންގެ މަގާމު ހާސިލުކޮށްފައި ވަނީ މައިކް ޕްލެޓޫން ކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ.
އެމްއެންޑީއެފްއިން ބުނީ އިންޓަނޭޝަނަލް ކެޑޭޓް އެކްސްޗޭންޖް ޕްރޮގްރާމުގެ ދަށުން މި ކޭމްޕުގައި ބައިވެރިވި ގައުމުތަކުގެ ޑެލިގޭޝަންގެ އޮފިސަރުންނަށް މި ރަސްމިއްޔާތުގައި ބެޖު ހަވާލުކޮށްދެއްވާފައި ވާކަމަށެވެ.
އެފަރާތްތަކަށް ބެޖު ހަވާލުކޮށްދެއްވީ، އެމްއެންޑީއެފް ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިޔުރިޓީ ސްޓަޑީޒް އަދި ނޭޝަނަލް ކެޑޭޓް ކޯގެ ކޮމާންޑިން އޮފިސާ، ބްރިގޭޑިއާ ޖެނެރަލް ޢަބްދުﷲ އިބްރާހީމް ކަމަށާއި އެހެން ގައުމުތަކުގެ ކެޑޭޓުންނަށް ބެޖު ހަވާލުކޮށްދެއްވީ، ނޭޝަނަލް ކެޑޭޓް ކޯގެ ޑިރެކްޓާ އަދި ނޭޝަނަލް ކެޑޭޓް ކޯގެ ކާނަލް މުޙައްމަދު އަޝްރަފް ކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ.
މި ކެޑޭޓް ކޭމްޕްގެ މަގުސަދަކީ، ކޮންމެ ކެޑޭޓަކީ ވެސް މުޖުތަމައަށް ފައިދާހުރި އަދި ދިމާވާ އެކިއެކި ހާދިސާތަކުގައި ރޭވުންތެރިކަމާއެކު އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާބިލުކަން ހުރި ޒިންމާދާރު ރައްޔިތަކަށް ހެދުން ކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ.
ކޭމްޕްގައި ބައިވެރިވާ ކެޑޭޓުންނަކީ ހަރުދަނާ އަޚުލާގާއި ރިވެތި ސުލޫކެއްގެ ވެރިބަޔެއްގެ ގޮތުގައި ބިނާކުރުމާއި، ކެޑޭޓުންގެ މެދުގައި ދީނީ އަދި ގައުމީ ރޫހު އާލާކޮށް ދިރުވުމާއި، ދިވެހި އަސްކަރިއްޔާގެ އުނގެނުމުގެ ވެއްޓެއްގައި ނަފުސު ތަރުބިޔަތުކޮށް ބައްޓަން ކުރުމުގެ ފުރުސަތު ގައުމީ ކެޑޭޓުންނަށް ފަހިކޮށްދިނުމަކީ ވެސް މަގުސަދުތައް ކަމަށް ވަނީ ބުނެފައެވެ.
މި ކޭމްޕްގައި އަސްކަރީ ހުނަރުތަކުގެ ތެރެއިން ކަނޑައެޅޭ ބައެއް އަސާސީ ހުނަރުތައް ކެޑޭޓުންނަށް ތައާރަފު ކޮށްދިނުމުގެ އިތުރުން ގައުމީ ކެޑޭޓުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކޮށްދެއެވެ.