އުމުރުން 25 އަހަރުގެ މައިކީ މެޑިސަން އަކީ މިދިޔަ އަހަރުގެ އެންމެ ފަހު އެވޯޑު ސައިކަލްގެ ތެރެއިން އެންމެ ގިނަ އެވޯޑުތައް ހޯދި ތަރިއަށް ވެއްޖެއެވެ.
ފިލްމީ ދާއިރާގެ އެންމެ ޝަރަފުވެރި އެވޯޑު ކަމަށްވާ އޮސްކާސް ކައިރިވެފައިވާ ދަނޑިވަޅެއްގައި މިދިޔަ އަހަރު ފަހުކޮޅުގެ ގިނަ އެވޯޑުތައް ލިބިފައިވަނީ މައިކީ އަށެވެ. މައިކީއަށް ލިބިފައިވާ އެވޯޑުތަކުގެ ތެރޭގައި އެންމެ މޮޅު އެކްޓަރުން ފެށިގެން އެންމެ މޮޅު ބްރޭކްތުރޫ އެވޯޑު ވެސް ހިމެނެއެވެ. މި އެވޯޑު އޭނާ ވަނީ އެކި އެވޯޑު އިވެންޓުންތަކުން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ހޯދާފައެވެ.
މައިކީއަށް މި އެވޯޑު ލިބިފައިވަނީ މިދިޔަ އަހަރު ނެރުނު ފިލްމު ކަމަށްވާ "އަނޯރާ"ގެ ލީޑުން އޭނާ ފެނިގެން ދިޔަ ރޯލަށެވެ. މި ފިލްމަކީ ނެށުންތެރިޔެއްގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. މައިކީ މި ފިލްމުން ފެނިގެންދާނީ ނެށުންތެރިއެއްގެ ގޮތުގައި އުޅެނިކޮށް މަހުޖަނަކާ ދިމާވެ ކަންތައްތައް ވާ ގޮތެވެ.
އަނޯރާ ރިލީޒް ކޮށްފައިވާ ތާރީހުގެ ގޮތުން މި ފިލްމަކީ މިއަހަރުގެ އޮސްކާ ސައިކަލްގައި ވާދަ ކުރާނެ ފިލްމެކެވެ. އެގޮތުން މި ފިލްމަކީ އޮސްކާގެ އެންމެ ވަރުގަދަ ފިލްމުތަކުގެ ނޯމިނޭޝަނަށް ވާދަ ކުރާ ފިލްމަކަށް ވެގެންދިޔުމަކީ އެކަށީގެންވާ ކަމެކެވެ.
މައިކީގެ ރޯލަށް އޭނާގެ ފުރަތަމަ އޮސްކާ ނޯމިނޭޝަން ލިބޭނެ ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. އަދި މިމަހުގެ ތެރޭގައި މައިކީއަށް ފުރަތަމަ ނޯމިނޭޝަން ލިބިގެންދާނެ ކަން ނުވަތަ ނުލިބޭނެ ކަން އެނގޭނެއެވެ.
މައިކީގެ އިތުރުން މި އަހަރުގެ އެންމެ މޮޅު އެކްޓްރެސް ނޯމިނޭޝަން ލިސްޓުގައި ހިމެނޭނެ ކަމަށް ލަފާ ކުރެވޭ ތަރީންތައް ވެސް ވަނީ ގިނަ ބަޔަކު ފާހަގަކޮށްފައެވެ. އޭގެތެރޭގައި އެންޖެލީނާ ޖޯލީ އާއި ސިންތިޔާ އެރީވޯގެ އިތުރުން ފަނެންޑާ ތޯރޭޒް ފަދަ ތަރީން ހިމެނެއެވެ.
އުމުރުން 15 އަހަރުގައި އެކްޓިންގެ ތެރެއަށް ނިކުތް މައިކީ އެންމެ ފުރަތަމަ ފެނިގެން ގޮސްފައިވަނީ ޑްރާމާ ޝޯއަކުންނެވެ. އެއަށްފަހު ތަފާތު ފިލްމުތަކުން އޭނާ ފެނިގެން ގޮސްފައިވާއިރު އާންމުންނަށް އެންމެ ފާހަގަކޮށްލެވޭ އެއް ރޯލަކުން ފެނިގެން ގޮސްފައިވަނީ މަޝްހޫރު "ސްކްރީމް" ފްރެންޗައިޒްގެ ފަސްވަނަ ބައިންނެވެ.