އެންމެފަހުން އެންޖިލީނާ އާއި ބްރެޑް ވަރި ފައިނަލްވެއްޖެ

ހޮލީވުޑްގެ ތާރީހުގައި ވެސް މިހާތަނަށް ކުރިއަށް ދިޔަ އެންމެ ދިގު ވަރީގެ މައްސަލައަށް ފަހު މަޝްހޫރު ތަރިން އެންޖެލީނާ ޖޯލީ އަދި ބްރެޑް ޕިޓްގެ ވަރީގެ މައްސަލަ ނިމުމަކަށް އައިސްފިއެވެ.

އެންޖެލީނާ އާއި ބްރެޑް އަކީ އެއް އިރެއްގައި ހޮލީވުޑްގެ އެންމެ ވަރުގަދަ "އިޓް" ޖޯޑެވެ. ދާ ކޮންމެ ތަނަކުންވެސް ހުރިހާ ސަމާލުކަމެއް މި ޖޯޑު އަތުލައެވެ. ދެމީހުންގެ ދެމެދުގައި ކާމިޔާބު ދެ އޮސްކާ އެވޯޑު އޮތް އިރު ދެމީހުންގެ ހަ ކުދިން ތިއްބެވެ.

ނަމަވެސް ޕިޓް ގާތުން ވަރި ވުމަށް އެދި ޖޯލީ 2016 ވަނަ އަހަރު ހުށަހެޅި މައްސަލައާއެކު އެތައް ބަޔަކަށް ލިބިގެން ދިޔައީ ބޮޑު ޝޮކެކެވެ.

ޖޯލީ އެ އަހަރު ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ އާއިލާ އެއްކޮށް ޕްރައިވެޓް ޖެޓެއްގައި ދަތުރު ކުރަމުން ދިޔަ ވަގުތު ޕިޓް ވަނީ އޭނާއަށް އަނިޔާ ކޮށްފައި ކަމަށެވެ. މި އަނިޔާ ކޮށްފައިވަނީ އޭނާގެ ދަރީންތައް ކުރިމަތީގައި ކަމަށްވެސް ޖޯލީގެ މައްސަލައިގައި ބުނެފައިވެއެވެ.

ޕިޓް އާ ދެކޮޅަށް ކޮށްފައިވާ ތުހުމަތުތައް ވަނީ އޭނާ ދެކޮޅު ހަދާފައެވެ. އަދި އެއަށްފަހު މި މައްސަލަ އެއްވެސް ކޮޅެއްގައި ނުޖެހި އެތައް އަހަރެއް ދިގު ދެމިގެން ދިޔައިރު ޖޯލީގެ މައްސަލައަށް ބާރުދޭ އެތައް ހެއްކެއް ވަނީ ހުށަހަޅާފައެވެ. ނަމަވެސް ކޯޓުން ވަކި ގޮތެއް ނުނިމި އެތައް އަހަރެއް މައްސަލަ ދެމިގެން ދިޔައިރު ޕިޓް ފެށީ އިތުރު މަސައްކަތެވެ.

ޕިޓް ވަނީ ޖޯލީގެ އަގު ވައްޓާލައި އޭނާގެ ނަން ހަޑި ކުރުމަށް ތަފާތު "ސްމިއާ" ކެމްޕެއިންތައް ކުރިއަށް ގެންގޮސްފައެވެ. އޭގެތެރޭގައި ޕިޓަށް ޖޯލީ ބޭވަފާތެރިވި ކަމުގެ ތުހުމަތުތައް ހިމެނެއެވެ. ނަމަވެސް މިއިން ވާހަކަތަކަކީ ސާބިތު ކުރެވެން ހުރި ވާހަކަތަކެއް ނޫން ކަން ވެސް ޕިޓް އާންމުކުރި ހެކިތަކުން އެނގިގެން ދިޔައެވެ.

ގާތްގަނޑަކަށް 10 އަހަރު ވާން ގާތް ވެފައިވާ މި މައްސަލަ އެންމެފަހުން ނިންމާލާފައިވަނީ ދެފަރާތުންވެސް ކަންތައްތަކަށް އެއްބަސްވެގެން ކަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް ކޯޓުން ނިންމި ގޮތުގެ ލިޔުން އަދި މިހާތަނަށް އާންމު ކޮށްފައި ނުވާތީ އެކަމާ ގުޅޭ އިތުރު މައުލޫމާތުތަކެއް އެނގޭކަށް ނެތެވެ.

އެކީގައި މަސައްކަތް ކުރަން އުޅުމުގެ ތެރޭގައި ދިމާވެ ޖޯލީ އާއި ޕިޓް ކައިވެނި ކޮށްފައިވަނީ 2014 ވަނަ އަހަރުގައެވެ.

comment ކޮމެންޓް