މަގާމުން ދުރުކޮށްފައިވާ ދެކުނު ކޮރެއާގެ ރައީސް ޔޫން ސުކް ޔޮލް ހައްޔަރުކުރުމުގެ އަމުރެއް އެ ގައުމުގެ ކޯޓަކުން ނެރެފިއެވެ.
އަސްކަރީ ގާނޫނު އިއުލާނުކުރެއްވި މައްސަލައިގައި ޔޫން ހައްޔަރުކުރުމުގެ އަމުރަކަށް އިންވެސްޓިގޭޓަރުން އެދުނީ އިއްޔެއެވެ. ރިޕޯޓުތައް ބުނާ ގޮތުގައި ކޯޓު އަމުރު ނެރެދިނުމަށް އެދުނީ ސަރުކާރާ ދެކޮޅަށް ބާޣާވަތެއް ގެނަން މަސައްކަތްކުރުމާއި ނަހަމަ ގޮތުގައި ބާރުގެ ބޭނުން ހިފި ކަމަށް ތުހުމަތުވާ ދައުވާގެ މައްސަލައިގައި ޔޫންއާ ސުވާލުކުރަން ހާޒިރުވެވަޑައިގަތުމަށް ފޮނުވި ތިން ޗިޓަކަށް އިޖާބަ ނުދެއްވުމުންނެވެ.
"ޖޮއިންޓް އިންވެސްޓިގޭޝަންގެ މައި އޮފީހުން އެދުނު ގޮތަށް ރައީސް ޔޫން ހައްޔަރު ކުރުމުގެ އަމުރާއި ބަލައިފާސްކުރުމުގެ އަމުރު މިއަދު ހެނދުނު ނެރެފައި ވަނީ." އެ އޮފީހުން ނެރުނު ބަޔާނުގައިވެއެވެ.
"ކުރިއަށް އޮތް ޝަރީއަތުގެ މަޖިލީހުގެ އެއްވެސް ޝެޑިއުލެއް ކަނޑައަޅާފައެއް ނުވޭ."
އެ އަމުރު ނެރުނު ނަމަވެސް ތަހުގީގު ކުރާ ފަރާތްތަކަށާއި ފުލުހުންނަށް އެ އަމުރު ތަންފީޒު ކުރެވޭނެ ކަމެއް ސާފެއް ނުވެއެވެ.
މީގެ ކުރިން ތިން ފަހަރެއްގެ މަތިން ރައީސްގެ ސަލާމަތީ ޚިދުމަތުން ވަނީ ބަލައިފާސްކުރުމުގެ އަމުރަށް އަމަލުކުރަން ދެކޮޅު ހަދައިފިއެވެ.
ދެކުނު ކޮރެއާގެ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި އިންވެސްޓިގޭޓަރުން ސަލާމަތީ ޚިދުމަތާއެކު މަސައްކަތް ކުރަން ބޭނުންވާނެ ކަމަށް ބެލެވޭތީ، ރިޔާސީ ގެކޮޅު ބަލައިފާސްކުރުމުގެ ފުރުސަތު ކުޑައެވެ.
ޔޫންގެ މައްސަލަ ބަލަމުން ދަނީ ޕީޖީންގެ އިތުރުން ފުލުހުންނާއި ޑިފެންސް މިނިސްޓްރީއާއި އެންޓި ކޮރަޕްޝަން އޮފިޝަލުން ހިމެނޭ ޓީމަކުންނެވެ.
ރޮއިޓާސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި އޭއެފްޕީއަށް ފެނުނު 10 ސަފްހާގެ ޕްރޮސެކިއުޓަރުންގެ ރިޕޯޓެއްގައި ބުނެފައިވަނީ ޔޫން ވަނީ އަސްކަރީ ގާނޫނު ނާކާމިޔާބުވި ދުވަސްވަރު މަޖިލީހަށް ވަންނަން ޖެހިއްޖެ ނަމަ ހަތިޔާރުގެ ބޭނުންކުރަން އަސްކަރިއްޔާއަށް ހުއްދަ ދީފައެވެ.
ނަމަވެސް އެ ރިޕޯޓަކީ ވަކި ފަރާތަކަށް ބުރަވާ ދޮގު ރިޕޯޓެއް ކަމަށް ޔޫންގެ ވަކީލު ޔޫން ކަބް-ކިއުން ވަނީ ބުނެފައެވެ.
ޔޫންއަށް ވަނީ ސަރުކާރާ ދެކޮޅަށް ބަޣާވާތެއް ގެނައުމަށް މަސައްކަތްކުރެއްވި ކަމަށްވެސް ތުހުމަކޮށްފައެވެ. ކުށް ސާބިތުވެއްޖެނަމަ، އުމުރަށް ޖަލަށްލުން ނުވަތަ މަރުގެ އަދަބު ވެސް ލިބިދާނެއެވެ.
މި މަހުގެ ތިންވަނަ ދުވަހު ޔޫން އަސްކަރީ ގާނޫނު އިއުލާނުކުރެއްވީ އިދިކޮޅުން ބަޣާވާތެއް ކުރަން އުޅޭ ކަމަށާއި އުތުރު ކޮރެއާއާ ގުޅިގެން މަސައްކަތް ކުރާ ކަމަށް ތުހުމަތު ކުރައްވައެވެ. ނަމަވެސް، ގާނޫނު ހަދާ މަޖިލީހުން ފާސްނުވުމުން އަސްކަރީ ގާނޫނު ދެތިން ގަޑިއިރުތެރޭގައި ވަނީ އަނބުރާ ގެންދަވާފައެވެ.
ދައުލަތުން ނެރެފައިވާ ދައުވާ ރިޕޯޓުގައިވާ ގޮތުން ޔޫން އަސްކަރީ ގާނޫނު އިއުލާން ކުރުމާ ގުޅޭ ގޮތުން އަސްކަރީ އިސް އޮފިޝަލުންނާ އެކު މާޗް މަހުގެ ކުރީކޮޅުން ފެށިގެން މަޝްވަރާ ކުރައްވަމުން ގެންދިޔަކަމުގެ ހެކި އެބަހުއްޓެވެ.