ކްރިތީ ބުނީ ފިލްމު ޕްރޮމޯޝަންގައި އުޅުމަކީ ވަރުބަލިކޮށްލާ ކަމެއް ކަމަށް

ފިލްމުތަކުގެ ދިގު ޝެޑިއުލްއެއް ނިންމާލުމަށް ފަހު ލިބިފައި ހުންނަ ވަރުބަލިކަން ނުފިލަނީސް އެ ފިލްމުތަކުގެ ޕްރޮމޯޝަން މަސައްކަތްތަކުގައި އަވަދިނެތި އުޅުމަކީ މީހާ ވަރަށް ވަރުބަލިކޮށްލާ ކަމެއް ކަމަށް ބަތަލާ ކްރިތީ ސެނޮން ބުނެފިއެވެ.

ފިލްމީ ޕްރޮމޯޝަން ހަފުލާތަކުން ފިލްމީތަރިން ފެންނައިރު ބެލުންތެރިންނާ އަދި މީޑިއާތަކާ ބައްދަލުކުރަނީ ވަރަށް އުފާވެރި ހިނިތުންވުމަކާ އެކު ކަމަށް ވިޔަސް އެ ހިނިތުންވުމުގެ ފަހަތުގައި ފޮރުވިފައި ހުންނަ ވަރުބަލިކަން އާއްމުންނަށް އިހުސާސް ވެސް ނުކުރެވޭނެ ކަމަށް ބަތަލާ ވަނީ ބުނެފައެވެ.

ކްރިތީ ދާދިފަހުން ބައިވެރިވި ރަންވީރު އައްލާހްބާދިއާގެ ޔޫޓިއުބް ޗެނަލް ޝޯގައި ބުނެފައިވަނީ 2022 ވަނަ އަހަރު ބަތަލާ މަސައްކަތްކުރި ފިލްމު "ބޭޅީޔާ"ގެ ޕްރޮމޯޝަންތަކުގައި އެކަން ވަރަށް ބޮޑަށް އިހުސާސްކުރެވުނު ކަމަށެވެ.

ކްރިތީ ސެނޮން މަޝްހޫރު ކޮންޓެންޓް ކްރިއޭޓަ ރަންވީރު އައްލާހްބާދިއާގެ ޕޮޑްކާސްޓު ޝޯގައި--ފޮޓޯ/ފޭސްބުކް

އެ އަހަރަކީ ވަރަށް ކައިރި ކައިރީގައި ކްރިތީ އިތުރު ދެ ފިލްމެއްގައި މަސައްކަތްކުރި އަހަރެއް ކަމުން މުޅިއެކު ތިން ފިލްމެއްގެ ޕްރޮމޯޝަން މަސައްކަތްތަކުގައި އުޅެންޖެހުމުން ނަފުސާނީ ގޮތުން ވެސް އޭގެ އަސަރު ބަތަލާއަށް ކުރި ކަމަށް މި ޝޯގައި ވަނީ ބުނެފައެވެ.

ފިލްމު ޕްރޮމޯޝަންތަކުގައި އަވަދިނެތި އުޅުމަށްވުރެ އެ ވަގުތު ހޭދަކުރަން ބޭނުން ވަނީ ފިލްމު ސެޓުގައި އެކްޓިންއާ ގުޅުންހުރި މަސައްކަތެއް ކުރުމަށް ކަމަށް ވެސް ކްރިތީ ވަނީ ބުނެފައެވެ. ފިލްމު "ބޭޅިޔާ"ގެ ޕްރޮމޯޝަންތަކުގައި އިންޑިއާގެ ވަރަށް ގިނަ ސިޓީތަކަށް ދަތުރު ކުރުމުން ބަތަލާ ހުރީ ވަރަށް ވަރުބަލިވެފައި ކަމަށާއި ދަތުރުމަތީގައި ގިނަ ދުވަސްތައް ހޭދަވީ ނުނިދާ ހޭލާ ކަމަށް ނެޝަނަލް އެވޯޑު ހާސިލުކޮށްފައިވާ ބަތަލާ ވަނީ ބުނެފައެވެ.

ކްރިތީ އާއި އެކްޓަރު ވަރުން ދަވަން ފިލްމު "ބޭޅިޔާ"ގެ ޕްރޮމޯޝަން"އެއްގައި ހަރަކާތްތެރި ވަނީ--ފޮޓޯ/ޕިންކްވިލާ

ބޮލީވުޑްގެ އެންމެ ހުނަރުވެރި ބަތަލާއިންގެ ތެރޭ ހިމެނޭ ކްރިތީގެ މިދިޔަ އަހަރު ވެސް ތިން ފިލްމެއް ރިލީޒްކުރިއިރު މި އަހަރު ވެސް ކްރިތީ ވަނީ ތިން ފިލްމަކުން ބެލުންތެރިންނާ ބައްދަލުކޮށްފައެވެ. އޭގެ ތެރޭގައި ފިލްމު "ތޭރީ ބާތޯމެ އޭސަ އުލްޖާ ޖިއާ"، "ޚްރޫ" އަދި ދާދިފަހުން ނެޓްފްލިކްސްގައި ރިލީޒްކުރި ފިލްމު "ދޯ ޕައްތީ" ހިމެނެއެވެ.

comment ކޮމެންޓް