މަސައްކަތް ވަރަށް ބޮޑަށް ލަސްކުރަން ޖެހުނު، ސައުތު ސިނަމާގެ މަގުބޫލު އެކްޓަރު ރާމް ޗަރަން އަދި ބަތަލާ ކިއާރާ އަދުވާނީ ލީޑުން ފެންނަ ފިލްމު "ގޭމް ޗޭންޖާ"ގެ ޓްރެއިލާ ބެލުންތެރިންނަށް ދައްކާލައިފިއެވެ.
ފިލްމުގެ ޓްރެއިލާ ދައްކައިލާފައިވަނީ އެ ކަމަށްޓަކައި ޑައިރެކްޓަރު އެސްއެސް ރާޖާމޮލީ އިންތިޒާމުކުރި ޚާއްސަ ހަފުލާއެއްގައެވެ. ފިލްމު "އާރްއާރްއާރް"ގެ އެކްޓަރުގެ މި ފިލްމަކީ މި އަހަރު ރިލީޒްކުރަން ތާވަލުކުރެވިފައިވާ ފިލްމުތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކު އިންތިޒާރުކުރާ އެއް ފިލްމެވެ.
ސިޔާސީ ހަލަބޮލިކަމާ އެކު ކޮރަޕްޝަންގެ މައްސަލަތަކަށް ހައްލެއް ހޯދުމާ ކުރާ މަސައްކަތްތައް ދައްކުވައިދޭ މި ފިލްމުން ރާމް ޗަރަން ފެންނާނީ ޑަބަލް ރޯލުންނެވެ.
މި ފިލްމަކީ މީގެ ފަސް އަހަރު ކުރިން އިއުލާނުކޮށް އެކި ސަބަބުތަކާ ހެދި މަސައްކަތް ވަރަށް ބޮޑަށް ލަސްކުރަން ޖެހުނު ފިލްމެކެވެ. މި ފިލްމުގެ ޑައިރެކްޓަރަކީ ތެލުގޫ މަގުބޫލު ފިލްމުތައް ގެނެސްދީފައިވާ ޑައިރެކްޓަރު އެސް. ޝަންކަރެވެ.
"ގޭމް ޗޭންޖާ" ސިނަމާތަކަށް ގެންނަން ނިންމާފައިވަނީ މި މަހުގެ 10 ވަނަ ދުވަހެވެ. ރާމް ޗަރަންގެ ކޮންމެ ފިލްމަކީ ވެސް ވަރަށް ގިނަ ބަޔަކު އިންތިޒާރުކުރާ ފިލްމުތައްކަމުން މި ފިލްމަށް ވެސް ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބޭނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ރާމް ޗަރަން އެންމެ ފަހުން ބެލުންތެރިންނަށް ފެނިފައިވަނީ މިދިޔަ އަހަރު ނެޓްފްލިކްސްއިން ގެނެސްދިން ޑައިރެކްޓަރު އެސް އެސް ރާޖާމޮލީގެ ޑޮކިއުމެންޓްރީ ސީރީޒުންނެވެ.
މީގެ ކުރިން ވެސް ތެލުގޫ ފިލްމުތަކުން ފެނިފައިވާ ބަތަލާ ކިއާރާގެ އެންމެ ފަހުގެ ފިލްމަކީ 2023 ވަނަ އަހަރު ރިލީޒްކުރި ފިލްމު "ސަތިޔަ ޕްރޭމްކީ ކަތާ"އެވެ.