މާލޭ ވޯޓާ އެންޑް ސްވަރޭޖް ކަމްޕެނީ (އެމްޑަބްލިޔުއެސްސީ)ން، އޮންލައިން ޚިދުމަތްތައް ހެޔޮ ބަދަލުތަކަކާ އެކު ތަޢާރަފުކޮށްފިއެވެ.
އޮންލައިން ޚިދުމަތްތައް ތަޢާރަފުކޮށްފައިވަނީ މިއަދު އެމްޑަބްލިޔުއެސްސީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ކުންފުނީގެ ޗެއާޕާސަން ޝަމްޙޫޒާ އަޙުމަދުއާއި އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު ޢަބްދުލް މަތީން މުޙައްމަދެވެ.
ކުންފުނީގެ އޮންލައިން ޚިދުމަތްތަކަށް ގެނައި ބަދަލުތަކުގެ ތެރޭގައި:
- ދައުލަތުގެ އެކި އޮފީސްތަކުގެ ޚިދުމަތްތައް އޮންލައިންކޮށް ފޯރުކޮށްދިނުމަށް ބޭނުންކުރާ އީ-ފާސް ނިޒާމު ބޭނުންކޮށްގެން އެމްޑަބްލިޔުއެސްސީގެ ޚިދުމަތަކަށް އެދި ހުށައެޅުން
- އޮންލައިންކޮށް އެޕްލިކޭޝަން ފުރުމަށް ފަހު ހުށައެޅުން
- ހުށައަޅާ އެޕްލިކޭޝަންތަކުގެ ކުރިއަށްދާ އެކި މަރުޙަލާތައް ފަސޭހަކަމާ އެކު ބަލައިލެވުން
- އެޕްލިކޭޝަންތަކުގެ މަރުޙަލާތައް ބަދަލުވަމުންދާ ސްޓޭޓަސް އެސްއެމްއެސް މެދުވެރިކޮށް ކަސްޓަމަރަށް ފޮނުވުން
- އޮންލައިން ޚިދުމަތް ބޭނުން ހިފައިގެން ކަސްޓަމަރުން ހުޅުވާފައިވާ ހުރިހާ އެކައުންޓެއްގެ މަޢުލޫމާތު އެއް ތަނަކުން ބަލައިލެވުން
- އެއް އެކައުންޓެއް މެދުވެރިކޮށް އެއް ބިލަށްވުރެ ގިނަ ބިލްތަކަށް އެއްފަހަރާ ފައިސާ ދައްކައި، އަދި އެކި އެކައުންޓުތަކުގެ ބިލުތަކަށް އެއްފަހާރާ ފައިސާދެއްކުން
އެ ކުންފުނިން އޮޕެރޭޓްކުރާ ރަށްރަށުގެ ފެން މީޓަރުތައް ސްމާޓް މީޓަރުތަކަށް ބަދަލުކުރުމުގެ މަސައްކަތުގެ ދަށުން، ސްމާޓް މީޓަރު ހަރުކޮށްފައިވާ ގޭބިސީތަކުގެ ކަސްޓަމަރުންނަށް ވަކިވަކި މީޓަރުތަކުން ފެން ބޭނުންކުރެވިފައިވާ ގޮތުގެ ތަފުސީލާއި، ފެން މީޓަރުގެ ރީޑިން ވެސް އަދި ފެންބިލްތަކުގެ ތެރެއިން ޑިއުވެފައިވާ ބިލްތަކާއި، ބިލްތަކުގެ ތަޕުސީލު ފަސޭހަކަމާ އެކު ބަލާލެވޭނެއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު ވިދާޅުވީ، އެމްޑަބްލިޔުއެސްސީގެ ޚިދުމަތްތައް ކަސްޓަމަރުންނާއި ހަމައަށް އޮންލައިންކޮށް ފޯރުކޮށްދިނުމުގެ މައިގަނޑު މަގުޞަދަކީ، ޒަމާނީ ޓެކްނޮލޮޖީއާއި ވަސީލަތްތައް ބޭނުންކޮށްގެން، ތިމާވެއްޓާ ރައްޓެހިގޮތެއްގައި ވީހާ ވެސް ލުއިފަސޭހަކަމާ އެކު ޚިދުމަތްތައް ލިބޭނޭ އިންތިޒާމުތައް ހަމަޖައްސައި ދިނުން ކަމަށެވެ.
އެހެންކަމުން މި ބަދަލުތަކާ އެކު އީ-ޕޯޓަލް ބޭނުންކުރުމުގައި ކަސްޓަމަރުންނަށް އިތުރަށް ފަސޭހަވާނެކަން ވެސް އޭނާ ވަނީ ފާހަގަކޮށްފައެވެ.
އެމްޑަބްލިޔުއެސްސީގެ އަމާޒަކީ ކުންފުންޏަށް ލިބިފައިވާ ތަޖުރިބާގެ އަލީގައި ކުންފުނީގެ އުފެއްދުންތެރިކަން އެއްދުވަހުން އަނެއްދުވަހަށް ތަރައްގީކޮށް ކުރިއަރުވައި، އޭގެ މަންފާއާއި ލާބަ ކުންފުންޏަށާއި ދިވެހި މުޖްތަމައަށް ފޯރުކޮށްދިނުން ކަމުގައި ވެސް މަތީން ވަނީ ފާހަގަކުރައްވާފައެވެ.