ރޯދަމަހަށް ލޭ ހޯދަން ދިމާވާ ދަތިތަކަށް ހައްލެއް ހޯދަން އެހީތެރިވުމަށް ސަރުކާރުގެ ފެން ކުންފުނި, އެމްޑަބްލިއުއެސްސީން މުވައްޒަފުންނަށް މިއަދު ލޭ ހަދިޔާކުރުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.
މޯލްޑިވްސް ބްލަޑް ސާވިސެސް (އެމްބީއެސް)އާ ގުޅިގެން އެ ކުންފުނިން ހިންގި މި ހަރަކާތް ފައްޓަވައިދެއްވީ އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ޢަބްދުލްމަތީން މުޙައްމަދާއި އެ ކުންފުނީގެ ޗެއާޕާސަން ޝަމްހޫޒާ އަޙުމަދެވެ.

އެމްޑަބްލިއުއެސްސީން ކުރިއަށް ގެންދިޔަ ލޭ ހަދިޔާކުރުމުގެ ހަރަކާތުގެ ތެރެއިން ---- ފޮޓޯ/ އެމްޑަބްލިއުއެސްސީ
އެމްޑަބްލިއުއެސްސީން ބުނީ، މި ހަރަކާތަކީ ސަރުކާރުން އިސްނަގައިގެން ކުރިއަށް ގެންދާ ގައުމީ ލޭ ހަދިޔާ ކުރުމުގެ ކެމްޕެއިންގެ ދަށުން ހިންގި ހަރަކާތެއް ކަމަށެވެ. އެގޮތުން، ހަރަކާތް ކުރިއަށް ގެންދިޔުމުގެ އެންމެ މުހިންމު ބޭނުމަކީ ރޯދަމަހާ ދިމާކޮށް ލޭ ލިބުމަށް ދިމާވާ ދަތިތަކަށް އެހީތެރިކަން ދިނުން ކަމަށް އެމްޑަބްލިއުއެސްސީން ވަނީ ބުނެފައެވެ.

އެމްޑަބްލިއުއެސްސީގެ ލޭ ހަދިޔާކުރުމުގެ ހަރަކާތުގެ މޭޔަރު އާޒިމް ބައިވެރިވެވަޑައިގަންނަވަނީ --- ފޮޓޯ/ އެމްޑަބްލިއުއެސްސީ
މި ހަރަކާތުގައި އެމްޑަބްލިއުއެސްސީގެ ސީނިއާ މެނޭޖުމަންޓުގެ އިތުރަށް ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވެފައިވާއިރު، މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމާއި މާލެ ސިޓީ ކައުންސިލްގެ މުވައްޒަފުން ބައިވެރިވެޑައިގެންފައިވެއެވެ.
އެމްޑަބްލިއުއެސްސީން ވަނީ މުޖުތަމައުގެ ލާބައާއި މަންފާއަށްޓަކައި މިފަދަ ހަރަކާތްތަކަށް ކުންފުނީގެ މުވައްޒަފުން އިސްނަގައިގެން ދޭ އެހީތެރިކަމަށް ޝުކުރު އަދާކޮށްފައެވެ.