އެޕް މެދުވެރިކޮށް ފެންބިލު ދައްކާ ތިން މީހަކަށް އެމްޑަބްލިއުއެސްސީގެ ފަރާތުން އުމްރާ ދަތުރެއް

އެމްޑަބްލިއުއެސްސީގެ އެޕް ބޭނުންކުރަނީ -- ފޮޓޯ/ އެމްޑަބްލިއުއެސްސީ

އެމްޑަބްލިއުއެސްސީއަށް 30 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން، އެ ކުންފުނީގެ އެޕް މެދުވެރިކޮށް ބިލު ދައްކާ ޑޮމެސްޓިކް ކަސްޓަމަރުންގެ ތެރެއިން ގުރުއަތުން ހޮވޭ ތިން ނަސީބުވެރި ފަރާތަކަށް ޢުމްރާ ދަތުރެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.

މިއީ "އެކުވެރި ރޯދަ 30"ގެ ނަމުގައި ކުރިއަށް ގެންދާ ޕްރޮމޯޝަނެކެވެ.

މިޕްރޮމޯޝަންގެ މަޤުސަދަކީ ރަމަޟާންމަހާ ގުޅުވައިގެން ކުންފުނީގެ ކަސްޓަމަރުންނަށް ފަހި ފުރުސަތެއް ތަނަވަސް ކޮށްދިނުމާއެކު ވީހާވެސް ގިނަ ކަސްޓަމަރުން ކުންފުނީގެ އެޕަށް އަހުލުވެރިކުރުވުން ކަމަށް އެ ކުންފުނިން ބުނެއެވެ.

އަދި ބިލުދެއްކުމަށް ކައުންޓަރުތަކަށް އައުމުގެ ބަދަލުގައި އެޕް ފަދަ ޒަމާނީ ވަސީލަތްތައް ބޭނުންކުރުމަށް ޢާންމުނަށް ބާރުއެޅުމާ، ވަގުތު ސަލާމަތްކުރުމާ ކުންފުނީގެ ޚިދުމަތް ޑިޖިޓަލައިޒްކޮށް ޒަމާނީ ގޮތަށް އަހުލުވެރިކުރުން ކަމަށް އެ ކުންފުނިން ބުނެއެވެ.

މިޕްރޮމޯޝަން ކުރިއަށްދާނީ މިހިނގާ މާޗުމަހުގެ 31ވަނަ ދުވަހުގެ ނިޔަލަށް ކަމަށާއި ޕްރޮމޯޝަންގައި ބައިވެރިވެވޭނީ ވަކި ޝަރުތުތަކެއް ފުރިހަމަވާ ކަސްޓަމަރުންނަށް ކަމަށް އެ ކުންފުނިން ބުނެއެވެ.

އެގޮތުން ފުރިހަމަވާންޖެހޭ ޝަރުތުތަކުގެ ތެރޭގައި:

  • ކުންފުނީގެ ޑޮމެސްޓިކް ކަސްޓަމަރުން
  • ޕްރޮމޯޝަން މުއްދަތުގެ ތެރޭގައި ކުންފުނީގެ އެޕް މެދުވެރިކޮށް ބިލަށް ފައިސާ ދައްކާ ކަސްޓަމަރުން
  • ޕްރޮމޯޝަންގެ މުއްދަތު ހަމަވާއިރު ފައިސާ ދެއްކުމުގެ މުއްދަތު ހަމަވެފައިވާ އެއްވެސް ފެންބިލެއް ނުވަތަ އަދަދެއް
    ނުދައްކައި ނެތް ކަސްޓަމަރުން

މިޕްރޮމޯޝަންގެ ދަށުން ގުރުއަތުން ހޮވޭ ތިން ނަސީބުވެރި ފަރާތް އިއުލާންކުރާ ތާރީހުން ފެށިގެން އެއް އަހަރު ދުވަހުގެ ތެރޭގައި އުމްރާ ދަތުރުގެ ބޭނުންކުރަން ވާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

އުމްރާ ދަތުރު ލިބޭ ފަރާތަށް އެ ދަތުރު ބޭނުން ނުކުރެވޭނަމަ އެހެން މީހަކަށް ބަދަލުކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް އެމްޑަބްލިއުއެސްސީން ވަނީ ބުނެފައެވެ.

އަދި ގުރުއަތު ނަގަން ހަމަޖެހިފައިވާ ތާރީޚު ފަހުން ކަސްޓަމަރުންނާ ހިއްސާކުރާނެ ކަމަށާ މިކަމާ ބެހޭގޮތުން އެއްވެސް ކަމެއް ސާފުކުރަން ބޭނުންވާނަމަ ކުންފުނީގެ ކަސްޓަމާ ކެއާ ސެންޓަރުގެ ހޮޓްލައިން 105އަށް ގުޅުމުން މައުލޫމާތު ސާފު ސާފު ކުރެވޭނެކަމަށް އެމްޑަބްލިއުއެސްސީން ބުންޏެވެ. އަދި 1050އަށް އެސްއެމްއެސް ފޮނުއްވުމުން ނުވަތަ ކުންފުނީގެ އީމެއިލްއަށް މެއިލް ކުރުމުން ވެސް އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

comment ކޮމެންޓް