ދަނބިދަރީގެ ގެއަށް މަތިންދާބޯޓެއްގައި އޮއްސާލީ ފައިސާ

ޕާކިސްތާނުގައި ފިރިހެނަކު އޭނާގެ ދަރިފުޅުގެ ކައިވެންޏަށް މަތިންދާ ބޯޓެއް ކުއްޔަށް ހިފުމަށް ފަހު އޭނާގެ ދަނބިދަރިފުޅު ދިރިއުޅޭ ގޭގެ ސަރަހައްދަށް ނަގުދު ފައިސާ އޮއްސާލުމާ އެކު ގިނަ ބައެއްގެ ސަމާލުކަން ލިބިއްޖެއެވެ.

މި ކަން ކޮށްފައިވަނީ ޕާކިސްތާނުގެ ސިންދު ޕްރޮވިންސްގެ ސިޓީއެއް ކަމަށްވާ ހައިދަރުއާބާދުގައެވެ.

އެކްސް އެކައުންޓެއްގައި މީހަކު ހިއްސާކޮށްފައިވާ ވީޑިއޯއިން މަތިންދާ ބޯޓަކުން އަންހެން ކުއްޖާގެ ގޭގެ މަތިން ގިނަ އަދަދެއްގެ ފައިސާތައް އޮއްސާލުމާ އެކު އެ ސަރަހައްދަށް ފައިސާގެ ނޫޓުތައް ވަޔާ އެކު އުދުހެމުންދާ މަންޒަރު ފެނެއެވެ.

މި ވީޑިއޯ ހިއްސާކުރި މީހާ ބުނެފައިވަނީ ޖައްވުގައި ވަޔާ އެކު އުދުހެމުންދިޔަ ފައިސާގެ ނޫޓުތަކަކީ ކައިވެނިކުރި ފިރިހެން ކުއްޖާގެ ޚާއްސަ އެދުމެއްގެ މަތިން އެ ކުއްޖާގެ ބައްޕަ އޭނާގެ ދަނބިދަރިއަށް ކޮށްދިން ކަމެއް ކަމަށެވެ. ރިޕޯޓުތައް ބުނާގޮތުން މަތިންދާ ބޯޓެއް މެދުވެރިކޮށް ބަހާލި ފައިސާގެ އަގު އެތައް މިލިއަން ރުޕީސްއަށް އަރާނެއެވެ.

ޕާކިސްތާނުގެ ހައިދަރުއާބާދަށް ނިސްބަތްވާ އަންހެން ކުއްޖާގެ ގެއަށް މަތިންދާބޯޓުން ފައިސާ އޮއްސާލާ މަންޒަރު--ފޮޓޯ/އެމްއެސްއެން

މި ވީޑިއޯ ވައިރަލްވެ އާއްމުންގެ ގިނަ ބައެއްގެ ސަމާލުކަން ލިބުނު ހިސާބުން ވަރަށް ގިނަ ބަޔަކު ވަނީ ބޭކާރު ގޮތުގައި ފައިސާ ޚަރަދުކުރުމުގެ މި އަމަލު ކުށްވެރިކޮށް މިއީ ބޮޑު އިސްރާފެއް ކަމަށް ބުނެފައެވެ.

އިސްލާމްދީނުގައި ކައިވެނީގެ ގުޅުމުގެ މާތްކަން އެހާ ބޮޑުވެފައި ކުރެވޭ ކައިވެންޏަކީ ވީހާ ވެސް ސާދާސީދާ ރަސްމިއްޔާތެއްގެ ގޮތުގައި ބޭއްވުމަށް ބާރުއަޅާ ބާރުއެޅުން ފާހަގަކޮށް ޕާކިސްތާނު ފަދަ އިސްލާމީ ޤައުމަކުން މިފަދަ އަމަލުތައް ފެނުމަކީ ލަދުވެތި ކަމެއް ކަމަށް ބުނެ ގިނަ ބަޔަކު ވަނީ ފާޑުކިޔާފައެވެ.

ޕާކިސްތާނުގައި ބޭއްވޭ ކައިވެނިތަކުގައި ހިނގާ އާދަޔާ ޚިލާފު ކަންކަމަކީ ދޭތެރެދޭތެރެއިން މީޑިއާގެ ސަމާލުކަން ހޯދާ ކަންކަމަށްވާއިރު މިދިޔަ އަހަރު އެ ޤައުމުގައި ބޭއްވި ކައިވެނި ޕާޓީއަކަށް ދިޔަ މެހެމާނަކަށް ބަކަރި މަހުގެ ބިރިޔާނީން ބަކަރި މަސް މާ މަދުކަމަށް ފާހަގަކުރެވެމުން އެކަން ބޮޑު ކަމަކަށް ހަދައި އެ ޕާޓީގައި ބޮޑު ޒުވާބުގަނޑެއް ވަނީ ހިނގާފައެވެ. މި މަންޒަރުތައް ހިމެނޭ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާއްމުވެ، ގިނަ ބައެއްގެ ސަމާލުކަން މި ހާދިސާއަށް ވެސް ވަނީ ލިބިފައެވެ.

comment ކޮމެންޓް