މިދިޔަ ބުދަ ދުވަހު ސިނަމާތަކުގައި ރިލީޒްކުރި އެކްޓަރު ވަރުން ދަވަންގެ ފިލްމު "ބޭބީ ޖޯން"ގެ ވިޔަފާރި ދަށްވެ ބައެއް ތިއޭޓަރު ހޯލްތަކުން ފިލްމު ނަގާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ޖުމްލަ 180 ކްރޯޑު ރުޕީސް (ގާތްގަނޑަކަށް 20 މިލިއަން ޑޮލަރު)ގެ ބަޖެޓަކުން އުފެއްދި މި ފިލްމު ރިލީޒްކުރި ދުވަހު ލިބުނު އާމްދަނީގެ އަދަދު 11.25 ކްރޯޑު ރުޕީސްއަށް އެރިއިރު މިހާތަނަށް ފިލްމަށް ލިބުނު ޖުމްލަ އާމްދަނީގެ އަދަދަކީ 19.50 ކްރޯޑު ރުޕީސް (ގާތްގަނޑަކަށް 2 މިލިއަން އެމެރިކާ ޑޮލަރެ)އެވެ.
މިދިޔަ ހުކުރު ދުވަހާ ހަމައަށް ފިލްމުގެ ވިޔަފާރި ރަނގަޅު ވާނެކަމަށް އުއްމީދު ކުރެވުނު ނަމަވެސް ފިލްމުގެ ވިޔަފާރި އިތުރަށް ދަށްވެ ފިލްމު ގެނެސްދިން ޕްރޮޑަކްޝަން ހައުސްތަކުން ވަނީ މާޔޫސްކަން ފާޅުކޮށްފައެވެ.
ހަފުތާ ބަންދު ނިމޭއިރު ފިލްމަށް 30 ކްރޯޑު ރުޕީސްގެ އާމްދަނީއެއް ލިބިދާނެ ކަމުގެ ފުރުސަތު އެބައޮތް ކަމަށް ފިލްމު ޓްރޭޑް އެނަލިސްޓުން އަންދާޒާ ކުރި ނަމަވެސް މި ޗުއްޓީ ދުވަސްވަރާ ގުޅުވައިގެން އާއްމުކޮށް ލިބެންޖޭހޭ މިންވަރާ ގާތަށް ވެސް ފިލްމަށް ފައިދާ ނުވާނެ ކަމަށް ގިނަ ބަޔަކު ވަނީ ނިންމާފައެވެ.

ފިލްމު "ބޭބީ ޖޯން"ގެ މަންޒަރެއް އަދި އެ ފިލްމުގެ ބަދަލުގައި ސިނަމާތަކުގައި މިހާރު ދައްކަމުން އަންނަ ފިލްމު "މާކޯ"ގެ މަންޒަރެއް--ފޮޓޯ/ބޮލީވުޑްހަންގާމާ
މިކަމާ ގުޅިގެން ފިލްމުގެ އެގްޒިބިޓަރުން ވަނީ "ބޭބީ ޖޯން" ސިނަމާތަކުން ނެގުމަށްފަހު މި ފިލްމުގެ ބަދަލުގައި މަލަޔާލަމް ފިލްމު "މާކޯ"ގެ ހިންދީ ފިލްމު ދައްކަން ފަށާފައެވެ.
ވަރުން ދަވަން ވަރަށް ވަރުގަދަ އެކްޝަން ރޯލަކުން ފެންނަ ފިލްމު "ބޭބީ ޖޯން"އަކީ މިދިޔަ އަހަރު ރިލީޒްކުރި ކާމިޔާބު ފިލްމު "ޖަވާން"ގެ ޑައިރެކްޓަރު އެޓުލީ ޕްރޮޑިއުސްކޮށްފައިވާ ފިލްމެކެވެ.
ޖިއޯ ސްޓޫޑިއޯ އާއި އިތުރު ތިން ފިލްމު ކުންފުންޏެއް ގުޅިގެން އުފެއްދި މި ފިލްމަކީ، 2016 ވަނަ އަހަރު އެޓުލީ ޑައިރެކްޓް ކުރި ތަމަޅަ ފިލްމު "ތެރީ"ގެ ރިމޭކްއެކެވެ.
މި ފިލްމު ރިލީޒް ކުރުމުގެ ކުރިން ފިލްމުގެ ޕްރޮމޯޝަން ވެސް ފިލްމުގެ ޓީމުން ވަރަށް ކުލަގަދަކޮށް ވަނީ ބާއްވާފައެވެ. ފިލްމު "ބޭބީ ޖޯން"އަށް ބެލުންތެރިންގެ ފަރާތުން ފިނި ތަރުހީބެއް ލިބިފައި މިވަނީ މި ފިލްމަށް ފަހު ވަރުންގެ ފިލްމީ ކެރިއަރަށް ބޮޑު ބަދަލެއް އަންނާނެ ކަމަށް ޑައިރެކްޓަރު އެޓުލީ ބުނެފައި ވަނިކޮށެވެ.