ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސައިފް އަލީ ޚާން ސިއްރު އިންސްޓަގްރާމް އެކައުންޓެއް ގެންގުޅޭ ކަމަށް ދާދިފަހުން މީޑިއާއަށް ދިން އިންޓަވިއުއެއްގައި އެއްބަސްވެއްޖެއެވެ.
އިންޑިއާގެ ނޫހެއް ކަމަށްވާ ހިންދުސްތާން ޓައިމްސްއަށް ދިން އިންޓަވިއުއެއްގައި ވާހަކަ ދައްކަމުން ސައިފް ބުނީ ލިބޭ ހުސްވަގުތުގައި ސޯޝަލް މީޑިއާގައި ކަންކަން ހިނގާގޮތާ ބެހޭ މައުލޫމާތު ހޯދާ ކަމަށެވެ.
ނަމަވެސް ސައިފް އަކީ އެއްވެސް ސޯޝަލް މީޑިއާ ޕްލެޓްފޯމެއްގައި ނޫޅޭ އެކްޓަރެއް ކަމުން އިންޓަވިއުކުރަން ހުރި ހޯސްޓަށް ލިބުނީ ހައިރާން ކަމެކެވެ. ސައިފް ބުނި ގޮތުގައި އެކްޓަރު ގެންގުޅޭ އިންސްޓަގްރާމް އެކައުންޓަކީ ސިއްރު އެކައުންޓެކެވެ.
ސޯޝަލް މީޑިއާގައި އެހާ ހަރަކާތްތެރިކޮށް އުޅުމަކީ އެއްވެސް އިރަކު އެކްޓަރު އެހާ ގަޔާވާ ކަމެއް ނޫންކަމަށާއި ވަރަށް ގިނަ ފަހަރު ސިއްރުން ގެންގުޅޭ އިންސްޓަގްރާމް ޑިލީޓްކޮށްލުމުގެ ޚިޔާލު އަންނަ ކަމަށް ސައިފް ވަނީ ބުނެފައެވެ.

ސައިފް އަންހެނުން ބަތަލާ ކަރީނާ ކަޕޫރު އަދި ދެ ކުދިން ކަމަށްވާ ތައިމޫރު އާއި ޖޭއާ އެކު--ފޮޓޯ/ޕިންކްވިލާ
ސޯޝަލް މީޑިއާގައި ނޫޅޭތީ އެއްވެސް ބައެއްގެ ފަރާތުން ކަންކަން ހިއްސާކޮށްދިނުމަށް އެދި ނުވަތަ ބައެއްގެ އުފެއްދުންތައް ޕްރޮމޯޓުކޮށްދިނުމަށް އެދި ހުށަހެޅުން ނުލިބޭތީ އެއީ ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށް ސައިފް ވަނީ ބުނެފައެވެ.
ސައިފް އަކީ އަބަދުވެސް ހަމަހިމޭން ދިރިއުޅުމަކަށް ލޯބިކުރާ މީހެއް ކަމުން ސޯޝަލް މީޑިއާގެ ހަލަބޮލިކަމުން އޭނާ ބޭނުމީ އިހަށް ދުރުގައި އުޅުމަށް ކަމަށް އެކްޓަރު ވަނީ ބުނެފައެވެ.
އިންޑިއާގެ އިތުރުން ބޭރު ދުނިޔޭގެ ވެސް ވަރަށް ގިނަ މަޝްހޫރު މީހުން ސޯޝަލް މީޑިއާ ބޭނުންކުރާތީ އެކަމާ ދެކޮޅު ނުހަދާ ކަމަށާއި އެ ތަރިންގެ ނިންމުމަށް އިހުތިރާމްކުރާ ކަމަށް ވެސް ސައިފް ވަނީ މި އިންޓަވިއުގައި ބުނެފައެވެ.
ސޯޝަލް މީޑިއާ މެދުވެރިކޮށް ބެލުންތެރިންގެ ގިނަ އަދަދެއްގެ އޯޑިއަންސާ ގުޅުން ބަދަހިކުރެވޭ ކަމަށާއި ކުރިމަގުގައި ސައިފް ވެސް ސޯޝަލް މީޑިއާއިން ނުފެންނާނެއޭ ބުނަން ބޭނުންނުވާ ކަމަށް ބަތަލާ ކަރީނާ ކަޕޫރުގެ ފިރިމީހާ ވަނީ ބުނެފައެވެ.
ނަމަވެސް ސައިފް އާއި އާއިލާގެ ލައިފްސްޓައިލް ބައްޓަންވެފައި އޮތް އޮތުމާ މެދު އޭނާ ވަރަށް ހިތްހަމަޖެހޭ ކަމަށާއި ދިރިއުޅުން އިތުރަށް ހަލަބޮލިކޮށްލަން ބޭނުންނުވާ ކަމަށް މި އިންޓަވިއުގައި އެކްޓަރު ވަނީ ބުނެފައެވެ.
ސައިފްގެ އިތުރުން ވެސް ބޮލީވުޑްގެ ފިލްމީ ތަރިންގެ ތެރެއިން ސޯޝަލް މީޑިއާގައި ރަސްމީކޮށް ނޫޅޭ ވަރަށް ގިނަ ތަރިންނަކީ ނުރަސްމީ ނުވަތަ ސިއްރު އެކައުންޓެއް ގެންގުޅޭ ތަރިންނެވެ. އޭގެތެރޭގައި އެކްޓަރު ރަންބީރު ކަޕޫރު ވެސް ހިމެނެއެވެ.