އެންޓީއާރްއަށް 'ކޭޖީއެފް'ގެ ޑައިރެކްޓަރުގެ ފިލްމެއް، ފިލްމުގެ ބަޖެޓު ވެސް ބޮޑު

ސައުތު އެކްޓަރު އެންޓީއާރް ޖޫނިއަ އަދި ޑައިރެކްޓަރު ޕްރަޝާންތު ނީލް--ފޮޓޯ/އެމްއެސްއެން

މިދިޔަ އަހަރު ފިލްމު "ދޭވްރާ: ޕާޓް 1"އިން އެންމެފަހުން ބެލުންތެރިންނަށް ފެނުނު ތެލުގޫ އެކްޓަރު އެންޓީއާރް ޖޫނިއަ ބޮޑު ބަޖެޓަކުން އުފައްދާ ފިލްމަކަށް ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

މި ފިލްމަކީ ބޮޑު ކާމިޔާބީއެއް ހޯދި ކަންނާޑާ ފްރެންޗައިސް "ކޭޖީއެފް"ގެ ޑައިރެކްޓަރު ޕްރަޝާންތު ނީލް އުފައްދާ ފިލްމެކެވެ. ޕްރަޝާންތު ނީލް ޑައިރެކްޓްކުރާ މި ފިލްމުގެ ނަމަކީ "ޑްރެގަން" ކަމަށް ފިލްމީ ޚަބަރުތައް ގެނެސްދޭ ޕިންކްވިލާގައި ވަނީ ބުނެފައެވެ.

އެންޓީއާރު އިތުރު ފިލްމަކަށް ސޮއިކޮށްފައި މި ވަނީ އެކްޓަރުގެ ފިލްމު "ދޭވްރާ"އަށް ބެލުންތެރިންގެ ފަރާތުން ލިބުނު ކާމިޔާބީއާ އެކު އެކްޓަރުގެ އިތުރު ފިލްމަކަށް ބެލުންތެރިން އިންތިޒާރުކުރަމުން އަންނަނިކޮށެވެ.

އެކްޓަރު އެންޓީއާރް ޖޫނިއަ ފިލްމު "ދޭވްރާ"ގެ މަންޒަރެއްގައި--ފޮޓޯ/ފިލްމުފެއަ

ތެލުގޫގެ ނޫސް މަޖައްލާއަކާ ހަވާލާދީ ޕިންކްވިލާގައި ބުނެފައިވާ ގޮތުގައި މައިތްރީ މޫވީ މޭކާސް އާއި އެންޓީއާރް31އާ ގުޅިގެން އުފައްދާ މި ފިލްމުގެ ބަޖެޓުގެ ގޮތުގައި ކަނޑައަޅާފައި ވަނީ 360 ކްރޯޑު ރުޕީސްއެވެ.

މި ފިލްމުގެ މަސައްކަތް މިހާރު ފެށިފައިވާއިރު 300އަށް ވުރެ ގިނަ މީހުން ހިމަނައިގެން ރާމޯޖީ ފިލްމު ސިޓީގައި ކުރިއަށްދިޔަ އެކްޝަން ސީންއެއްގެ ފޮޓޯ އެންޓީއާރް ވަނީ ސޯޝަލްމީޑިއާގައި ހިއްސާކޮށްފައެވެ.

ރިޕޯޓުތައް ބުނާގޮތުން އެންޓީއާރް ފިލްމުގެ ޝޫޓިންގްއާ ގުޅޭނީ މި ފެށޭ މާޗް މަހުތެރޭގައެވެ. މި ފިލްމު ބެލުންތެރިންނާ ހަމައަށް ގެނެސްދޭނެ ކަމަށް ލަފާކުރެވެނީ އަންނަ އަހަރުގެ ޖަނަވަރީ މަހުގެ ނުވަ ވަނަ ދުވަހުއެވެ.

ފިލްމު "އާރްއާރްއާރް"އިން ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ލިބުނު އެންޓީއާރް އަންނަނީ އެކްޓަރުގެ ފުރަތަމަ ބޮލީވުޑް ފިލްމުގެ މަސައްކަތް ވެސް ކުރަމުންނެވެ.

އެއީ ވައިއާރްއެފްގެ ސްޕައި ޔުނިވާސްއިން ގެނެސްދޭ މަގުބޫލު ފްރެންޗައިސް "ވޯ"ގެ ދެވަނަ ފިލްމެވެ. ފިލްމު "ވޯ 2"އިން އެންޓީއާރް ފެންނާނީ ބޮލީވުޑް އެކްޓަރު ރިތިކް ރޯޝަންއާ އެކުއެވެ.

comment ކޮމެންޓް