އިންޑިއާގެ ކާމިޔާބު ކްރިކެޓް ކުޅުންތެރިޔާގެ ބައޮޕިކްއަށް ރާޖްކުމާރު ރާއޯ

އިންޑިއާގެ ޤައުމީ ކްރިކެޓް ޓީމުގެ ކުރީގެ ކެޕްޓަން ސޯރަވް ގަންގުލީ--ފޮޓޯ/ނިއުސް24އޮންލައިން

އިންޑިއާގެ ކާމިޔާބު ކްރިކެޓް ކުޅުންތެރިޔާ ސޯރަވް ގަންގުލީގެ ހަޔާތުގެ މައްޗަށް ބިނާކޮށް އުފައްދާ ކުޅިވަރު ބައޮޕިކްގައި ސޯރަވްގެ ރޯލް ކުޅޭނީ ހުނަރުވެރި އެކްޓަރު ރާޖްކުމާރު ރާއޯ ކަމަށް ސޯރަވް ބުނެފިއެވެ.

އިންޑިއާގެ މީޑިއާއަށް ދާދިފަހުން ދިން އިންޓަވިއުއެއްގައި އިންޑިއާގެ ޤައުމީ ކްރިކެޓް ޓީމުގެ ކުރީގެ ކެޕްޓަން ބުނެފައި ވަނީ، އޭނާގެ ބައޮޕިކް އުފެއްދުމުގެ މަސައްކަތް ކުރިއަށްދާކަން އެނގިފައިވާ ކަމަށެވެ.

މިހާތަނަށް އެނގިފައިވާ ގޮތުގައި ސޯރަވްގެ ރޯލް ކުޅޭނީ އެކްޓަރު ރާޖްކުމާރު ރާއޯކަން އެނގިފައިވާ ކަމަށާއި ނަމަވެސް އެކްޓަރަށް ފިލްމަށް ވަގުތު ދެވެން އަދި ދުވަސްކޮޅެއް ނަގާނެ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ސޯރަވް ވަނީ ބުނެފައެވެ. އެހެންކަމުން ފިލްމު ބެލުންތެރިންނާ ހަމައަށް ގެނެސްދޭން އަދި އަހަރެއްހާ ދުވަސް ނަގާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް ހުނަރުވެރި ކުޅުންތެރިޔާ ވަނީ ބުނެފައެވެ.

ރާޖްކުމާރު ރާއޯ ކްރިކެޓް ކުޅުންތެރިއެއްގެ ރޯލް ކުޅުނު ފިލްމު "މިސްޓަ އެންޑް މިސިޒް މާހީ"ގެ ޕޯސްޓަރެއް--ފޮޓޯ/ޕިންކްވިލާ

އިންޑިއާގެ ޤައުމީ ކުރިކެޓް ޓީމަށް ގިނަ ކާމިޔާބީތަކެއް ހޯދައިދިނުމުގައި ކެޕްޓަނެއްގެ ހައިސިއްޔަތުން މުހިއްމު ދައުރެއް ކުޅުނު ސޯރަވްގެ ހަޔާތުގެ މައްޗަށް ބިނާކޮށް އުފައްދާ މި ބައޮޕިކް އިއުލާނުކޮށްފައި ވަނީ 2021ވަނަ އަހަރުއެވެ.

ފިލްމު އިއުލާނުކުރި ފަހުން ސޯރަވްގެ ރޯލް ހުށަހެޅުނު ތަރިންގެތެރޭ ފިލްމީ ތަރިން ކަމަށްވާ ރަންބީރު ކަޕޫރު އަދި އަޔުޝްމާން ކުރާނާ ހިމެނެއެވެ. ފިލްމީ ރިޕޯޓުތައް ބުނާގޮތުން އަޔުޝްމާން މި ފިލްމަށް ސޮއިކުރުމަށްފަހު ފަހުން ވަނީ ފިލްމު ދޫކޮށްލާފައެވެ.

މި ބައޮޕިކްއަށް ރާޖްކުމާރު ރާއޯ ހަމަޖެހުނުކަން ފިލްމު ގެނެސްދޭ ޕްރޮޑަކްޝަން ޓީމުން ރަސްމީކޮށް އިއުލާނު ނުކުރަނީސް ސޯރަވް މި ވަނީ އެކަން ޔަގީންކޮށްދީފައެވެ.

މިދިޔަ އަހަރު ރިލީޒްކޮށް ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި "އިސްތިރީ 2"ގެ އެކްޓަރުގެ އެންމެފަހުން ރިލީޒްވި ފިލްމަކީ މިދިޔަ އަހަރު ސިނަމާތަކުގައި ރިލީޒްކުރި ހެއްވާ މަޖާ ފިލްމު "ވިކީ ވިދިޔާ ކާ ވޯ ވާލާ ވީޑިއޯ"އެވެ.

comment ކޮމެންޓް