މި ސަރުކާރުގެ އަމަލުތައް މިހާރު ހުރީ ކިތަންމެ ރަނގަޅަށް ކަމެއް ކުރި ނަމަވެސް ރައްޔަތުން އެ ކަމާމެދު ޝައްކު އުފައްދާހާ ގޯސް ހިސާބެއްގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ ކުރީގެ މެމްބަރު އިމްތިޔާޒު ފަހުމީ މިރޭ ވިދާޅުވެއްޖެއެވެ.
އެސްއެސްޓީވީގެ "ބާރު ހަތަރެއް" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އިމްތިޔާޒް ވަނީ މި ސަރުކާރުން ގެންނާނެ ކަމަށް ވައުދުވި އިސްލާހީ ބަދަލުތަކަށް އަލިއަޅުއްވައިލައްވައިފައެވެ.
އެގޮތުން އޭނާ ވިދާޅުވީ މާލީ ހާލަތު ރަނގަޅު ކުރުމަށް ސިޔާސީ ބޭފުޅުންގެ އަދަދު މަދުކުރާ ވާހަކަ ދެއްކި ނަމަވެސް އެކަން ވެސް ނުފެންނަ ކަމަށެވެ. އެހެންކަމުން ވާނުވާ ނޭނގި ގިނަ ކަންތައްތައް ވަމުންދަނީ ވަރަށް "އަނދިރީގައި"ކަމަށް އޭނާ ވަނީ ފާހަގަކުރައްވައިފައެވެ.
"ވަރަށް އަނދިރީގައި ކަންތައްތައް ވަމުންދާތީ މި ދަންނަވަނީ އަބަދުވެސް ޝައްކެއްގައޭ ރައްޔިތުން މި ތިބެންޖެހެނީ. ރަނގަޅަށް ކަމެއް ވިޔަސް ޝައްކެއްގައި ތިބެންޖެހޭ ގޮތަށް ކަން ވަމުންދަނީ،" އިމްތިޔާޒް ވިދާޅުވިއެވެ.
ހަމައެއާއެކު އޭނާ ވިދާޅުވީ ސިޔާސީ މަސްރަހު ދިރާސާ ކުރާ ބޭފުޅުންނާއި މަޖިލީހުގައި ތިއްބަވާ އިދިކޮޅު މެންބަރުން ވެސް ފާހަގަކުރައްވަނީ އެންމެފަހުން ފާސްކޮށްފައިވާ ބަޖެޓަކީ ވެސް ހަގީގަތެއް ނޭނގޭ ބަޖެޓެއް ކަމަށެވެ.
އާންމު ގޮތެއްގައި ބަޖެޓުގައި މަޝްރޫއުތަކަށް ކުރަންޖެހޭ ޚަރަދުގެ ތަފްސީލްތައް ވަރަށް ރަނގަޅަށް ފެންނަން އޮންނާނެ ކަމަށާއި ނަމަވެސް މިފަހަރު ފާސްކުރި ބަޖެޓުގައި އެއްވެސް ވަރަކަށް، މަޝްރޫތަކުގެ ތަފްސީލް އެނގެން ނެތްކަމަށް ވިދާޅުވިއެވެ.
އެހެންކަމުން އެއީ ސަރުކާރަށް ވަރަށް ބޮޑަށް އެއިން ނާޖާއިޒު ފައިދާ ނެގޭނެ ގޮތަކަށް އެކުލަވާލާފައި އޮތް ބަޖެޓެއް ކަމަށް އޭނާ ވަނީ ސިފަކުރައްވައިފައެވެ.
"ބަޖެޓުި ކިތަންމެހައި ވެސް ބޮޑު އިނގޭތޯ. އެކަމު އެއަށް ފައިސާ ލިބޭނެ ގޮތާއި، މިހިރަ ކަންކަން ނޭނގެނީ. އަދި އެއާއެކު ޕްރޮޖެކްޓްތައް. ކޮން ޕްރޮޖެކްޓަކަށް ކިހާ އަދަދެއްތޯ އެ ނެތް މި ފަހަރުގެ ބަޖެޓުގައި އެއްވަރަކަށް ވެސް. އެއީ އަޅުގަނޑު ހިތުން ރާއްޖޭގައި، އަދި ތާރީހުގައި ވެސް ބަޖެޓެއް އެކުލަވާނުލާ ގޮތެއް. އާ ގޮތަކަށް," އިމްތިޔާޒް ވިދާޅުވިއެވެ.
ބަޖެޓާ ގުޅިގެން އިދިކޮޅު އެމްޑީޕީން ވެސް ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.
އެއާއެކު އިމްތިޔާޒު ވިދާޅުވީ މިހާރު ގައުމު މިސްރާބު ޖަހައިފައިވާ މަގުން ސަލާމަތް ކުރުމަށް، ޑިމޮކްރެޓްސްއިން އިދިކޮޅު އެހެން ޕާޓީތަކާއެކު މަސައްކަތްކުރުމަށް ތައްޔާރަށް އޮތް ކަމަށް ވެސް ފާހަަގަކުރައްވައިފައެވެ.