މީގެކުރިން ވެސް އިންޑިއާގެ ފުލުހުންގެ ވާހަކަތައް ކިޔައިދޭ ފިލްމުތައް ބެލުންތެރިންނަށް ގެނެސްދީފައިވާ ކުޅަދާނަ ޑައިރެކްޓަރު ރޯހިތު ޝެޓީގެ ފިލްމަކަށް އެކްޓަރު ޖޯން އަބްރަހަމް ސޮއިކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ފިލްމު ޑައިރެކްޓް ކުރުމުގެ ދާއިރާގައި 15 އަހަރަށް ވުރެ ދިގު މުއްދަތެއް ހޭދަކޮށްފައިވާ ރޯހިތު އަލަށް އުފައްދަން ނިންމި ފިލްމަކީ މުމްބާއީގެ ކުރީގެ ޕޮލިސް ކަމިޝަނަރު ރާކޭޝް މާރިއާގެ ވާހަކަ ކިޔައިދޭ ބައޮގްރަފިކަލް ޑްރާމާއެކެވެ.
މި ފިލްމަކީ ޕޮލިސް ކަމިޝަނަރު ރާކޭޝް މާރިއާ ޤައުމަށް ކޮށްދިން އަގުހުރި ޚިދުމަތުގެ އަގުވަޒަން ކުރުމުގެ ގޮތުން ރޯހިތު އުފައްދަން ނިންމި ފިލްމެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.
އަންނަ އަހަރުގެ މެދުތެރޭ ފިލްމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުން އަންނައިރު ރޯހިތު އަންނަނީ އޭނާގެ މަގުބޫލު ފްރެންޗައިސް "ގޯލްމާލް"ގެ ފަސް ވަނަ ފިލްމުގެ މަސައްކަތް ވެސް ކުރަމުންނެވެ.
މި ފިލްމަކީ ރޯހިތުގެ ފިލްމު ކުންފުނި ކޮޕް ޔުނިވާސްގެ ހިއްސާއަކަށް ނުވި ނަމަވެސް ކޮމިޝަނަރު ރާކޭޝް މާރިއާގެ ވާހަކައިން އޭނާ އަކީ ޤައުމަށް ކިހާ މުހިއްމު ޚިދުމަތްތަކެއް ކޮށްދިން މީހެއްކަން ގިނަ ބަޔަކަށް އެނގޭނެ ކަމަށް ރޯހިތު ވަނީ ބުނެފައެވެ.
ބެލުންތެރިންނަށް މި ވާހަކަ ކިޔައިދެވުމަކީ އެންމެ މަތީ ފަންތީގެ ޔުނިވާސްއިން ކޮމިޝަނަރަށް ހޯދައިދެވޭނެ އެންމެ މަތީ ޝަރަފު ކަމަށް ގަބޫލުކުރެވޭ ކަމަށް ރޯހިތު ވަނީ ބުނެފައެވެ.
ރޯހިތު އެންމެ ފަހުން ގެނެސްދީފައި ވަނީ މިދިޔަ ނޮވެމްބަރު މަހުގެ އެއް ވަނަ ދުވަހު ސިނަމާތަކުގައި ރިލީޒްކުރި ފިލްމު "ސިންގްހަމް އަގެއިން"އެވެ.