ވިކީގެ ފިލްމު 'ޗާވާ' ގާނޫނާ ޚިލާފަށް ސްޓްރީމްކުރި މީހަކު ހައްޔަރުކޮށްފި

ފިލްމު "ޗާވާ"ގެ ލީޑް ތަރި ވިކީ ކޯޝަލް--ފޮޓޯ/ބޮލީވުޑްހަންގާމާ

އިއްޔެ ނެޓްފްލިކްސްގައި ސްޓްރީމްކުރަން ފެށި، ބޮލީވުޑް އެކްޓަރު ވިކީ ކޯޝަލްގެ ފިލްމު "ޗާވާ" ގާނޫނާ ޚިލާފަށް ސްޓްރީމްކުރަން އުޅުނު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އިންޑިއާގެ މުމްބާއީގެ ސައުތު ސައިބަ ޕޮލިސް ސްޓޭޝަންއިން ހައްޔަރުކޮށްފައި ވަނީ އުމުރުން 26 އަހަރުގެ ޒުވާނެކެވެ. ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި އޭނާ ހައްޔަރުކޮށްފައި ވަނީ ޑޮމެއިންއެއް މެދުވެރިކޮށް ފިލްމުތައް ސްޓްރީމްކުރާނެ ޚާއްސަ އެޕްލިކޭޝަނެއް އުފެއްދުމުގެ މަސައްކަތް ކުރަނިކޮށެވެ.

ފިލްމު "ޗާވާ"ވެސް ބަލަން ބޭނުންވާ ފަރާތްތަކުގެ އަތުން މި އެޕްލިކޭޝަން މެދުވެރިކޮށް އޭނާ ދިޔައީ ފައިސާ ވެސް އަތުލަމުންނެވެ.

މި ޒުވާނާ ހައްޔަރު ކުރުމުގެ ކުރިން ފިލްމު "ޗާވާ"ގެ ކޮޕީތަކެއް ވަޓްސްއަޕް، ޓެލެގްރާމް، ޔޫޓިއުބް އަދި ގޫގަލް މެދުވެރިކޮށް ސްޓްރީމްކުރާ ކަމުގެ ޝަކުވާތަކެއް ފުލުހުންނަށް ވަނީ ލިބިފައެވެ. ފިލްމު "ޗާވާ"އަކީ މެޑްޑޮކް ފިލްމްސްއިން ގެނެސްދިން ފިލްމެކެވެ. ވިކީ ކޯޝަލް ލީޑް ރޯލް ކުޅެފައިވާ މި ތާރީޚީ ފިލްމަކީ އެކްޓަރުގެ ކެރިއަރުގެ އެންމެ ބޮޑު ކާމިޔާބީއެއް ލިބުނު ފިލްމެވެ.

ފިލްމު "ޗާވާ"ގެ ލީޑް ތަރި ވިކީ ކޯޝަލް އަދި ބަތަލާ ރަޝްމިކާ މަންދަންނާ--ފޮޓޯ/ބޮލީވުޑްހަންގާމާ

ބޮޑު ޚަރަދުކޮށްގެން ސިނަމާތަކުގައި ރިލީޒްކުރާ ފިލްމުތައް ވެސް ލީކުކޮށްލުމަކީ މިފަހަކަށް އައިސް އިންޑިއާގައި ވަރަށް އާއްމުކަމެކެވެ. ދާދިފަހުން ރިލީޒްވި ސަލްމާން ޚާންގެ ފިލްމު "ސިކަންދަރު" ވެސް ރިލީޒްކުރުމުގެ ގަޑިއިރުތަކެއް ކުރިން އޮންލައިންކޮށް ފިލްމު ވަނީ ލީކުކޮށްފައެވެ.

މިކަމާ ގުޅިގެން ފިލްމު އިންޑަސްޓްރީގެ ގިނަ ބަޔަކު ވަނީ ކަންބޮޑުވާކަން ފާޅުކޮށްފައެވެ. ފިލްމު "ސިކަންދަރު" ލީކުކޮށްލުމާ ގުޅިގެން ކަމާބެހޭ އިދާރާތަކުން ވަނީ އެވަގުތު އޮންލައިންކޮށް ފިލްމު ސްޓްރީމުކުރަމުންދިޔަ 600އެއްހާ ވެބްސައިޓުން ފިލްމު ފޮހެލާފައެވެ.

comment ކޮމެންޓް