ތަފާތު ގިނަ ހިޓުތަކެއް ރިލީޒްކޮށްފައިވާ ޒުވާން ލަވަކިޔުންތެރިޔާ ދުއާ ލީޕާ އެންގޭޖުވިކަމުގެ ވާހަކަތަކެއް ދެކެވެން ފަށައިފިއެވެ.
ދުއާއަށް މި އަހަރަކީ ފުދޭ ވަރަކަށް ބިޒީ އަހަރެކެވެ. އޭނާގެ ތިންވަނަ ސްޓޫޑިއޯ އަލްބަމް ރިލީޒްކުރުމަށް ފަހު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޓުއާ ވެސް ދީފައިވަނީ މި އަހަރުގެ ތެރޭގައެވެ. ދުއާގެ ކެރިއަރަށް ބިޒީ އަހަރަކަށްވުމުގެ އިތުރުން އަމިއްލަ ދިރިއުޅުމަށް ވެސް މިއީ ބޮޑު އަހަރެކެވެ.
ޖެނުއަރީ ކުރީކޮޅުގައި އަޑުއިވެން ފެށީ ދުއާ ސިންގަލް ނޫންކަމުގެ ވާހަކައެވެ. އިނގިރޭސިވިލާތުގެ މަޝްހޫރު އެކްޓަރު ކެލަމް ޓާނާއާ އެކު ލޯބީގެ ގޮތުން އުޅޭކަމުގެ ވާހަކަ ދެ މީހުން އާންމުކުރީ މާޗު މަހުގައި ބޭއްވި ރެޑް ކާޕެޓް އިވެންޓެއްގެ ތެރެއިންނެވެ.
އެއަށް ފަހު މި ޖޯޑު ވަނީ އެކި އިވެންޓުތަކުން ފެނިފައެވެ. މި ފަހަރު މިއޮތީ އަނެއްކާ ވެސް ދެ މީހުންގެ ގުޅުމަށް އަޕްޑޭޓެއް ލިބިފައެވެ. އިނގިރޭސިވިލާތުގެ ނޫސްތަކުން ބުނާގޮތުގައި ދެ މީހުން ވަނީ އެންގޭޖުވެފައެވެ. ދެ މީހުން އެންގޭޖުވެފައިވަނީ މި ކްރިސްމަސް ޗުއްޓީގެ ތެރޭގައި ކަމަށް ވެސް ނޫސްތަކުން ބުނެއެވެ.
މި ކަމަށް ބާރު ދޭ އެއްކަމަކީ ޗުއްޓީއާ ދިމާކޮށް ދުއާ ސޯޝަލް މީޑިއާއަށް އާންމުކޮށްފައިވާ ޕޯސްޓެކެވެ. މި ޕޯސްޓުގައި ދުއާގެ އިނގިލީގައި އެންގޭޖްމެންޓް އަނގޮޓިއެއް ކަމަށް ބުނާ އަނގޮޓިއެއް އިނެވެ. ނަމަވެސް، މި ވާހަކަ ދެ މީހުންގެ ތެރެއިން އެކަކު ވެސް އަދި ކަށަވަރު ކޮށްދީފައެއް ނުވެއެވެ.
ދުއާ މިހާރު ކުރިއަށް ގެންދަނީ އޭނާގެ ފަހުގެ އަލްބަމް "ރެޑިކަލް އޮޕްޓިމިޒަމް"ގެ ޓުއާއެވެ. އަހަރުގެ ފަހުކޮޅު ޗުއްޓީއާ ދިމާކޮށް އޭނާގެ ޓުއާ ވަނީ މެދުކަނޑާލާފައެވެ. އަންނަ މަހުގެ ފަހުކޮޅުގައި އަނެއްކާ ދުއާގެ ޓުއާ ފެށުމަށް ވަނީ ހަމަޖެހިފައެވެ. ޓުއާ މެދުކަނޑާލުމުގެ ކުރީން އޭނާ އެންމެ ފަހުން ޓުއާ ދެމުން ދިޔައީ އޭޝިއާގައެވެ. އެގޮތުން ތައިލެންޑާއި ސިންގަޕޫރުގައި ދުއާ ޝޯ ދިންއިރު ގިނަ ދިވެހީން ވަނީ މި ޝޯތައް ބެލުމަށް އެ ގައުމުތަކަށް ދަތުރުކޮށްފައެވެ.