ދިރާގުން އެ ކުންފުނީގެ 2025 ވަނަ އަހަރުގެ ކަލަންޑަރު "މިނިވަންކަން މަތީ އަބަދަށް" ލޯންޗުކޮށްފިއެވެ.
ދިރާގުގެ އައު އަހަރުގެ ކަލަންޑަރު އިފްތިތާހުކޮށްދެއްވީ ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިންގް ޑިރެކްޓާ މުހައްމަދު މައުރޫފް ޖަމީލާއި އެޗްޑީސީގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާމަން، އަހުމަދު ނާސިފެވެ.
މި ކަލަންޑަރު އިފްތިތާހުކުރުން އޮތީ ހުޅުމާލޭގެ ރައްޔިތުންނަށް ދެމުން އަންނަ ޚިދުމަތް އިތުރަށް ހަރުދަނާކުރުމަށް އެޗްޑީސީއާއި ދިރާގު ގުޅިގެން ކުރަމުންދާ މަސައްކަތްތަކާ ބެހޭގޮތުން އެޗްޑީސީއާއެކު ބޭއްވި ބައްދަލުވުމެއްގައެވެ.
ދިރާގުގެ "މިނިވަންކަން މަތީ އަބަދަށް" 2025ގެ ކަލަންޑަރަކީ ދިވެހިރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުމުގެ މުނާސަބަތުގައި އެކުލަވާލާފައިވާ ކަލަންޑަރެކެވެ.
އެގޮތުން ކަލަންޑަރުގެ ކޮންމެ މަހެއްގައި ވެސް ދިވެހި ސަގާފަތާއި އާދަކާދަތަކާ ގުޅުވާފައިވާ، ގައުމިއްޔަތު ރަމްޒުކޮށްދޭ ނިޝާނެއް ދައްކުވައިވޭނެއެވެ. މީގެ އިތުރުން ދިރާގުން ކޮންމެ މަހެއްގައި ދައްކުވައިދޭ ނިޝާނާ ބެހޭ ވީޑިއޯއެއް ނެރުމަށް ވެސް ހަމަޖެހިފައިވާކަމަށް ދިރާގުން ބުނެއެވެ.
މި ވީޑިއޯގައި މިކަމާ ބެހޭ އިތުރު މައުލޫމާތު ހިމެނިފައިވާ އިރު، މިއީ ދިވެހި ތާރީހާއި ތަރިކަތައް އިތުރަށް އުނގެނުމަށް ބޭނުންތެރި ވަސީލަތެއްކަން ދިރާގުން ވަނީ ފާހަގަކޮށްފައެވެ.
"ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުމުގެ މުނާސަބަތުގައި، ދިރާގުގެ 2025 ވަނަ އަހަރުގެ ކަލަންޑަރު އިފްތިތާހުކުރުމަކީ އަޅުގަނޑުމެން ވަރަށް ފަހުރުވެރިވާ ކަމެއް. މި ކަލަންޑަރުން އަޅުގަނޑުމެންގެ ގައުމުގެ މިނިވަންކަމާއި މުއްސަނދި ތާރީހު ރަމްޒުކޮށްދޭ ނިޝާންތަކަށް އަލިއަޅުވާލައި، ދިވެހީންގެ ސަގާފަތާއި ހަރުދަނާކަމާއި އެއްބައިވަންތަކަން ދައްކުވައިދޭ،" ދިރާގުގެ ސީއީއޯ އަދި މެނޭޖިންގް ޑިރެކްޓާ، އިސްމާއިލް ރަޝީދު ވިދާޅުވިއެވެ.
ބައްދަލުވުމުގައި ސީއީއޯ އިސްމާޢީލް ރަޝީދު ދެއްކެވި ވާހަކަފުޅުގައި 2004 ވަނަ އަހަރު، އިންޑިޔާ ކަނޑުގެ ސުނާމީ ކާރިސާއަށް 20 އަހަރު ފުރުނުއިރު، އެ ދުވަސް ފާހަގަކުރުމުގެ މުހިންމުކަމުގެ މައްޗަށް ވެސް ވަނީ އަލިއަޅުއްވާލައްވާފައެވެ. މައުރޫފް ޖަމީލަކީ އެ ކާރިސާގެ ދަނޑިވަޅުގައި ދިރާގުގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާމަންކަން ކުރެއްވި ބޭފުޅާކަން ސީއީއޯ ވަނީ ފާހަގަކުރައްވާފައެވެ.
އަދި ސުނާމީ ކާރިސާއަށް ފަހު ގެއްލުން ލިބުނު މުވާސަލާތީ ވިއުގައިގެ ބައިތައް އަލުން މަރާމާތުކޮށް، ރަށްރަށުގައި މުވާސަލާތީ ހިދުމަތްތައް އަވަސްގޮތެއްގައި އަލުން ގާއިމްކުރުމަށް ދިރާގުން ކުޅުނު މުހިންމު ދައުރުގެ މައްޗަށް އޭނާ ވަނީ އަލިއަޅުވާލައްވާފައެވެ.
އެކަމުގެ ސަބަބުން ސަރުކާރާއި އެކިއެކި ޖަމިއްޔާ ޖަމާއަތްތަކުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރަމުން އައި މަސައްކަތްތައް ހަލުވި ވެގެން ދިޔަކަން ވެސް ސީއީއޯ ފާހަގަކުރެއްވިއެވެ.
ދިރާގުން ބުނީ ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ޑިޖިޓަލް މުޖުތަމައުތައް ބާރުވެރިކުރުވައި، ރާއްޖޭގައި ދިރިއުޅޭ މީހުންގެ ދިރިއުޅުން މުއްސަނދިކުރުމަށް ކަމަށެވެ.