ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ދުވުން، ދިރާގު މޯލްޑިވްސް ރޯޑް ރޭސް (ޑީއެމްއާރުއާރު) ފުރަތަމަ ފަހަރަށް، އެއް ރަށް ހިމެނޭ ހަމައެކަނި އަތޮޅު ކަމުގައިވާ ފުވައްމުލައް ސިޓީގައި ބާއްވަން މިއަދު ނިންމައިފިއެވެ.
ފުވައްމުލަކު ސިޓީ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާ ގުޅިގެން ބާއްވާ މި ތާރީޚީ ދުވުން، "ދިރާގު ފުވައްމުލައް ރަން" ބާއްވަން ހަމަޖެހިފައިވަނީ މޭ މަހުގެ ދެވަނަ ދުވަހެވެ.
"މިއީ، ޑީއެމްއާރުއާރުގެ ދަށުން މާލޭން ބޭރުގައި ބާއްވާ ފުރުތަމަ ދުވުމަށްވެފައި، މިއީ ޑީއެމްއެމްއާރްއަށް ލިބިގެންދާ އިތުރު ކުރިއެރުމެއް. ފުވައްމުލަކުގެ ތަފާތު ގުދުރަތީ ރީތިކަމާއި، ކުލަގަދަ ސަގާފަތާއި، ހޫނު މެހެމާންދާރީ ތަޖުރިބާ ކުރުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ އިތުރުން، ބައިނަލްއަގުވާމީ ގޮތުން ސާޓިފައިޑް ރޫޓެއްގައި ދުވުމުގެ މަގު ފަހިކޮށްދިނުމަކީ އަޅުގަނޑުމެން ފަހުރުވެރިވާ ކަމެއް،" ދިރާގުގެ ޗީފް ކޮމާޝަލް އޮފިސަރު، ޢަލީ ރިޔާޒް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، މި އިވެންޓްގެ ސަބަބުން ފުވައްމުލަކަކީ ދުވުންތެރިންނަށް ޚާއްސަ މަންޒިލެއްގެ ގޮތުގައި މުޅި ދުނިޔެއަށް މަޝްއޫރުވާނެ ކަމަށެވެ.
"ދިރާގުން ފުވައްމުލަކުގައި މި ދުވުން ބޭއްވުމަކީ މި ރަށަށް ލިބިގެންދާ ވަރަށް ބޮޑު ޝަރަފެއް. މި އިވެންޓުގެ ސަބަބުން، ފުވައްމުލަކުގެ ރީތިކަން މުޅި ދުނިޔެއަށް ދައްކާލުމުގެ ފުރުސަތު ލިބި، މި ސިޓީއަކީ ދިވެހި އަދި ބައިނަލްއަގުވާމީ ދުވުންތެރިންނަށް އެކަށޭނެ މަންޒިލެއްގެ ގޮތުގައި ފާހަގަވެގެންދާނެ ކަމަށް އުންމީދުކުރެވޭ،" ފުވައްމުލަކު މޭޔަރު، އިސްމާޢިލް ރަފީޤް ވިދާޅުވިއެވެ.
"ރާއްޖެ އަދި ދުނިޔޭގެ އެކި ހިސާބުތަކުގައި ތިބި ދުވުންތެރިން "ދިރާގު ފުވައްމުލައް ރަން"ގައި ބައިވެރިވެ، މި ރަށުގެ ގުދުރަތީ ރީތިކަން ތަޖުރިބާކޮށްލުމަށް ދައުވަތު އަރުވަން. އަޅުގަނޑުމެން މި ތިބީ މި ދުވުމުގައި ބައިވެރިވުމަށް މި ރަށަށް ޒިޔާރަތްކުރާނެ ހުރިހާ ދުވުންތެރިންނަށް ހޫނު މަރުހަބާއެއް ކިއުމަށް ތައްޔާރަށް،"
"ދިރާގު ފުވައްމުލައް ރަން"އަށް ރަޖިސްޓްރީކުރުމުގެ ފުރުސަތު ފެބްރުއަރީ މަހުގެ ފުރަތަމަ ހަފުތާގެ ތެރޭގައި ވެބްސައިޓު މެދުވެރިކޮށް ހުޅުވާލަން އަންނަނީ ތައްޔާރުވަމުންނެވެ.
"ދިރާގު މޯލްޑިވްސް ރޯޑް ރޭސް"އަކީ ވޯލްޑް އެތުލެޓިކްސް ސާޓިފައިޑް ރޭސް ރޫޓަކާ އެކު އެސޯސިއޭޝަން އޮފް އިންޓަނޭޝަނަލް މެރަތަންސް އެންޑް ޑިސްޓަންސް ރޭސަސް (އެއިމްސް) ވާލްޑް ރަނިން ކަލަންޑަރުގައި ލިސްޓުކޮށްފައިވާ ދިވެހިރާއްޖޭގެ ފުރަތަމަ އަދި ހަމައެކަނި ބައިނަލްއަގުވާމީ ދުވުމެވެ.
މި ދުވުން މާލޭގެ އިތުރުން ފުވައްމުލަކުގައި ބާއްވައި، ޑީއެމްއެމްއާރު ފުޅާ ކުރުމަކީ ދުޅަހެޔޮ، ހީވާގި މުޖުތަމައެއް ބިނާކުރުމަށް އަދި ލޯކަލް ޓޫރިޒަމް ކުރިއެރުވުމަށް ދިރާގުން އިސް ނަގައިގެން ކުރަމުން އަންނަ ބުރަ މަސައްކަތް ދައްކުވައިދޭ ކަމެއް ކަމަށް އެ ކުންފުނިން ބުންޏެވެ.