ޑިޑީއަށް އިތުރު ތުހުމަތުތަކެއް، ކަފާލާތެއް ނުދިން

އެމެރިކާގެ މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ އަދި މިއުޒިކް ޕްރޮޑިއުސަރު ޝޯން ލަވް ކޯމްބްސް ނުވަތަ ސްޓޭޖް ނަމުން ނަމަ "ޑިޑީ"އާ ދެކޮޅަށް އިތުރު ސީރިއަސް ތުހުމަތުތަކެއް ކޮށްފިއެވެ.

އިންސާނީ ވަގުފާރިއާއި ރޭޕް އަދި އެ ނޫން ވެސް ސީރިއަސް އެކި ކަހަލަ ތުހުމަތުތަކެއްގެ ވާހަކަ ޑިޑީއާ ދެކޮޅަށް ދެކެވެން ފެށީ މިއަހަރުގެ ކުރީ ކޮޅުގައެވެ. އެއަށްފަހު އެ މައްސަލަތަކާ ގުޅިގެން ތަހުގީގު ކުރުމަށްޓަކައި އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ މިއަހަރުގެ މާޗު ފަހުކޮޅުގައެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ފަހުންވެސް އިތުރު ތުހުމަތުތަކެއް ވަނީ އޭނާ އާ ދެކޮޅަށް ކޮށްފައެވެ. އޭގެތެރޭގައި އެކި މީހުންނަށް ގަދަކަމުން މަސްތުވާތަކެތި ދިނުމާއި ރޭޕް އަދި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމަށް އެހެން މީހުންނަށް މަގުފަހި ކޮށްދިނުން ފަދަ ބޮޑެތި މައްސަލަތައް ހިމެނެއެވެ.

ތަފާތު އެކި މައްސަލަތައް އެއްވެ މިހާރުވެސް ޑިޑީ އާ އެކޮޅަށް 30 އަށް ވުރެ ގިނަ މައްސަލަ ވަނީ ހުށަހަޅާފައެވެ. އޭގެތެރެއަށް އިތުރު ތުހުމަތުތަކެއް އުފުލާ އާ މައްސަލަތަކެއް ވަނީ ދާދިފަހުން އަނެއްކާ ވެސް ހުށަހަޅާފައެވެ. ދާދި ފަހުން ޑިޑީ އާ ދެކޮޅަށް މައްސަލަ އެއް ހުށަހަޅާފައިވަނީ އޭނާގެ ކުރީގެ އެސިސްޓެންޓެވެ.

އޭނާ ހުށަހަޅާފައިވާ މައްސަލައިގައި ބުނެފައިވަނީ ޑިޑީ ވަނީ ކޮވިޑް ދުވަސްވަރުގައި އެނގި ހުރެ ކޮވިޑް ޖެހިފައި ހުރި ތަރިއެއް ގާތަށް އޭނާ ފޮނުވަން މަސައްކަތް ކޮށްފައި ކަމަށެވެ. އަދި އެކި ކަހަލަ އިވެންޓުތައް ރާވައި އެ އިވެންޓުގައި އެހެން ތަރިންނާއެކު ޖިންސީ ގުޅުން ހިންގަން ބާރުއަޅައި މަޖުބޫރު ކުރުވާފައިވާ ކަމަށްވެސް އެ މައްސަލައިގައި ބުނެފައިވެއެވެ.

ޑިޑީ އާ ދެކޮޅަށް ފެންމަތިވަމުންދާ އެކި މައްސަލަތަކުގައި ހޮލީވުޑްގެ ބޮޑެތި ތަރީންނާއި ދުނިޔޭގެ މަހުޖަނުން ބައިވެރިވާ ކަމަށް ތަފާތު އެކި ވާހަކަތައް ދެކެވެއެވެ. މި ހުރިހާ ވާހަކައެއް ތަހުގީގުކުރުމުގެ މަސައްކަތް ކުރިއަށްދާއިރު އޭނާ ހުރީ ނިއުޔޯކްގެ ބްރުކްލިންގައި ހުންނަ މެޓްރޯޕޮލިޓަން ޑިޓެންޝަން ސެންޓަރުގައެވެ. އަދި ކަފާލާތުން ދޫކޮށްލުމަށް އެދި އެތައް ފަހަރެއްގެ މަތީން ޑިޑީގެ ވަކީލުންގެ ޓީމުން ވަނީ ކޯޓަށް ހުށަހަޅާފައެވެ. އެންމެ ފަހުން ހުށަހެޅި ހުށަހެޅުން ވެސް ވަނީ ކޯޓުން ބާތިލްކޮށްފައެވެ.

comment ކޮމެންޓް