އޮރީއަށް ބަންސާލީގެ ފިލްމަކުން ފުރުސަތު ލިބިއްޖެ

އިންޑިއާގެ އިތުރުން ހޮލީވުޑްގެ ބައެއް ތަރިންނާ ގާތް ގުޅުމެއް އޮންނަ އޮރީ--ފޮޓޯ/ފިލްމުފެއަ

އިންޑިއާގެ އިތުރުން ބޭރު ޤައުމުތަކުގެ ވެސް ވަރަށް ގިނަ ސެލެބްރިޓީންނާ ގާތް އެކުވެރިކަމެއް އޮންނަ އޮރީއަށް ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ ފިލްމު "ލަވް އެންޑް ވޯ"އިން ފުރުސަތު ލިބިއްޖެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

މި ފިލްމަކީ ފިލްމީ ތަރިން ކަމަށްވާ ރަންބީރު ކަޕޫރު، އާލިއާ ބަޓް އަދި ވިކީ ކޯޝަލް ކާސްޓުގައި ހިމެނޭ ވަރަށް ވަރުގަދަ ލޯބީގެ ހާދިސާއަކަށް ބިނާކޮށް އުފައްދާ ތާރީޚީ ފިލްމެކެވެ. އޮރީގެ ނަމުން ގިނަ ބަޔަކު މުހާތަބް ކުރާ ފަންނާނުގެ އިތުރުން ބަތަލާ ދީޕިކާ ޕަދުކޯންގެ ވަރަށް ހާއްސަ ފެނިލުމެއް ފިލްމުގައި ހިމެނޭ ކަމަށް ވެސް ފިލްމީ ޚަބަރުތައް ބުނެއެވެ.

ދީޕިކާ އަކީ ރަންބީރު ކަޕޫރު ގިނަ ދުވަސްތަކެއް ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުނު ބަތަލާއަކަށް ވެފައި މީގެކުރިން ވެސް ދީޕިކާ އާއި ރަންބީރުގެ ކެމިސްޓްރީ ވަނީ ބެލުންތެރިންނަށް ވަރަށް ބޮޑަށް ކަމުގޮސްފައެވެ. އެހެންކަމުން ދީޕިކާ ފިލްމާ ގުޅުމަކީ ފިލްމަށް ބެލުންތެރިން އިތުރަށް ޝައުގުވެރިވާނެ ކަމެއްގެ ގޮތުގައި ބެލުންތެރިންގެ ގިނަ ބަޔަކު ވަނީ ސިފަކޮށްފައެވެ.

ބަތަލާ ޖާންވީ ކަޕޫރު އޮރީއާ އެކު--ފޮޓޯ/ޓެލެގްރާފްއިންޑިއާ

އިންޑިއާގެ ފިލްމު އިންޑަސްޓްރީގެ އެންމެ ނުފޫޒުގަދަ މީހުންގެތެރޭ ހިމެނޭ އޮރީ މި ފިލްމުގައި ފެންނާނީ އާލިއާގެ ވަރަށް ގާތް ރަހްމަތްތެރިއެއްގެ ގޮތުގައި ކަމަށް ބޮލީވުޑްހަންގާމާގައި ވަނީ ބުނެފައެވެ. މިހާތަނަށް އޮރީ ފިލްމުގައި ކުޅޭނެ ރޯލް ސިއްރުކުރެވިފައިވާއިރު އޭނާ ކުޅޭ ރޯލަކީ ބެލުންތެރިންނަށް ވަރަށް ބޮޑު ސަޕްރައިޒެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.

ފިލްމު އިންޑަސްޓްރީގެ އިތުރުން މުނިފޫހިފިލުވުމުގެ ދާއިރާއާ ގުޅުން އޮންނަ ކޮންމެ ޝަހުސިއްޔަތެއްގެ ހަފްލާއިން ވެސް އޮރީ އަކީ އެންމެ ގިނައިން ފެންނާނެ އެއް މޫނެވެ. އެހެންނަމަވެސް އޭނާ އަކީ މީޑިއާ ރިޕޯޓަރުންނާ މާބޮޑު ގުޅުމެއް އޮންނަ މީހެއް ނޫނެވެ.

އަބަދުވެސް މީޑިއާތަކާ ވަރަށް ދުރުދުރުން އުޅޭ އޮރީ އަކީ ހާއްސަކޮށް ފިލްމީ ތަރިންގެ ކުދިންގެ މެދުގައި ވެސް ވަރަށް ބޮޑު މަގުބޫލު މީހެކެވެ. އޭގެތެރޭގައި ސުހާނާ ޚާން، އަނަނިޔާ ޕާންޑޭ، ޖާންވީ ކަޕޫރު، ޚުޝީ ކަޕޫރު، ސާރާ އަލީ ޚާން، އަމީތާބްގެ ކާފަ ދަރިފުޅު ނަވްޔާ ނަންދާ އަދި ބަތަލާ ކާޖޮލްގެ ދަރިފުޅު ނީސާ ދޭވްގަން ހިމެނެއެވެ.

comment ކޮމެންޓް