'ބޫލް ބުލައްޔާ 3' މިހާރު ނެޓްފްލިކްސް މެދުވެރިކޮށް ބަލާލެވޭނެ

ފިލްމު 'ބޫލް ބުލައްޔާ 3'ގެ ޕޯސްޓަރެއް--ފޮޓޯ/ފިލްމުފެއަ

އިންޑިއާގެ ދިވާލީ ފެސްޓިވަލާ ދިމާކޮށް މިދިޔަ ނޮވެމްބަރު މަހުގެ އެއް ވަނަ ދުވަހު ސިނަމާތަކުގައި އެޅުވި ފިލްމު "ބޫލް ބުލައްޔާ 3" ނެޓްފްލިކްސްގައި ސްޓްރީމްކުރަން ފަށައިފިއެވެ.

ނެޓްފްލިކްސްއިން މިކަން އިއުލާނުކުރަމުން ނެރުނު ޕޯސްޓެއްގައި ބުނެފައި ވަނީ، މި ފިލްމުގެ މުހިއްމު ކެރެކްޓާތައް ކަމަށްވާ ރޫހު ބާބާ އާއި މަންޖުލިކާ ސިނަމާތަކުން ބެލުންތެރިންނާ ބައްދަލު ކުރުމަށްފަހު ގޭގެ ސިޓިންގްރޫމްތަކަށް މި މަހުގެ 27 ވަނަ ދުވަހު އަންނަން ތައްޔާރު ވަމުން އަންނަ ކަމަށެވެ.

ޑައިރެކްޓަރު އަނީސް ބަޒްމީގެ "ބޫލް ބުލައްޔާ 3"ގައި ކާތިކްއާ އެކު ލީޑް ބަތަލާގެ ގޮތުގައި ފެންނާނީ ޒުވާން ފިލްމީ ތަރި ތުރިޕްތީ ދިމްރީއެވެ. މީގެއިތުރުން މި ފިލްމުގެ އެންމެ މަގުބޫލު ކެރެކްޓަ 'މަންޖުލިކާ'ގެ އެނބުރިއައުމާ އެކު ފިލްމުގެ އެ ރޯލްއިން ބަތަލާ ވިދިޔާ ބާލަން އަދި މަދޫރީ ޑިކްސްޓްގެ ވަރުގަދަ ކުރިމަތިލުމެއް ބެލުންތެރިންނަށް ފެންނާނެއެވެ.

ފިލްމު 'ބޫލް ބުލައްޔާ 3'ގެ މަންޒަރެއްގައި ބަތަލާ ވިދިޔާ ބާލަން އަދި މަދޫރީ--ފޮޓޯ/ވެރައިޓީ

ބުޝަން ކުމާރުގެ ޓީ-ސީރީސްއިން ގެނެސްދިން މި ފިލްމަކީ، 150 ކްރޯޑު ރުޕީސް (18 މިލިއަން ޑޮލަރު)ގެ ބަޖެޓަކުން އުފެއްދި ފިލްމެކެވެ. މި ފިލްމަށް ބޮކްސް އޮފީހުގައި ލިބިފައި ވަނީ 417.51 ކްރޯޑު ރުޕީސް (49 މިލިއަން ޑޮލަރު)ގެ އާމްދަނީއެކެވެ.

ފިލްމު "ބޫލް ބުލައްޔާ 3"އަށް އުއްމީދުކުރި ވަރަށް ބޮކްސް އޮފީހުގައި އާމްދަނީ ލިބިފައި ނުވަނީ ފިލްމު ރިލީޒްކުރީ ޑައިރެކްޓަރު ރޯހިތު ޝެޓީގެ ކާމިޔާބު ފްރެންޗައިސް "ސިންގްހަމް އަގެއިން" އެއް ދުވަހެއްގައި ކަމަށްވާތީ ކަމުގައި ގިނަ ބަޔަކު ވަނީ ބުނެފައެވެ.

comment ކޮމެންޓް