މިދިޔަ ނޮވެމްބަރު މަހުގެ އެއް ވަނަ ދުވަހު ސިނަމާ ތަކުގައި ރިލީޒްކުރި ޑައިރެކްޓަރު ރޯހިތު ޝެޓީގެ ފިލްމު "ސިންގްހަމް އަގެއިން" މިއަދުން ފެށިގެން އެމޭޒަން ޕްރައިމްގައި ސްޓްރީމް ކުރަން ފަށާނެކަން އިއުލާނުކޮށްފިއެވެ.
އަޖޭ ދޭވްގަން ލީޑް ރޯލް ކުޅެފައިވާ މި ފިލްމު އިންޑިއާގެ އިތުރުން އިތުރު 240އެއްހާ ޤައުމުގައި ސްޓްރީމްކުރުމުގެ ފުރުސަތު ފުރަތަމަ ލިބޭނީ އެމޭޒަން ޕްރައިމްގެ ޕްރައިމް މެމްބަރުންނަށެވެ.
ރޯހިތު ޝެޓީގެ އަމިއްލަ ފިލްމު ކުންފުނި ރޯހިތު ޝެޓީ ޕިކްޗާސް އާއި ރިލަޔަން އެންޓަޓެއިންމަންޓް އަދި ޖިއޯ ސްޓޫޑިއޯގެ އިތުރުން އަޖޭ ދޭވްގަންގެ ފިލްމު ކުންފުނި ގުޅިގެން ގެނެސްދީފައިވާ "ސިންގްހަމް އަގެއިން"އަކީ މި ސިލްސިލާގެ ދަށުން ގެނެސްދިން ފަސް ވަނަ ފިލްމެވެ.

ފިލްމު "ސިންގްހަމް އަގެއިން"ގެ ޓްރެއިލާ ލޯންޗުކުރި ހަފްލާގައި ފިލްމުގެ ބައެއް ކާސްޓުން ޑައިރެކްޓަރު ރޯހިތު ޝެޓީއާ އެކު--ފޮޓޯ/ޕިންކްވިލާ
މި ފިލްމުގައި އަޖޭގެ ބަތަލާގެ ރޯލް ކަރީނާ ކަޕޫރު ކުޅެފައިވާއިރު ބަތަލާ ދީޕިކާ ޕަދުކޯން، ޓީވީ ބަތަލާ ޝްވެތާ ތިވާރީ، އަރުޖުން ކަޕޫރު، ރަންވީރު ސިންގް، ޓައިގާ ޝްރޮފް އަދި އަކްޝޭ ކުމާރު ފިލްމުގެ އެކި ސީންތަކުން ވަނީ ފެނިފައެވެ.
ފިލްމުގައި އަރުޖުން ކަޕޫރު ކުޅެފައިވާ ވިލެންއެއްގެ ރޯލެވެ. އަރުޖުން ފިލްމުގައި ކުޅެފައިވާ ރޯލް ފުރިހަމަކަމުން އިންޑަސްޓްރީގެ އިތުރުން ބެލުންތެރިންގެ ގިނަ ބައެއްގެ ތައުރީފު އަރުޖުންއަށް ވަނީ ލިބިފައެވެ.
އެމޭޒަން ޕްރައިމްއަށް ފިލްމު ދޫކޮށްލިކަން އިއުލާނުކުރުމާ ގުޅިގެން އަޖޭ ބުނެފައި ވަނީ މިހާތަނަށް ބެލުންތެރިންގެ ފަރާތުން ސިންގްހަމް ކެރެކްޓާއަށް ލިބެމުން އަންނަ ލޯތްބާއި ތަރުހީބަށް ޝުކުރުވެރިވާ ކަމުގައެވެ.
އެތައް އަހަރުތަކެއް ވަންދެން ބެލުންތެރިންގެ ހިތުން ސިންގްހަމް ކެރެކްޓާގެ ހަނދާންތައް ފޮހެވިގެން ނުދާ ކަމީ ފިލްމުގެ އެ ކެރެކްޓާއަށް ބެލުންތެރިންގެ ހިތުގައި އޮތް ލޯބި ހާމަކޮށްދޭ ކަމެއްގެ ގޮތުގައި އަޖޭ ވަނީ ސިފަކޮށްފައެވެ.
ޖުމްލަ 375 ކްރޯޑު ރުޕީސް (45 މިލިއަން ޑޮލަރު)ގެ ބަޖެޓަކުން އުފެއްދި މި ފިލްމަށް ބޮކްސް އޮފީހުގައި ލިބިފައި ވަނީ (46.76 މިލިއަން ޑޮލަރު)ގެ އާމްދަނީއެކެވެ.