ރައްޔިތުންގެ މަޖިލީހުގެ އިސްދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހަމީދުގެ ނޯތު ކޯސްޓް ކޮންޓްރެކްޓާސްއަށް 44 މިލިއަން ރުފިޔާއަށް މަޝްރޫއެއް ހަވާލުކޮށްގެން ފައިސާ ދިން މައްސަލައިގެ ޖިނާއީ ތަހުގީގެއް ހިންގަން ފުލުހަށް ފޮނުވުމަށް މާލިއްޔަތު ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.
އެ މައްސަލައިގައި އާސަންދަ ކުންފުނިން ވަނީ މާލިއްޔަތު ކޮމިޓީއަށް ސިޓީއެއް ފޮނުވާފައެވެ. އެ ސިޓީގައިވާ ގޮތުން، އާސަންދައިން ވަނީ 61 މިލިއަން ރުފިޔާއަށް ހޮސްޕިޓަލެެއް އެޅުމަށް އެ ކުންފުންޏާ ހަވާލުކޮށްފައެވެ. އެ ކޮންޓެރެކްޓު ބާތިލް ކުރުމާ ގުޅިގެން އާސަންދައިގެން ބަދަލަށް ފައިސާ ދޭން ޖެހުނު ކަމަށް ބުނެފައިވެއެވެ.
އޭގެފަހުން، 2022 ވަނަ އަހަރު އެ ހޮސްޕިޓަލްގެ ބަދަލުގައި އޮފީސް އިމާރާތެއް އެޅުމަށް ނޯތު ކޯސްޓް ކޮންޓްރެކްޓާސްއާ ހަވާލުކޮށްފައިވާ ކަމަށް އާސަންދައިން ބުނެފައިވެއެވެ.
އެ ޕްރޮޖެކްޓުގެ އެޑްވާންސަށް 44 މިލިއަން ރުފިޔާ ދައްކާފައިވާއިރު، އެ ފައިސާ ބޭނުންކުރި ގޮތުގެ ތަފްސީލަށް ތަކުރާރުކޮށް އެދުމުން ވެސް އެ މައުލޫމާތު ނޯތު ކޯސްޓް ކޮންޓްރެކްޓާސްއިން ހާމަކޮށްދީފައިނުވާ ކަމަށް އާސަންދައިން ބުނެއެވެ.
އެ އިމާރާތުގެ މަސައްކަތް ކުރިއަށް ނުދާތީ، އާސަންދައިން ވަނީ އެ މައްސަލަ ދިރާސާ ކޮށްދިނުމަށް މާލިއްޔަތު ކޮމިޓީގައި އެދިފައެވެ.
މި ސިޓީއާ ގުޅުވައި މިއަދުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި ހަނިމާދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަބްދުލް ޣަފޫރު މޫސާ ވިދާޅުވީ، މި މައްސަލަ ފިނޭންސް މިނިސްޓްރީއާ ނުވަތަ ހައުސިން މިނިސްޓްރީއާ ހަވާލުކޮށްގެން ކުރިއަށް ގެންދަން ފެންނަ ކަމަށެވެ.
އެ ކޮމިޓީގައި މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު ނާޒިމް ވިދާޅުވީ، އާސަންދައިން އެ ކުންފުންޏަށް ދީފައިވާ އެޑްވާންސް ފައިސާ އަނބުރާ ހޯދަން ޖެހޭ ކަމަށާއި މިކަމަކީ 'ސްކޭމެއް' ކަމަށެވެ. ނާޒިމްގެ އިތުރުން ވެސް މެންބަރުން ވަނީ މި މައްސަލައަކީ ސްކޭމެއްގެ ގޮތުގައި ސިފަކުރައްވައިފައެވެ. އެހެންވެ، ނާޒިމް ވަނީ މި މައްސަލައިގެ ޖިނާއީ ތަހުގީގެއް ކުރުމަށް ފުލުހުންނަށް ފޮނުވުމަށް ހުށަހަޅުއްވައިފައެވެ.
އެ ހުށަހެޅުމަށް ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙުމަދު އަޒާނާއި އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ތާއިދުކުރެއްވިއެވެ. އެ މައްސަލައިގެ ޖިނާއީ ތަހުގީގެއް ހިންގަން ފުލުހަށް ފޮނުވަން ކޮމިޓީން ފާސްކުރީ ހަތް މެންބަރުގެ ތާއިދާ އެކުގައެވެ.
އެ މައްސަލައާ ގުޅޭ ގޮތުން އަލީ ހަމީދު 'ސަން'އަށް މިރޭ ވިދާޅުވީ، އެ މައްސަލައިގައި މާލިއްޔަތު ކޮމިޓީން އޭނާއަށް ސިޓީއެއް ފޮނުވި ކަމަށާއި އެ ސިޓީގައި އެދުނު މައުލޫމާތުތައް ކޮމިޓީއާ ހިއްސާކުރައްވާފައި ވާނެ ކަމަށެވެ.
މިއަދުގެ ނިންމުން ނިންމީ ކޮމިޓީން އަމިއްލައަށް ކަމަށާއި އެ ނިންމުމަކީ ސައްޙަ މައުލޫމާތުގެ މައްޗަށް ބިނާކޮށް ނިންމާފައިވާ ނިންމުމެއް ނޫން ކަމަށް ހަމީދު ވަނީ ތުހުމަތު ކުރައްވާފައެވެ.
"މާލިއްޔަތު ކޮމިޓީން އަޅުގަނޑުމެންނާ އިތުރަކަށް މުއާމަލާތެއް ނުކުރޭ އެކަމާ. އެ ބޭފުޅުން އަމިއްލައަށް އެ ނިންމުމެއް ނިންމީ އަޅުގަނޑުމެން ކައިރިން ހޯދަން ޖެހޭ މައުލޫމާތު ނުހޯދާ،" ހަމީދު ވިދާޅުވިއެވެ.
އެ މައްސަލައިގައި މި ހަފުތާ ތެރޭ މަޖިލީހަށް ސިޓީއެއް ފޮނުއްވާނެ ކަމަށް ހަމީދު ވިދާޅުވިއިރު، ކުންފުނިތަކާ އެއްކޮށް ހަދާފައި ހުންނަ އެގްރީމަންޓުތަކަކީ މަޖިލީހުގެ ކޮމިޓީތަކުގައި މަޝްވަރާކޮށްގެން ނިންމޭ އެއްޗަކަށް ވެގެން ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި މަޖިލީހުގެ މިދިޔަ ދައުރަށް އިންތިޚާބުވި އަލީ ހަމީދު ވަނީ، މިދިޔަ އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައި އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ.