އަބޫދާބީ ފަންޑު ފޯރް ޑިވެލޮޕްމަންޓުން (އޭޑީއެފްޑީ) އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ މަޝްރޫޢު ނިންމުމަށް އިތުރު 147 މިލިއަން އެމިރޭޓްސް ދިރުހަމު (40 މިލިއަން އެމެރިކާ ޑޮލަރު)ގެ ލޯނެއް ދޭން ނިންމައިފިއެވެ.
މިއީ 2017 ވަނަ އަހަރު މި މަޝްރޫޢުގެ ފުރަތަމަ މަރުޙަލާތަކަށް ދީފައިވާ 183.5 މިލިއަން އެމިރޭޓްސް ދިރުހަމުގެ (50 މިލިއަން އެމެރިކާ ޑޮލަރު) ލޯނަށް އިތުރުން ދީފައިވާ އަދަދެކެވެ.
މިދިޔަ އަންގާރަ ދުވަހު އަބޫދާބީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި ފައިނޭންސިން އެއްބަސްވުމުގައި ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރާއި އޭޑީއެފްޑީގެ ޑިރެކްޓާ ޖެނެރަލް މުޙައްމަދު ސައިފް އައްސުވައިދީއެވެ.
މި ފައިނޭންސިން އެއްބަސްވުމުގެ ދަށުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ހުޅަނގު ފަރާތު ޓާމިނަލް ތަރައްގީކޮށް، 26 މަތިންދާބޯޓު ބޭއްވޭ ވަރަށް ބޮޑުކުރުމާއި، ބައިނަލްއަޤްވާމީ ފަސިންޖަރުންނަށް އައު އިމާރާތެއް އެޅުން ހިމެނެއެވެ.
ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ ދިވެހިރާއްޖޭގައި ދެމެހެއްޓެނިވި ތަރައްޤީ ކުރިއެރުވުމަށް ދެފަރާތުން ވެސް އެއްބާރުލުން ދެމުން އަންނަ ކަމަށެވެ.
"އޭޑީއެފްޑީގެ ފަންޑިންއަކީ ދުނިޔޭގެ ފެންވަރުގެ ޚިދުމަތްތަކާއި ޓެކްނޮލޮޖީ ހިމެނޭ އިންޓަނޭޝަނަލް އެއާޕޯޓެއް ގާއިމުކުރުމަށް ވަރަށް މުހިންމު އެހީތެރިކަމެއް. މިއީ ދަތުރުފަތުރުގެ ދާއިރާގައި އުމްރާނީ ވަސީލަތްތައް ތަރައްގީކުރުމާއި، ދަތުރުކުރާ މީހުންނަށް ލިބޭ ތަޖުރިބާ ރަނގަޅުކުރުމާއި، އަދި ޤައުމީ އިޤްތިޞާދުގެ މުހިންމު ތަނބެއް ކަމުގައިވާ ފަތުރުވެރިކަމުގެ އާމްދަނީ އިތުރުކުރުމަށް އަޅުގަނޑުމެންގެ ޤައުމީ ލަނޑުދަނޑިތައް ޙާޞިލުކުރުމުގައި ވަރަށް މުހިންމު މަރުޙަލާއެއް." މިނިސްޓަރު ވިދާޅުވިއެވެ.
އޭޑީއެފްޑީގެ ޑިރެކްޓާ ޖެނެރަލް މުޙައްމަދު ސައިފް އައްސުވައިދީ ވިދާޅުވީ، އޭޑީއެފްޑީގެ ޕާޓްނާ ގައުމުތަކުގެ އިގްތިސާދީ އަދި އިޖްތިމާއީ ތަރައްގީ ގެނައުމުގައި ބޮޑެތި ބަދަލުތައް ގެނެސްދޭ އުމްރާނީ މަޝްރޫއުތަކަށް ފައިސާ ހަމަޖެއްސުމުގައި އޭޑީއެފްޑީން މުހިއްމު ދައުރެއް އަދާކުރާކަމަށެވެ.
އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ޒަމާނީކޮށް ތަރައްގީކުރުމަށް އޭޑީއެފްޑީން ދެވޭ އިތުރު އެހީތެރިކަމުން ފަތުރުވެރިކަމުގެ ޑިމާންޑަށް ފެތޭގޮތަށް އެއާޕޯޓްގެ ޚިދުމަތް ދިނުމުގެ ޤާބިލުކަން އިތުރުވެގެންދާނެ ކަމަށްވެސް އައްސުވައިދީ ވަނީ ވިދާޅުވެފައެވެ.
އައްސުވައިދީ އިތުރަށް ވިދާޅުވީ، އޭޑީއެފްޑީން ދިވެހި ސަރުކާރާއެކު އޮންނަ ގުޅުން ބަދަހިކުރުމަށް މަސައްކަތްކުރަމުން އަންނަ ކަމަށާއި ދިވެހި ރައްޔިތުންގެ އުންމީދުތައް ޙާޞިލުކޮށްދީ، ވަޒީފާގެ ފުރުޞަތުތައް އުފައްދައި، ދެމެހެއްޓެނިވި ތަރައްގީ ގެނެސްދޭ މުހިންމު މަޝްރޫޢުތަކުގައި އެއްބާރުލުން ދެއްވާނެ ކަމަށެވެ.
އަބޫދާބީ ފަންޑު ފޯރް ޑިވެލޮޕްމަންޓުން 1976 ވަނަ އަހަރުން ފެށިގެން ދިވެހިރާއްޖޭގައި ގިނަ މުހިންމު މަޝްރޫޢުތަކަށް އެހީތެރިކަން ފޯރުކޮށްދީ ފައިނޭންސް ކޮށްދީފައިވެއެވެ.
މި މަޝްރޫޢުތަކުން ދަތުރުފަތުރާއި، ހަކަތައާއި، ފަތުރުވެރިކަމާއި، ބޯހިޔާވަހިކަން ފަދަ މުހިންމު ދާއިރާތައް ތަރައްގީކޮށް، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމުގައި މުހިންމު ދައުރެއް އަދާކޮށްފައިވެއެވެ.
މި މުއައްސަސާގެ މަގްޞަދަކީ ދެމެހެއްޓެނިވި ތަރައްޤީގެ މަޝްރޫޢުތަކަށް ލުއި ލޯނު ދިނުމާއި، ދިގު މުއްދަތުގެ އިންވެސްޓްމަންޓްތައް ހިންގުމާއި، ކުރިއަރަމުން އަންނަ ޤައުމުތަކަށް އެހީތެރިވުން ކަމަށް އޭޑީއެފްޑީއިން ބުނެއެވެ.