ވެލާނާ އެއާޕޯޓު ޑިއުޓީގައި ހުރި މީހަކަށް ސިއްހީ ހާލަތެއް ކުރިމަތިވެ، ފަރުވާ ހޯދަމުން ދަނިކޮށް ނިޔާވެއްޖެ

އެއާޕޯޓު ޑިއުޓީގައި ހުއްޓާ ނިޔާވި ހާޝިމް ހަސަން --

ވެލަނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޑިއުޓީގައި ހުރި މީހަކަށް ސިއްހީ ހާލަތެއް ދިމާވެ، ފަރުވާ ހޯދަނިކޮށް މިއަދު ނިޔާވެއްޖެއެވެ.

ނިޔާވެފައި ވަނީ އުމުރުން 42 އަހަރުގެ ހ. ފާގަމާގެ، ހާޝިމް ހަސަންއެވެ. ހާޝިމް ނިޔާވުމާ ގުޅިގެން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން ވަނީ ތައުޒިޔާގެ މެސެޖެއް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ.

އެމްއޭސީއެލްގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އޭނާ އެއާޕޯޓު ޑިއުޓީގައި ހުއްޓާ ސިއްހީ ހާލަތެއް ކުރިމަތިވެ ޓްރީޓޮޕް ހޮސްޕިޓަލަށް ގެންދިޔައީ މިދިޔަ ބުދަ ދުވަހު ކަމަށެވެ. އަދި ފަރުވާ ހޯދަމުން ދަނިކޮށް މިއަދު ނިޔާވެފައި ވާކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެ މުވައްޒަފަކީ ސިއްހީ މައްސަލައެއް ކުރިމަތިވާ މުވައްޒަފެއް ކަމަށެވެ.

ހާޝިމްގެ ކަށުނަމާދު މިރޭ 11:00ގައި ހުޅުމާލޭ ސަހަރާ މިސްކިތް (މަސްޖިދު ޒައިދު ބިން ޠާބިތް)ގައި ބާއްވަން ވަނީ ހަމަޖެހިފައެވެ.

comment ކޮމެންޓް