އަފްޣާނިސްތާނުގައި ވެރިކަންކުރާ ތާލިބާނުންގެ އިސް ލީޑަރެއް ކަމަށްވާ ސިރާޖުއްދީން ޙައްޤާނީ ހައްޔަރު ކުރުމަށް މަގުފަހިވާފަދަ މައުލޫމާތެއް ދޭ މީހަކަށް ދިނުމަށް އެމެރިކާއިން ކަނޑައަޅާފައިވާ 10 މިލިއަން ޑޮލަރުގެ އިނާމު ނުދޭ ގޮތަށް ނިންމައިފިއެވެ.
އިނާމު ނުދޭން ނިންމި ނަމަވެސް، އެ އިނާމު އަދިވެސް އެފްބީއައިގެ ވެބްސައިޓްގައި ވަނީ ލިސްޓުކޮށްފައެވެ. އެފްބީއައިއިން ގަބޫލުކުރާ ގޮތުގައި ޙައްޤާނީ ވަނީ އަފްޣާނިސްތާނުގައި އެމެރިކާ އާއި ކޯލިޝަން ފޯސްތަކަށް ބޯޑަރު ހުރަސްކޮށް ދިން ހަމަލާތަކުގައި ބައިވެރިވެފައެވެ.
ޙައްޤާނީއާ ބެހޭ މައުލޫމާތު ފޯރުކޮށްދިން މީހަކަށް ދޭން ކަނޑައެޅި އިނާމު އުވާލާފައި ވަނީ ތާލިބާނުންގެ ބެލުމުގެދަށުގައި ދެ އަހަރު ވަންދެން ހުރި އެމެރިކާގެ ރައްޔިތަކުން މިނިވަން ކުރުމާ ގުޅިގެންނެވެ.
މިއީ ޖެނުއަރީ މަހުގެ ފަހުން ތާލިބާނުން ދޫކޮށްލި އެމެރިކާގެ ތިން ވަނަ މީހާއެވެ.
އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިއޯ ނެރުނު ބަޔާނެއްގައި ވިދާޅުވީ ގްލެޒްމަން ކިޔާ އެ މީހާ ދޫކޮށްލުމަކީ އެޅި ރަނގަޅު ފިޔަވަޅެއް ކަމަށެވެ. އަދި އޭނާ މިނިވަން ކުރުމުގައި ގަތަރުން އަދާކުރި ރޯލަށް ރޫބިއޯ ވަނީ ޝުކުރު އަދާކޮށްފައެވެ.
ދެހާސް އެކާވީސް ވަނަ އަހަރުގެ އޮގަސްޓް މަހު އަފްޣާނިސްތާންގެ ވެރިކަމަށް ތާލިބާނުން އައި ފަހުން އަދި އެއްވެސް ގައުމަކުން ރަސްމީކޮށް ތާލިބާން ސަރުކާރު ބަލައިގެންފައެއްނުވެއެވެ.
އަފްޣާނިސްތާނުގެ ހަނގުރާމަ ނިންމާލުމަށް އެމެރިކާއިން ވަނީ 2020 ވަނަ އަހަރު ތާލިބާނުންނާ އެކު މަޝްވަރާކޮށް، އެމެރިކާ ސިފައިންނާއި އިއްތިހާދުގެ ބާރުތައް އަނބުރާ ގެންދިއުމަށް 14 މަސް ދުވަހުގެ މުއްދަތަކަށް އެއްބަސްވެފައެވެ.
ދެހާސް އެއްވަނަ އަހަރު ސެޕްޓެމްބަރު 11 ގައި އެމެރިކާއަށް ދިން ޓެރަރިސްޓް ހަމަލާއަށް ފަހު، އެ އަހަރުން ފެށިގެން އެމެރިކާ ސިފައިން ދަނީ އަފްޣާނިސްތާނުގައި ހަރަކާތްތެރިވަމުންނެވެ.
ސޯވިއެޓުންނާ ދެކޮޅަށް ކުރި ހަނގުރާމައިގެ މަޝްހޫރު ކޮމާންޑަރެއްގެ ދަރިއެއް ކަމަށްވާ ހައްގާނީ އަކީ އަފްޣާނިސްތާނުގެ އެންމެ ނުރައްކާތެރި ހަތިޔާރު އެޅި ޖަމާއަތް ކަމަށްވާ, ޙައްޤާނީ ނެޓްވޯކުގެ ވެރިޔާއެވެ. އެމެރިކާއިން ވަނީ އެ ނެޓްވޯވަކަކީ ޓެރަރިސްޓް ގްރޫޕެއްގެ ގޮތުގައި ކަނޑައަޅާފައެވެ.
ފާއިތުވެ އަހަރުތަކުގެ ތެރޭގައި ކާބުލްގައި ހިނގި އެންމެ ނުރައްކާތެރި ހަމަލާތައް ރާވާފައި ވަނީ އެ ނެޓްވޯކުން ކަމަށް ބެލެވޭ ކަމަށްވެސް އަލް ޖަޒީރާއިން ރިޕޯޓުކޮށްފައިވެއެވެ.
ތާލިބާނުން ވެރިކަމާ ހަވާލުވުމަށްފަހުވެސް ހައްޤާނީ ވަނީ އެމެރިކާގެ ރާޑަރަށް އަރާފައެވެ. ދެހާސް ބާވިސް ވަނަ އަހަރު އެމެރިކާއިން ކާބުލްއަށް ދިން ޑްރޯން ހަމަލާއެއްގައި އޭރު އަލްޤައިދާގެ ލީޑަރު އައިމަން އަލް ޒަވާހިރީ ވަނީ މަރާލާފައެވެ. އަލްޒަވާހިރީ މަރާލި ގެއަކީ ހައްޤާނީގެ ގެއެއް ކަމަށް އެމެރިކާގެ އޮފިޝަލުން ބުނެއެވެ.