ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ދޫކުރުމުގެ މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް، ދައުވާކޮށްދިނުމާ މެދު މިހާރު މަޝްވަރާތައް ފަށައިފައިވާކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން މިއަދު ބުނެފިއެވެ.
ގެދޮރުވެރިޔާ ސްކީމްގެ ދަށުން 4،000 ފުލެޓް ދިނުމަށް ޝަރުތު ހަމަވާ މީހުންގެ ލިސްޓު އާންމު ކުރުމުން، ފުލެޓުތައް ދޫކުރުމުގައި މައްސަލަ އުޅޭ ކަމަށް ބުނެ، އޭސީސީން ޖިނާއީ ތަހުގީގެއް ފެށިއެވެ.
އޭގެ ފަހުން އަހަރެއްހާ ދުވަސް މިހާރުވާން ގާތްވެފައިވާއިރު އޭސީސީން މިއަދު ބުނީ އެ ކޮމިޝަނުން ތަހުގީގު ކުރަމުން އަންނަ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ދޫކުރުމުގެ މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް، ދައުވާކޮށްދިނުމާމެދު ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހާއެކު، ޑިއުޓީ ޕްރޮސެކިއުޝަންގެ މަސައްކަތް މިހާރު ފަށައިފައިވާ ކަމަށެވެ.
ޑިއުޓީ ޕްރޮސެކިއުޝަންގެ މަރުހަލާ ނިމުމާއެކު، ދައުވާ އުފުލޭނެ އެންމެންގެ މައްޗަށް ދައުވާކޮށްދިނުމަށް އެދޭނެ ކަމަށް އޭސީސީން ވަނީ ބުނެފައެވެ.
ކުރީ ސަރުކާރުން ކުރިއަށްގެންދިޔަ ގެދޮރުވެރިޔާ މަޝްރޫއުގެ ދަށުން ފުރަތަމަ 4،000 ފުލެޓު ލިބޭ މީހުންގެ ވަގުތީ ލިސްޓެއް ކުރިން އޮތީ އާންމުކޮށްފައެވެ. މިހާރު ވެސް ފަހިދިރިއުޅުން ކޯޕަރޭޝަނުން އަންނަނީ ފްލެޓްތައް ތަރައްގީކުރުމުގެ މަސައްކަތް ކުރަމުންނެވެ.
ނިމުން ފުލެޓުތައް ދޫކުރުމުގެ މަސައްކަތް ލަސްވާތީ ގިނަ ބަޔަކު އަންނަނީ ނުރުހުން ފާޅުކުރަމުން އަންނައިރު އެކަމަށް އެކި އިހުތިޖާޖުތައް ވެސް އަންނަނީ ބާއްވަމުންނެވެ.
ފުލެޓުތައް ދޫކުރުމުގައި މައްސަލަ އުޅޭ ކަމަށް ބުނެ، އޭސީސީން ފެށި ޖިނާއީ ތަހުގީގާ ގުޅިގެން ގިނަ ދުވަސްތަކެއް ވަންދެން ފުލެޓު ދޫކުރުން މަޑު ޖެހިފައި އޮތުމަށް ފަހު ފެބްރުއަރީ މަހު އޭސީސީން ވަނީ ބައެއް ކަންތައްތަކަށް ރިއާޔަތްކުރުމަށް ފަހު ފުލެޓު ދޫކުރުމުގެ މަސައްކަތް ކުރިއަށް ގެންދަން ހުއްދަ ދީފައެވެ.
ނަމަވެސް އޭގެ ފަހުން އަހަރު ނިމެން މަދު ދުވަސް ކޮޅަކަށްވީއިރު ވެސް ހައުސިން މިނިސްޓްރީން ގެންދަނީ އެ ލިސްޓު ރިވިއުކުރަމުންނެވެ. އެ މިނިސްޓްރީން ބުނި ގޮތުގައި ރައީސް އެކުލަވައިލެއްވި ހައުސިން އެޑްވައިޒަރީ ކޮމިޓީއާއި، މާލޭ ސިޓީ ކައުންސިލުގެ ހައުސިން ކޮންސަލްޓޭޓިވް ކޮމިޓީއަށް ވެސް ލިސްޓުތަކުގައި މައްސަލަ އުޅޭކަމަށް ފެންނާތީ، ހުރިހާ އެޕްލިކޭޝަން ފޯމުުތައް އަންނަނީ އަލުން ބަލަމުންނެވެ.
މީގެ ކުރިން އެ މިނިސްޓްރީން ބުނީ އޮކްޓޯބަރު މަހު ފުލެޓު ލިސްޓު އާންމުކުރާނެ ކަމަށެވެ. އަދި މަހަކަށްފަހު މަހެއް ދިން ނަމަވެސް އަދިވެސް ލިސްޓު އާންމު ނުކުރެއެވެ.