އިންޑިއާގެ ފިލްމު އިންޑަސްޓްރީގައި ސްކްރީން ލިޔުމުގެ އިތުރުން ރީތި ލޯބީގެ ފިލްމުތަކެއް ސިނަމާއަށް ގެނެސްދީފައިވާ ތަޖުރިބާކާރު ޑައިރެކްޓަރު ޝިޔާމް ބެނެގަލް މަރުވެއްޖެއެވެ.
ޝިޔާމް ބެނެގަލް މަރުވުމާ ގުޅިގެން އިންޑިއާގެ ފިލްމު އިންޑަސްޓްރީގައި މަސައްކަތްކުރާ ގިނަ ބައެއްގެ އިތުރުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވެސް ވަނީ އެ އާއިލާއަށް ތައުޒިއްޔާގެ މެސެޖު ފޮނުއްވާފައެވެ. ބޮޑު ވަޒީރު ނަރެންދުރަ މޯދީގެ އިތުރުން އިންޑިއާގެ ރައީސް ދުރޯޕަޅީ މުރުމޫ ވެސް ވަނީ އާއިލާއަށް ތައުޒިއްޔާ ކިޔުއްވުމަށްފަހު އެ ޚަބަރު އަޑުއެއްސެވީ ވަރަށް ހިތާމައާ އެކު ކަމަށް ވިދާޅުވެފައެވެ.
ޝިޔާމް ބެނެގަލްގެ އާއިލާގެ ފަރާތުން މީޑިއާއަށް ފޮނުވި ސްޓޭޓްމެންޓްގައި ބުނެފައި ވަނީ ޢުމުރުން 90 އަހަރުގައި ޝިޔާމް ބެނެގަލް މަރުވީ އިންޑިއާގެ މުމްބާއީގެ ވޮކްހާޑްޓް ހޮސްޕިޓަލުގައި ކިޑްނީ ބައްޔަށް ފަރުވާ ހޯދަމުން ދަނިކޮށް ކަމަށެވެ. މިދިޔަ ހޯމަ ދުވަހު ޝިޔާމް ބެނެގަލް މަރުވި ޚަބަރާ އެކު ފިލްމު އިންޑަސްޓްރީގައި މަސައްކަތްކުރާ ވަރަށް ގިނަ ބަޔަކު ބުނެފައި ވަނީ މިއީ އިންޑިއާގެ ސިނަމާއަށް ލިބުނު ފޫނުބެއްދޭނެ ގެއްލުމެއް ކަމަށާއި ޝިޔާމް ބެނެގަލް ސިނަމާއަށް ކޮށްދިން މަސައްކަތަކީ އަގުވަޒަން ނުކުރެވޭހާ ވެސް މުހިއްމު މަސައްކަތްތަކެއް ކަމުގައެވެ.
ޝިޔާމްގެ ދިގު ފިލްމީ ކެރިއަރުގައި އޭނާއަށް ވަނީ 18 ނެޝަނަލް އެވޯޑު ލިބިފައެވެ. މީގެއިތުރުން އިންޑިއާގައި ފަންނާނުންނަށް އަރުވާ މަތީ ޝަރަފު ދާދާސަހޭބް ޕަލްކޭ އެވޯޑުގެ ޝަރަފު ވެސް ޝިޔާމްއަށް ވަނީ އަރުވާފައެވެ. ޝިޔާމް ބެނެގަލްގެ ކެރިއަރުގައި އުފެއްދި މަގުބޫލު ރީތި ފިލްމުތަކުގެތެރޭ "އަންކޫރު"، "މަންތަން"، "ޖުނޫން"، "ދަ މޭކިންގް އޮފް މަހާތަމާ ގާންދީ" އަދި 2001 ވަނަ އަހަރު ބަތަލާ ކަރިޝްމާ ކަޕޫރަށް ބޮޑު މަގުބޫލުކަމެއް ލިބުނު ފިލްމު "ޒުބޭދާ" ހިމެނެއެވެ.
ބެނެގަލް އެންމެ ފަހުން ގެނެސްދިން ފިލްމަކީ ބަންގްލަދޭޝްގެ ބާނީ ކަމަށްވާ ޝައިހް މުޖީބު ރަހުމާންގެ ވާހަކަ ކިޔައިދިން މިދިޔަ އަހަރުގެ ބައޮގްރަފިކަލް ޑްރާމާ "މުޖީބު: ދަ މޭކިން އޮފް އަ ނޭޝަން" އެވެ.