އަމީތާބަށް އޭޓީއެމް ބޭނުންކުރާ ގޮތެއް ނޭނގޭ؛ ފައިސާ ނަގަނީ އަންހެނުން

އަމީތާބް ބައްޗަން އަދި ޖަޔާ ބައްޗަން--ފޮޓޯ/ އިންޑިއަންއެކްސްޕްރެސް

އިންޑިއާގެ މެގަ ސްޓާ އަމީތާބް ބައްޗަން މިހާތަނަށް ދުވަހަކު ވެސް އޭޓީއޭމްގެ ޚިދުމަތް ބޭނުންކޮށްފައިނުވާނެ ކަމަށް ބުނެފިއެވެ.

ސޮނީލިވްއިން ސްޓްރީމްކުރަމުން އަންނަ އެ ޗެނަލްގެ މަޝްހޫރު ގޭމް ޝޯ 'ކޯން ބަނޭގާ ކްރޯޑުބަތީ' (ކޭބީސީ)ގެ 16ވަނަ ސީޒަންގެ އެޕިސޯޑެއްގައި އަމީތާބް ބުނެފައިވަނީ, ފައިސާ ބޭނުންވެއްޖެ ނަމަ އެ ކަމަށް އެދެނީ އަނބިމީހާ ޖަޔާ ބައްޗަން ގާތުގައި ކަމަށެވެ.

މި ޝޯގެ ބައިވެރިއަކު އަމީތާބު ކުރެން އަހާފައިވަނީ އާއްމު ދިރިއުޅުމުގައި އަނބިމީހާ ފިރިމީހާ ގާތު ގެއަށް ބައެއް އެއްޗެތި ގެންނަން ބުނާ ކަމަށާއި ޖަޔާގެ ފަރާތުން އެ ކަހަލަ ޚާއްޞަ ލިސްޓެއް ދުވަހަކު ވެސް ލިބިފައިވޭތޯއެވެ.

އޭގެ ޖަވާބުގައި އަމީތާބް ބުނެފައިވަނީ އެއީ އަބަދު ވެސް އަންނަ އެދުމެއް ކަމަށާއި ނަމަވެސް ޖަޔާ އެދޭނީ ގެއަށް ދާއިރު އަމީތާބުގެ އަމިއްލަ ނަފުސު ގެއަށް ގެންދިއުމަށް ކަމަށެވެ.

އަމީތާބްގެ ދެމަފިރިން އާއިލާގެ މެމްބަރުންނާ އެކު--ފޮޓޯ/ބޮލީވުޑްހަންގާމާ

މި ގޭމް ޝޯގެ އަނެއް ބައިވެރިއަކު ސުވާލުކޮށްފައިވަނީ ފައިސާ ޖަމާ ކުރުމަށް ދުވަހަކު ވެސް އަމީތާބް އޭޓީއެމްއަކަށް ގޮސްފައިވާނެތޯއެވެ. މި ސުވާލުގެ ޖަވާބުދެމުން އެކްޓަރު ބުނެފައިވަނީ މިހާތަނަށް ދުވަހަކު ވެސް އަމީތާބް ނަގުދު ފައިސާ ގެންގުޅެފައިނުވާ ކަމަށެވެ.

އޭޓީއެމް މަސައްކަތްކުރާ ގޮތް މާ ބޮޑަށް ނޭނގޭތީ ފައިސާ ގެންގުޅުމުގެ ޒިންމާއަކީ އަނބިމީހާ ޖަޔާގެ ޒިންމާއެއް ކަމަށާއި ޖަޔާގެ އަތުގައި އަބަދު ވެސް ނަގުދު ފައިސާ ހުންނަ ކަމަށް އެކްޓަރު ވަނީ ބުނެފައެވެ. އެހެންވެ، ފައިސާ ބޭނުންވެއްޖެ ނަމަ ޖަޔާ އަތުން ފައިސާ ނަގާ ކަމަށް އަމީތާބް ވަނީ ބުނެފައެވެ.

ކުރީގެ ފިލްމީ ބަތަލާ އަދި މިހާރު ސިޔާސީ ދާއިރާގައި ހަރަކާތްތެރިވަމުން އަންނަ ޖަޔާއާއި އަމީތާބުގެ ކައިވެންޏަށް 51 އަހަރު ވެފައިވާއިރު މި ދެމަފިރިންނަކީ އިންޑިއާގެ ފިލްމު އިންޑަސްޓްރީގެ އިތުރުން އާއްމުންގެ ގިނަ ބައެއްގެ ލޯތްބާއި އިހުތިރާމު ހޯދާފައިވާ ދެމަފިރިންނެވެ.

އަމީތާބާއި ޖަޔާގެ ކައިވެނީގެ ކާމިޔާބީއާއި ދެމަފިރިންގެ ދެމެދުގައި އޮންނަ ލޯބި ގުޅުމާއި އެކަކު އަނެކަކަށް ކުރާ އިހުތިރާމުގެ ސަބަބުން ވަރަށް ގިނަ ބަޔަކު ނަމޫނާއަކަށް މި ދެމަފިރިން ބަލައިގަނެއެވެ.

comment ކޮމެންޓް