ބޮލީވުޑްގައި އުފައްދާ ފްރެންޗައިސް ނުވަތަ ސިލްސިލާ ފިލްމުތަކަށް ޕްރޮޑިއުސަރުންނާއި އެކްޓަރުންގެ ފަރާތުން ދޭ އަހައްމިއްޔަތުކަން ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނަ ކަމަށް ފިލްމު ޓްރޭޑް އެނަލިސްޓު ތަރަން އާދާޝް ބުނެފިއެވެ.
އަލަށް ފިލްމެއް އުފެއްދުމަށް ވުރެ ފްރެންޗައިސްއެއް އުފައްދާނަމަ އޭގެ ފައިދާ ވަރަށް ގިނަ ގޮތްގޮތުން ބޮޑު ކަމަށާއި އޭގެ މުހިންމުކަން މިހާރު ގިނަ ޕްރޮޑިއުސަރުންނާއި ފިލްމީތަރިން ދަންނަ ކަމަށް ތަރަން ވަނީ ބުނެފައެވެ. އެހެންވެ، ގިނަ އެކްޓަރުން ފްރެންޗައިސް ފިލްމަކުން ލިބޭ ފުރުސަތު ދޫކޮށްނުލާނެ ކަމަށް ވެސް ތަޖުރިބާކާރު ޓްރޭޑް އެނަލިސްޓު ވަނީ ބުނެފައެވެ.
ތަރަން ދެކޭ ގޮތުގައި އަލަށް އުފައްދާ ފިލްމަކަށް ވުރެ ބޮޑަށް ފްރެންޗައިސްއެއް އުފައްދާނަމަ ލިބޭ އެންމެ މުހިންމު އެއް ފައިދާއަކީ ފިލްމުގެ އޯޑިއަންސަށް މާ ކުރިން އެ ފިލްމުގެ ކޮންސެޕްޓް އެނގިފައި އޮތުމެވެ.
އޭރަށް އެ ފިލްމެއް ބިނާކޮށްފައިވާނީ ކޮން ކަހަލަ ޖޯންރާއަކަށް ކަމަށާއި ފިލްމުގެ ތީމަށް ކާސްޓުންނާ އެއްވަރަށް އޯޑިއަންސް ތައްޔާރަށް އޮތުމަކީ ދެ ފަރާތަށް ވެސް ލިބޭ ވަރަށް މުހިންމު 'އެޑްވާންޓޭޖެއް'ގެ ގޮތުގައި ތަރަން ވަނީ ސިފަކޮށްފައެވެ.
ޕްރޮމޯޝަންތަކުގައި އަލުން ފިލްމާ ގުޅޭ މާ ގިނަ ތަފުސީލު ކިޔައިދޭން އޭރަށް ނުޖެހޭ ކަމަށާއި އެއީ ވަރަށް ގިނަ ވަގުތު ސަލާމަތްކުރެވޭނެ ކަމެއް ކަމަށް ތަރަން ވަނީ ބުނެފައެވެ.
މީގެ މިސާލެއްގެ ގޮތުގައި ތަރަން ބުނެފައިވަނީ ފިލްމު "ބޫލް ބުލައްޔާ" އަދި "ސިންގްހަމް" ފަދަ މަޝްހޫރު ފްރެންޗައިސް ނުވަތަ ސިލްސިލާ ފިލްމުތަކަކީ އޭގެ ވާހަކައަށާއި ފިލްމުގައި ގެންނާނެ ކެރެކްޓާތަކަށް އޯޑިއަންސް ވަރަށް ބޮޑަށް އަހުލުވެރިވެފައިވާ ފިލްމުތައް ކަމަށެވެ.
ބޮލީވުޑްގެ އިތުރުން ސައުތު ސިނަމާގައި ވެސް މި ފަހަކަށް އައިސް ސިލްސިލާ ފިލްމުތައް އުފެއްދުމަކީ ވަރަށް އާންމު ކަމެކެވެ. އެހެންކަމުން މި ފެށޭ 2025 ވަނަ އަހަރު މި ފަދަ ފިލްމުތައް ތައާރަފުވެ، ސިނަމާތަކުން ސިލްސިލާ ފިލްމުތައް ފެނުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށް ތަރަން ވަނީ ބުނެފައެވެ.
ތަރަންއަކީ ޓްރޭޑް އެނަލިސްޓެއްގެ އިތުރުން އިންޑިއާގައި އުފައްދާ ފިލްމުތަކަށް ރިވިއުދޭ ފިލްމު ކްރިޓިކް މެންބަރެކެވެ.