މިއީ ހުރަސްކުރަން އެންމެ ބިރުވެރި ކަނޑު

ގަދަ ކަނޑާއި ރާޅުތަކުގައި ދަތުރުކުރުމަކީ ދިވެހީންނަށް އާ ކަމަކަށް ނުވާނެއެވެ. ނަމަވެސް ދިވެހީން ދުވަހަކުވެސް ތަޖުރިބާ ކޮށްފައި ނުވާނެ ވަރުގެ ގަދަ ކަނޑެއް ވެސް ވެއެވެ. ދުނިޔޭގައި ހުރަސްކުރަން އޮތް އެންމެ ބިރުވެރި އަދި ގަދަ ކަނޑަކީ ދިވެހީން ހަމަ ގައިމުވެސް ތަޖުރިބާކޮށްފައި ނުވާނެ ވަރުގެ ކަނޑެކެވެ.

އެމެރިކާ ބައްރާއި އެންޓާޓިކާ ބައްރާ ދެމެދު އޮންނަ މާ ކަނޑެއް ކަމަށް ކަމަށްވާ ޑްރޭކް ޕެސެޖް އަކީ އާންމުންގެ އިތުރުން ކަނޑަށް ފަރިތަ މީހުންގެ މެދުގައި ވެސް ބިރުވެރިކަމެއް އުފައްދާ ކަނޑެކެވެ. ގާތްގަނޑަކަށް 1000 ކިލޯމީޓަރަށް ދެމިގެންދާ މި މާކަނޑަކީ ގިނަ ފަތުރުވެރިން ކޮންމެ އަހަރެއްގެ ތެރޭގައި ހުރަސްކޮށް އުޅޭ ކަނޑެކެވެ. ނަމަވެސް މި ކަނޑު ހުރަސް ކުރާއިރު ބޮޑެތި ރާޅުތަކުގެ އިތުރުން އެކި ސައިޒުތަކުގެ ގަނޑުފެންތަކާ ވެސް ހަނގުރާމަ ކުރަން ޖެހެއެވެ.

ޓިކްޓޮކް އާއެކު ޑްރޭކް ޕެސެޖްގެ މަގުބޫލުކަން އަންނަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. ހާއްސަކޮށް ކްރޫޒް ދަތުރު ކުރާ މީހުން ދަތުރުގެ ވާހަކަ ސޯޝަލް މީޑިއާގައި ހިއްސާކުރަމުން ދާތީ މަގުބޫލުކަން އަންނަނީ އިތުރުވަމުންނެވެ. ނަމަވެސް ދަތުރު ކުރާ ހުރިހާ އެންމެން ހެން ވެސް ބުނަނީ ޑްރޭކް ޕެސެޖްގެ ބިރުވެރި ކަމަށެވެ. އަދި އެހާ ގަދަ ކަނޑެއްގައި ދަތުރު ނުކުރާ ކަމަށެވެ.

ބޯޓުގައި ގާތްގަނޑަކަށް 48 ގަޑިއިރު ހޭދަ ކުރަން ޖެހޭ މި ކަނޑުގައި 50 ފޫޓާ ހަމައަށް އުސްވާ ބޮޑެތި ރާޅުތަކާ ހަނގުރާމަ ކުރަން ޖެހެއެވެ. ރާޅުތަކުން ސަލާމަތްވާ ހިސާބުން އަދި ނިމުނީ އެވެ. ބޮޑެތި ވަރުގަދަ ގަނޑުފެންތައް ކައިރިން ދަރުރުކޮށް އެއިން ސަލާމަތް ވުމަކީ ވެސް ބިރުވެރި ތަޖުރިބާ އެކެވެ.

އެހެންވީމާ މި ސަރަހައްދުގެ ކަނޑު ގަދަވަނީ ކީއްވެ ހެއްޔެވެ؟ އެންޓާޓިކާގެ އަރިމައްޗަކުން ނިމޭ ތުނޑު ސީދާ ދިމާވަނީ އެމެރިކާ ބައްރު ނިމޭ ކޮޅުގެ ތުނޑަށެވެ. ނަތީޖާއެއްގެ ގޮތުން މި ދިމާލުން "ޕިންޗް ޕޮއިންޓް އިފެކްޓް" އެއް ހިނގައެވެ. މިއީ ދެ ބައްރު ދެމެދުގައި ވައި ދައުރު ކުރާ ގޮތުން ފެންގަނޑު ދައުރު ކުރުމުގައި ފެންގަނޑު އެނބުރި ބޮޑެތި ރާޅުތައް އުފެދުމަށް މެދުވެރިވާ ކަމަށް ކިޔާ ނަމެވެ.

މި ދެ ބައްރުގެ ދެމެދުގައި ފެންގަނޑު ދައުރު ކުރަނީ އެއްވެސް ހިކިފަސްގަނޑެއްގައި ނުވަތަ ބިމެއްގައި ނުޖެހިއެވެ. އާންމުކޮށް މި ތަންތަނަކީ ކަނޑާއި ތޫފާނުތަކުގެ އަސަރު ކުޑަ ކުރާ ތަންތަނެވެ. ނަމަވެސް މި ތޫފާނާއި ކަނޑުތައް މައިތިރި ކުރާނެ ބަފަރެއް ނެތުމުން ޑްރޭކް ޕެސެޖް މި ވަނީ އެންމެ ގަދަ ކަނޑަށް ވެފައެވެ.

ނަމަވެސް މި ކަނޑުން ދަތުރު ކުރަން ބޭނުންވާ މީހުން ވެސް މަދެއް ނޫނެވެ. އެހެންވީމާ މިއީ ދުވަހަކުވެސް ދަތުރު ކުރެވޭނެ ތަނަކަށް ވާ ނަމަ ކަނޑު ހުރަސް ކުރާނަން ހެއްޔެވެ؟

comment ކޮމެންޓް