ޖެޓީގައި އަޅާފައި އޮންނަ ކަނޑު އުޅަނދުފަހަރު ބެލެހެއްޓުމަށްޓަކައި ބޭނުންވާ އަދަދަށް ފަޅުވެރިން ނެތި، އެ އުޅަނދެއް ދޫކޮށްފައި ގޮސްފިނަމަ ފިޔަވަޅު އަޅާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ބުނެފިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ މިހާރަކަށް އައިސް ކަނޑު އުޅަނދުފަހަރު ފަޅުތެރޭގައާއި ކަނޑުގެ ސަރަހައްދުގައި ނަގިލި ލުމަށްފަހު އުޅަނދު ބެލެހެއްޓުމަށްޓަކައި އެއްވެސް ފަޅުވެރިއެއް ނެތި އުޅަނދު ދޫކޮށްލާފައި ދާކަން ފާހަގަކުރެވޭ ކަމަށެވެ.
އެކަމުގެ ސަބަބުން ތަފާތު ނުރައްކާތެރި ހާދިސާތައް ދިމާވެ މީހުންގެ މުދަލަށް ގެއްލުން ވަމުންދާކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.
އެހެންކަމުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދުއްވާ ކަނޑު އުޅަނދުފަހަރު ނަގިލި ލާފައި ނުވަތަ ޖެޓީގައި އޮންނަ ވަގުތުތަކުގައި އެ އުޅަނދެއް ބެލެއްހެއްޓުމަށްޓަކައި އެކަށީގެންވާ އަދަދަކަށް ފަޅުވެރިން ތިބުމަކީ ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން ކޮންމެހެން ލާޒިމްކަމެއް ކަމަށް މިނިސްޓްރީން ބުންޏެވެ.
އަދި އެގޮތަށް ނަގިލި ލުމަށްފަހު، އުޅަނދު ބެލެހެއްޓުމަށްޓަކައި ބޭނުންވާ އަދަދަށް އެ އުޅަނދުގައި ފަޅުވެރިން ނެތްނަމަ އެ އުޅަނދުގެ ވެރިފަރާތަކާ މެދު "ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރާ އުޅަނދުފަހަރުގެ ސަލާމަތާބެހޭ ގަވާއިދު" ގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ކަނޑު އުޅަނދުފަހަރު ބެލެހެއްޓުމަށް މީހުން ނުތިބޭ ދަނޑިވަޅުތަކުގައި ވައްކަމުގެ މައްސަލަތަކާއި، ހުއްދަ ނުހޯދައި އެ އުޅަނދުފަހަރުތަކަށް އަރައި އުޅުމުގެ މައްސަލަތައް ފެންމަތިވެފައި އެބަހުއްޓެވެ.