މެރިން ރިސާޗްގެ ޑިރެކްޓާ ޖެނެރަލްއަކަށް ޝިމާލް

މޯލްޑިވްސް މެރީން ރިސާޗް އިނިސްޓިޓިއުޓުގެ އާ ޑިރެކްޓާ ޖެނެރަލް މުޙައްމަދު ޝިމާލް-- ފޮޓޯ: އެމްއެމްއާރުއައި

މޯލްޑިވްސް މެރީން ރިސާޗް އިނިސްޓިޓިއުޓު (އެމްއެމްއާރްއައި)ގެ އާ ޑިރެކްޓާ ޖެނެރަލްގެ މަގާމަށް މުޙައްމަދު ޝިމާލް މިއަދު އައްޔަން ކުރައްވައިފިއެވެ.

ކުރިން އެ މަގާމުގައި ހުންނެވި ޝަފިއްޔާ ނައީމު ވަނީ, މިދިޔަ ޖެނުއަރީ މަހުގެ 30 ވަނަ ދުވަހުން ފެށިގެން މަގާމުން ވަކިވެފައެވެ. އޭނާ މަގާމުން ވަކިވީ އެ އިދާރާގައި 24 އަހަރަށް ވުރެން ގިނަ ދުވަހު ޚިދުމަތް ކުރެއްވުމަށް ފަހުގައެވެ.

އެ އިދާރާއިން ބުނީ 10 އަހަރުގެ ތަޖުރިބާއާއި، ހިންގުމުގެ ހުނަރާއެކު ޝިމާލުގެ ހިންގުންތެރިކަމުގެ ދަށުން އެމްއެމްއާރްއައިއަށް ހުޅުވިގެން އަންނަނީ މުޅިން އާ ބާބެއް ކަމަށެވެ.

މޯލްޑިވްސް މެރީން ރިސާޗް އިނިސްޓިޓިއުޓުގެ އާ ޑިރެކްޓާ ޖެނެރަލް މުޙައްމަދު ޝިމާލް-- ފޮޓޯ: އެމްއެމްއާރުއައި

އެގޮތުން ދިރާސާކުރުމުގެ މަސައްކަތުގައި އޭނާ ކުރައްވާ މަސައްކަތާއި، ހިސާބުތަކުގެ އަލީގައި ކަންކަން ދެނެގަތުމަށް އޭނާ ބާރު އަޅުއްވާ މިންވަރަކީ ވެސް އޭނާގެ ގާބިލުކަން ހާމަވާ ކަމެއް ކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން ރާއްޖޭގެ އެކިއެކި ފޯރަމްތަކުގައާއި، ނޭޝަނަލް ރިސާޗް ކައުންސިލްގެ މެންބަރުކަން ކުރެއްވުމާއި، އިންޑިއަން އޯޝަން ޓޫނާ ކައުންސިލް (އައިއޯޓީސީ)ގައި އޭނާ އަދައިކުރައްވާ ދައުރަކީ މެރިން ސައިންސް ދާއިރާގައި އޭނާގެ ހިއްސާ ހާމަވާކަމެއް ކަމަށް ވަނީ ބުނެފައެވެ.

މިއީ ކީއްކުރާ އިދާރާއެއް?

ކަނޑާއި ކަނޑުގެ ދިރުންތަކާއި ގުޅޭ ސައިންޓިފިކް މައުލޫމާތު އެއްކޮށް ދިރާސާ ކުރުމުގެ އިތުރުން ކަނޑުގައި އުޅޭ ދިރުންތަކުގެ މައުލޫމާތު ހޯދައި ސްޕެސިމަން އެއްކޮށް ބެލެހެއްޓުމާއި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން މަދުވަމުންދާ ބާވަތްތަކާއި ނެތި ހިނގައިދާނެކަމުގެ ބިރުހީވެފައިވާ ބާވަތްތަކާއި ކަނޑުގެ މާހައުލުގެ ދުޅަހެޔޮކަމަށް މުހިންމު ބާވަތްތައް ދެނެގަނެ އެ ބާވަތްތައް ރައްކައުތެރިކޮށް ދެމެހެއްޓުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތަކުގެ މައުލޫމާތާއި ލަފަޔާއި އިރުޝާދު ދިނުމަކީ އެ އިންސްޓިޓިއުޓުގެ މަސްއޫލިއްޔަތެކެވެ.

މަސްވެރިކަން ކުރަނީ ތިމާވެއްޓާ ރަށްޓެހި ގޮތެއްގައި ތޯ ބަލައި ދިރާސާ ކުރުމައި އެކަނަށް ބޭނުން ފަންނީ ލަފާ ފިޝަރީޒް މިނިސްޓްރީއަށް ދިނުން ވެސް އެތަނުގެ މެންޑޭޓްގެ ތެރޭގައި ހިމެނެއެވެ. އަދި މަސްވެރިކަމުގެ ތަފާސްހިސާބުތަކަކީ އެ ކަންކަމަށް އެކަށޭނަ ހިސާބުތަކަކަށް ހެދުމަށް ބޭނުންވާ ލަފާދިނުމާއި ކަނޑުތަކުގެ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުން ކުރެވޭކަން ކަށަވަރު ކުރުމާއި މެރިކަލްޗާގެ ސިނާއަތެއް ގާއިމުކުރުމަށް ބޭނުންވާ ދިރާސާތައް ކުރުމާއި، މެރިކަލްޗާގެ ދާއިރާ ތަރައްގީ ކުރާނެ ގޮތުގެ ފަންނީ ލަފާ ވެސް އެ އިންސިޓިޓިއުޓުން ދޭން ޖެހެއެވެ.

މަސްވެރިކަމާއި މެރިކަލްޗަރާއި ފަރުތަކާ ގުޅޭ ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ މަސައްކަތްތަކުގައި ބައިވެރިވެ އެ ދާއިރާއިން ސައިންސް ކުރިއަރުވައި މިފަދަ ޖަމްއިއްޔާތަކަށް ބޭނުންވާ މައުލޫމާތު ވެސް އެތަނުން ފޯރުކޮށްދޭން ޖެހެއެވެ.

ރާއްޖޭގައި އަމިއްލަ ފަރާތްތަކުން ކުރާ ކަނޑުގެ މާހައުލާ ގުޅޭ ދިރާސާތަކުން އެއްކުރާ މައުލޫމާތާއި ޑޭޓާތައް ޖަމާކޮށް، އެ ތަކެތި ބެލެހެއްޓުމަކީ ވެސް މެރިން ރިސާޗް އިންސްޓިޓިއުޓްގެ މަސްއޫލިއްޔަތެކެވެ.

comment ކޮމެންޓް