އަތޮޅުތެރޭގައި ބާއްވާ އެންމެ ބޮޑު އެކްސްޕޯ އޭދަފުށީގައި ބާއްވަނީ

ބ. އަތޮޅު ބިޒްނަސް އެކްސްޕޯ 2026، ރަސްމީކޮށް އިއުލާން ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: އެކްސްޕޯ ބޭއްވުމަށް ހަމަޖެހިފައިވަނީ މާޗު މަހުގައި---/ ފޮޓޯ، ހައިރައިޒް

ވިޔަފާރިތަކަށް ޚާއްސަކޮށް އަތޮޅު ތެރޭގައި ބާއްވާ އެންމެ ބޮޑު އެކްސްޕޯ، އެޓޯލް ބިޒްނަސް އެކްސްޕޯ 2026 އަންނަ މަހު ބ. އޭދަފުށީގައި ބާއްވަން ނިންމައިފިއެވެ.

އެ އެކްސްޕޯ ރަސްމީކޮށް އިއުލާން ކުރުމަށް މާގިރި ހޮޓެލްގައި ބޭއްވި ރަސްމިއްޔާތުގައި ބ. އަތޮޅު ކައުންސިލާއި، ބ. އޭދަފުށީ ކައުންސިލްގެ އިސް ބޭފުޅުންގެ އިތުރުން، އެކްސްޕޯގެ ސްޕޮންސަރުންނާއި، ޕާޓްނަރުން ވަނީ ބައިވެރިވެފައެވެ.

އެ ހަރަކާތް ބޭއްވުމުގެ އެއްބަސްވުމުގައި އޭދަފުށި ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ، ކައުންސިލްގެ ރައީސް މުޙައްމަދު ފާތިހެވެ. ބ. އަތޮޅު ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ، ސެކްރެޓަރީ ޖެނެރަލް މުޙައްމަދު އިކްރާމްއެވެ.

އެ އެކްސްޕޯ އިންތިޒާމު ކުރާ ހައި ރައިޒުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ، އެ ކުންފުނީގެ ސޭލްސް އެންޑް މާކެޓިން ޑިރެކްޓަރު މަރިޔަމް މާއިޝާއެވެ.

އެ ކުންފުނިން ބުނި ގޮތުގައި މިއީ ރާއްޖޭގެ ވިޔަފާރިތަކުގެ ގުޅުންތައް ބަދަހިކުރުމަށާއި، ސަރަހައްދީ އަދި އިގްތިސާދީ ގޮތުން ކުރިއެރުމަށް ހުޅުވޭ އައު އަދި އުއްމީދީ ފުރުސަތެކެވެ.

އަންނަ މަހުގެ 27އިން 29އަށް ބާއްވާ އެ އެކްސްޕޯގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަރަކާތްތެރިވާ ކުންފުނިތަކާއި، އަލަށް ފަށާ ވިޔަފާރިތަކާއި އެކި ދާއިރާތަކުގެ ތަޖުރިބާކާރުން، ބ. އަތޮޅުގެ ރަށްރަށުގައި ހުރި ވިޔަފާރިތަކާ ސީދާ ގޮތެއްގައި ގުޅުވައިދިނުމެވެ.

އެ އެކްސްޕޯ ފަރުމާކޮށްފައިވަނީ އަތޮޅުތެރޭގެ ވިޔަފާރިތަކާއި، ރާއްޖޭގެ ބޮޑެތި ކުންފުނިތަކާއި، ފަތުރުވެރިކަމުގެ ދާއިރާގެ އިސް ފަރާތްތަކުގެ މެދުގައި ގުޅުން ބަދަހިކޮށް، އައު އީޖާދުތަކަށް މަގުފަހިކޮށްދީ، ވިޔަފާރީގެ ވިއުގަ ވަރުގަދަކުރުން ކަމަށް ވެސް ހައިރައިޒްއިން ވަނީ ބުނެފައެވެ.


comment ކޮމެންޓް