މިދިޔަ މަހުގެ 15 ވަނަ ދުވަހު ބ. އޭދަފުށީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އުމުރުން ދުވަސްވީ މީހަކު މަރުވެފައިވާއިރު, އެ އެކްސިޑެންޓް ހިނގި ޕިކަޕް ދުއްވަން އިން ޑުރައިވަރުގެ ބަންދުގެ މުއްދަތު އަނެއްކާ ވެސް އިތުރު ކޮށްފިއެވެ.
މި އެކްސިޑެންޓްގައި ސީރިއަސް އަނިޔާތަކެއް ލިބުނު, އެ ރަށު ސީސަންގެ، އުމުރުން 82 އަހަރުގެ އަބޫބަކުރު އަބްދުﷲ, މިދިޔަ ހުކުރު ދުވަހު ވަނީ މަރުވެފައެވެ.
މި އެކްސިޑެންޓާ ގުޅިގެން ޕިކަޕް ދުއްވަން އިން 62 އަހަރުގެ ދިވެހި ޑުރައިވަރު ހައްޔަރުކޮށް ފުރަތަމަ އޭނާގެ ބަންދަށް އިތުރު ކުރީ 15 ދުވަހެވެ. އެ މުއްދަތު އިއްޔެ ހަމަވުމުން ކޯޓަށް ހާޒިރު ކުރުމުން އިތުރު 15 ދުވަހު އޭނާ ބަންދު ކުރަން އަމުރު ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ ރަށުން 'ސަން'އަށް މައުލޫމާތު ދިން މީހަކު ބުނި ގޮތުގައި އެ ހާދިސާ ހިނގީ މިދިޔަ މަހުގެ 15 ވަނަ ދުވަހުގެ ރޭ މަޣްރިބު ނަމާދަށް ފަހު، އަބޫބަކުރު ހިނގާފައި ގެއަށް ދިޔަ މަގުމަތީ ޕިކަޕެއްގައި ޖެހިގެންނެވެ.
މަންޒަރު ދުށް މީހުން ތުހުމަތުކުރާ ގޮތުގައި އެ އެކްސިޑެންޓު ހިނގީ ޕިކަޕު ދުއްވަން އިން މީހާ ބަލަންވާ ވަރަށް ނުބެލުމުގެ ސަބަބުން ކަމަށް އޭނާ ކިޔައިދިނެވެ.