ރައީސް ޑރ. މުޙައްމަދު މުއިއްޒު ރިޔާސަތު ބަލަހައްޓަވާ ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް ކައުންސިލުން، މޯލްޑިވްސް ޑިޒާސްޓާ ރިސްކް ރިޑަކްޝަން ސްޓްރެޓަޖީ 2024 – 2030 މިއަދު ފާސްކޮށްފިއެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި، މޯލްޑިވްސް ޑިޒާސްޓާ ރިސްކް ރިޑަކްޝަން ސްޓްރެޓަޖީގެ މައިގަނޑު މަގުސަދަކީ މޫސުމީ ގޮތުންނާއި އެނޫންވެސް ގޮތްގޮތުން ކުރިމަތިވެދާނެ ކާރިސާތަކުގެ ސަބަބުން ދިވެހިރާއްޖޭގެ ތިމާވެށްޓާއި ބިނާވެށި ރައްކާތެރިކުރުމާއި، ރައްޔިތުންގެ ގެދޮރާއި މުދާ ހިމާޔަތްކުރުމާއި، ކާރިސާތަކަށް ކުރިއާލާ ތައްޔާރުވުމާއި، ކާރިސާތަކަށް ވިލުންތެރި މުޖުތަމައުއެއް ބިނާކުރުމާއި، ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމެވެ.
މި ސްޓްރެޓަޖީ ތަސްދީގުކުރުމުގެ ސަބަބުން ގުދުރަތީ ކާރިސާތަކުން ލިބިދާނެ އަދި ލިބޭ ގެއްލުންތައް ކުޑަކުރުމަށާއި، މިދާއިރާއިން އިންސާނީ ވަސީލަތް ތަރައްގީ ކުރުމަށް އިތުރު ފުރުސަތުތައް ފަހިވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި މިފަދަ ސްޓްރެޓެޖީއެއް އެކުލަވާލައި ޑިޒާސްޓާ މެނޭޖްމަންޓް ކައުންސިލުން ފާސްކުރަން ނިންމީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުދި އަދި ބިންތިރި ޖަޒީރާ ގައުމުތަކަށް ލިބޭ ގެއްލުމާ ގުޅޭގޮތުން ބައިނަލްއަގްވާމީ މައިދާނުގައި އަބަދުވެސް ވަކާލާތުކުރާ ގައުމެއްގެ ހައިސިއްޔަތުން، މިފަދަ ސްޓްރެޓަޖީއެއްގެ ސަބަބުން މިކަންކަމަށް ވަކާލާތުކޮށް އަޑުއުފުލުމުގެ ފުރުސަތު އިތުރުކުރެވިދާނެތީކަން ވެސް ވަނީ ފާހަގަކޮށްފައެވެ.
މޯލްޑިވްސް ޑިޒާސްޓާ ރިސްކް ރިޑަކްޝަން ސްޓްރެޓަޖީއެއް އެކުލަވާލުމަކީ، 2030 އަންނަން ވާއިރަށް ގައުމުތަކުގައި ޑިޒާސްޓާ ރިސްކް ރިޑަކްޝަން ސްޓްރެޓަޖީތައް އެކުލަވާލަން ޖެހޭނެކަމަށް ސެންޑައި ފްރޭމްވޯކް ފޯރް ޑިޒާސްޓާ ރިސްކް ރިޑަކްޝަން (2015-2030)ގައި ބަޔާންކޮށްފައިވާ ހަތް ލަނޑުދަނޑިތަކުގެ ތެރެއިން ލަނޑުދަނޑި ފަސް ވަނައިގައި ހިމަނައިފައިވާ ކަމެކެވެ.
ޑިޒާސްޓާ ރިސްކް ރިޑަކްޝަން 2015-2030ގެ ސެންޑައި ފްރޭމްވޯކް ފާސްކޮށްފައިވަނީ މާޗު 15، 2015ގައި ޖަޕާނުގެ ސެންޑައިގައި ބޭއްވި އދ.ގެ ތިންވަނަ ވޯލްޑް ކޮންފަރެންސްގައެވެ.