ބައިނަލްއަގުވާމީ ކްރެޑިޓް ރޭޓިން އޭޖެންސީ މޫޑީސްއިން ލަންކާގެ ކްރެޑިޓް ރޭޓިން މަތިކޮށްފިއެވެ.
މޫޑީސްއިން ލަންކާގެ މާލީ ހާލަތާ ގުޅޭ ގޮތުން ނެރުނު ރިޕޯޓެއްގައި ވަނީ އެގައުމުގެ ރޭޓިން 'ސީއޭ'އިން ސީއޭއޭ1'އަށް މަތިކޮށްފައެވެ. ސީއޭއޭ1އަކީ ވެސް މާލީ ގޮތުން ނާޒުކު ގައުމަކަށް ދޭ ރޭޓިންއެއް ނަމަވެސް، އެއީ މީގެ ކުރިން ދަރަނި ޑީފޯލްޓް ވުމާ ގުޅިގެން ދަށަށް ދިޔަ ރޭޓިންއިން ލިބުނު ބޮޑު ކުރިއެރުމެކެވެ.
އެ ރިޕޯޓުގައި ވަނީ ލަންކާގެ އާމްދަނީއާއި ދަރަނި މެނޭޖުކުރުން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަރާނެ ކަމުގެ އުއްމީދު އޮތްކަން ފާހަގަކޮށް، ދަރަނި ޑީފޯލްޓްވުމުގެ ނުރައްކާ ކުޑަކަމާއި ގައުމުން ބޭރުން ކުރިމަތިވާ ގޮންޖެހުންތަކުން އޮތް ނުރައްކާ ކުޑަވެފައިވާ ކަމަށް ބުނެފައެވެ.
މޫޑީސްއިން ރޭޓިން މަތިކުރި މައިގަނޑު ސަބަބެއްގެ ގޮތުގައި ބުނެފައިވަނީ، ލަންކާގެ 12.55 ބިލިއަން ޑޮލަރުގެ އިންޓަނޭޝަނަލް ސޮވެރިން ބޮންޑްތައް ގަނެފައިވާ ކްރެޑިޓަރުންނާއެކު، ދަރަނި ރީސްޓްރަކްޗާ ކުރުމަށް އެއްބަސްވުމަކަށް އާދެވުމެވެ. ލަންކާއިން އެ އެއްބަސްވުން ހަދައިފައިވާކަން އިއުލާން ކުރީ މިދިޔަ ހަފުތާގައެވެ.
މީގެ އިތުރުން ލަންކާ ސަރުކާރުން އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) ފަދަ އިދާރާތަކާ ގުޅިގެން އަޅަމުން އަންނަ އިސްލާހީ ފިޔަވަޅުތައް ވެސް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
އެހެން ނަމަވެސް، ލަންކާއަށް އާމްދަނީ ލިބޭނެ ގޮތްތައް އަދިވެސް މަދުވުމާއި ބޭރުގެ އެހީއަށް ބަރޯސާވުމަކީ އިގުތިސާދަށް އޮތް ނުރައްކާތައްކަން މޫޑީސްއިން ފާހަގަކުރިއެވެ.
ލަންކާގައި އެތައް އަހަރެއް ވަންދެން ސަރުކާރުތަކުން ވެފައިވާ އިހުމާލުތަކުގެ ސަބަބުން ގައުމުގެ އިގުތިސާދީ ހާލަތު ދަށްވަމުން ދަނިކޮށް، 2019ގައި އެގައުމުގައި ދިން ޓެރަރިސްޓު ހަމަލާތަކުންނާއި ކޮވިޑް-19ގައި ލިބުނު ގެއްލުމުން އަރައިނުގަނެވިގެން އުޅެނީ 2022ގައި އިގުތިސާދު އިނދަޖެހުނެވެ.
އެގައުމުގައި ތަކެތީގެ އަގު އުފުލި، ކަރަންޓުގެ ޚިދުމަތަށް ބުރޫ އަރާ، ކާބޯތަކެތި ލިބުން ދަތިވުމުގެ ސަބަބުން އެގައުމުގެ ރައްޔިތުން ސަރުކާރާ ދެކޮޅަށް ބޮޑެތި މުޒާހަރާތައް ބޭއްވިއެވެ. އެ މުޒާހަރާތަކުގެ ބައިވެރިން ރިޔާސީ ގަނޑުވަރަށް ވެސް ވަދެގަތުމުން ރައީސް ގޯޓާބަޔަ ރާޖަޕަކްސަގެ ސަރުކާރު ވެއްޓި، އެ މަނިކުފާނު ގައުމުން ފިއްލެވިއެވެ.
އެއަށްފަހު ލަންކާގައި ބޭއްވި ރިޔާސީ އިންތިޚާބުގައި އެގައުމުން އިންތިޚާބުކޮށްފައި ވަނީ އެގައުމުގައި މީގެ ކުރިން ވެރިކަން ކުރަމުން އައި މައި އާއިލާތަކާ ނިސްބަތް ނުވާ ބޭފުޅެއް ކަމަށްވާ އަނޫރާ ކުމާރަ ޑިސަނަޔަކައެވެ.
ލަންކާއިން އައިއެމްއެފާއެކު އެއްބަސްވުމެއް ހަދައިފައިވާއިރު، އެ އެއްބަސްވުމުގެ ދަށުން ސަބްސިޑީތައް ކަނޑައި ޓެކްސްތައް އިތުރުކޮށްފައިވެއެވެ. އޭގެ ސަބަބުން ރައްޔިތުން ނުރުހުން ވެސް ފާޅުކޮށްފައިވެއެވެ.
ޑިސަނަޔަކަ ވެރިކަމަށް ވަޑައިގަތުމުގެ ކުރިން އެ އެއްބަސްވުމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ. އަދި މިހާރު ގެންދަވަނީ އައިއެމްއެފްގެ ހަރުކަށި ޝަރުތުތަކަށް ލުއިތައް ހޯއްދެވުމަށް މަސައްކަތްތައް ކުރައްވަމުންނެވެ.