އެޓްލެޓިކޯއިން ބާސެލޯނާ ބަލިކޮށް ތާވަލްގެ އެއްވަނައަށް

އެޓްލެޓިކޯއިން ބާސެލޯނާ ބަލިކޮށް ތާވަލްގެ އެއްވަނައަށް ވަނީ ޖެހިލައިފައި --

ސްޕެނިޝް ލަލީގާގައި އެޓްލެޓިކޯ މެޑްރިޑާއި އެފްސީ ބާސެލޯނާ ބައްދަލުކުރި މެޗު އެޓްލެޓިކޯއިން ކާމިޔާބުކޮށް ތާވަލްގެ އެއްވަނައަށް ކުރިއަށް ޖެހިލައިފިއެވެ.

ބާސާގެ ދަނޑުގައި ކުޅުނު މިމެޗު އެޓްލެޓިކޯއިން ކާމިޔާބު ކޮށްފައިވަނީ ފަހަތުން އަރާ ދެ ލަނޑު އެއް ލަނޑުންނެވެ. ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނުނު މިމެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ބާސާއިންނެވެ. އަދި މިމެޗުގެ ފުރަތަމަ ހާފުގައި ރަނގަޅަށް ކުޅެފައިވަނީވެސް ބާސާއިންނެވެ. ނަތީޖާއަކަށްވީ މެޗުގެ 30 ވަނަ މިނެޓުގައި ބާސާއިން ލަނޑެއް ޖަހާ މެޗުގެ ލީޑު ނެގުމެވެ.

މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޕެޑްރީއެވެ. މިހާފުގައި މިގޭ އިތުރުން ވެސް ލަނޑު ޖަހާނެ ފުރުސަތު ދެޓީމަށް ވެސް ލިބިގެންދިޔައެވެ.

މިމެޗުގެ ދެވަނަ ހާފުގައިވެސް ގިނައިރު ބޯޅަ ހިފަހައްޓާ މެޗު ޑޮމިނޭޓް ކުރަމުންދިޔައީ ބާސާއިންނެވެ. ނަމަވެސް މިއާއެކުވެސް އެޓްލެޓިކޯއަށް މެޗުގެ ނަތީޖާ އެއްވަރު ކުރުވުން ބާސާއަށް ހުއްޓުވޭގޮތެއް ނުވިއެވެ. ބާސާގެ މާކް ކަސާޑާއަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި އެޓްލެޓިކޯއަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިނީ ރޮޑްރިގޯ ޑި ޕޯލްއެވެ. އަދި އެއް ލަނޑު އެއް ލަނޑުން ދެޓީމު އެއްވަރުވެފައިއޮވެގެން މެޗު ނިމެން ދަނިކޮށް މިމެޗުން އެޓްލެޓިކޯ މޮޅުކޮށްދިން ލަނޑު މެޗުގެ އިތުރު ވަގުތުގެ ހަ ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ބަދަލު ކުޅުންތެރިޔާ އެލެގްޒެންޑާ ސޯލޮތުއެވެ.

މިކާމިޔާބީއާއެކު އެޓްލެޓިކޯއިން މިވަނީ ކުރިން އެއްވަނައިގައި އޮތް ބާސާ ފަހަތަށް ޖައްސާލާ ތާވަލްގެ އެއްވަނައަށް ކުރިއަށް ޖެހިލާފައެވެ. އެއީ ކުޅުނު 18 މެޗުން ލިބިފައިވާ 41 މެޗާއެކުއެވެ. އަދި މިއާއެކު މިއަހަރު ނިމި އަދި އާއަހަރު ފެށޭއިރު ތާވަލްގެ އެއްވަނައިގައި އުޅޭނީ އެޓްލެޓިކޯކަން މިހާރުވަނީ ކަށަވަރު ވެފައެވެ. އަދި ބާސާ އުޅެނީ 38 ޕޮއިންޓާއެކު ތާވަލްގެ ދެވަނައިގައެވެ.

މިމުބާރާތުގައި އެޓްލެޓިކް ބިލްބާއޯ އާއި އޮސަސޫނާ ބައްދަލުކުރި މެޗު ދެ ލަނޑު އެއް ލަނޑުން ކާމިޔާބު ކޮށްފައިވަނީ ބިލްބާއޯއެވެ. މިމެޗުގައި ބިލްބާއޯގެ ދެ ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ގޯކާ ގުރުޒޭޓާ އާއި އަލެހަންޑްރޯ ބެރެންގުއާ ރެމީރޯއެވެ. އަދި އޮސަސޫނާގެ ހަމައެކަނި ލަނޑު ކާމިޔާބު ކޮށްދިނީ ލޫކަސް ޓޯރޯއެވެ. މިކާމިޔާބީއާއެކު ބިލްބާއޯ އުޅެނީ 36 ޕޮއިންޓާއެކު ތާވަލްގެ 4 ވަނައިގައެވެ. އަދި އޮސަސޫނާ އުޅެނީ 25 ޕޮއިންޓާއެކު ތާވަލްގެ 9 ވަނައިގައެވެ.

comment ކޮމެންޓް