ސްޕެނިޝް ލަލީގާގެ އެއްވަނައިގައި އޮތް އެފްސީ ބާސެލޯނާއިން ލާސް ޕާލްމާސް ބަލިކޮށް، ލީޑު ފުޅާކޮށްފިއެވެ.
ލާސް ޕާލްމާސްގެ ދަނޑުގައި ކުޅުނު މި މެޗު ބާސާއިން ކާމިޔާބުކޮށްފައިވަނީ 2-0 އިންނެވެ. ބާސާގެ ފަރާތުން މޮޅު ކުޅުމެއް ފެނުނު މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ބާސާއިންނެވެ. ނަމަވެސް، މެޗުގެ ފުރަތަމަ ހާފުގައި ލާސް ޕާލްމާސްގެ ޑިފެންސް ފޫއަޅުވާލުމުގައި ބާސާއަށް މާ ބޮޑު ކުރި އެރުމެއް ނުލިބުނެވެ.
ބާސާއިން ކާމިޔާބުކުރި ފުރަތަމަ ލަނޑު 62 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޑާނީ އޮލްމޯއެވެ. ދެވަނަ ލަނޑު އިތުރު ވަގުތުގެ ފަސްވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފެރާން ޓޯރޭޒެވެ.
މި ކާމިޔާބީއާ އެކު ބާސާ މިހާރު އޮތީ 54 ޕޮއިންޓާ އެކު އެއްވަނައިގައެވެ. އެއީ، ދެވަނައިގައި މި ވަގުތު އޮތް އެޓްލެޓިކޯ މެޑްރިޑަށް ވުރެ އެއް ޕޮއިންޓް އިތުރަށް ހޯދައި އަދި އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑަށް ވުރެ ތިން ޕޮއިންޓް ލިތުރަށް ހޯދައިގެންނެވެ. ނަމަވެސް، ރެއާލް މިރޭ ކުޅޭ މެޗު ކާމިޔާބުކޮށްފި ނަމަ އެ ޓީމަށް ބާސާއާ ޕޮއިންޓްގެ ގޮތުން އަރައި ހަމަކުރެވި ފައިދާ ގޯލަށް ބަލާއިރު ދެވަނަ ލިބޭނެއެވެ.
ރޭގެ މެޗުން ބަލިވުމުން ލާސް ޕާލްމާސް އޮތީ 23 ޕޮއިންޓާ އެކު 17 ވަނައިގައެވެ.
މި މުބާރާތުގައި އެޓްލެޓިކޯއާއި ވެލެންސިއާ ބައްދަލުކުރި މެޗު ރަށުން ބޭރުގައި 3-0 އިން ކާމިޔާބުކޮށްފައިވަނީ އެޓްލެޓިކޯއިންނެވެ. މެޗުގައި އެޓްލެޓިކޯއިން ކާމިޔާބުކުރި ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ކާމިޔާބުކޮށްދިނީ ހޫލިއަން އަލްވަރޭޒްއެވެ. ފަހު ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެންޖެލް ކޮރެއާއެވެ.
މި ކާމިޔާބީއާ އެކު އެޓްލެޓިކޯ އޮތީ 53 ޕޮއިންޓާ އެކު ދެވަނައިގައެވެ. ވެލެންސިއާ އޮތީ 23 ޕޮއިންޓާ އެކު 18 ވަނައިގައެވެ.