ބިންވެރިޔާ ސްކީމުން ގޯތި ހައްގު ނޫން ބަޔަކަށް ގޯތި ދިން ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ އިތުރު އިސް މުވައްޒަފުންތަކެއް ވެސް ސަސްޕެންޑުކޮށްފިއެވެ.
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދު ވެސް ސަސްޕެންޑުކޮށްފައިވާއިރު، "ސަން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ކުންފުނީގައި އިސް މަގާމުތަކެއް ފުރުއްވާ އިތުރު ހަތަރު މީހަކު ވެސް މިހާރު ވަނީ ސަސްޕެންޑުކޮށްފައެވެ. އެއީ:
- ޗީފް ފައިނޭންޝަލް އޮފިސަރު އަބްދުﷲ ފާއިދު
- އައިޓީ ކޮންސަލްޓެންޓް އަބްދުﷲ ޝުހޫދު
- ޗީފް ބިޒްނަސް އޮފިސަރު އަދި މީޑިއާ ޑިޕާޓްމެންޓްގެ ހެޑް އަހުމަދު ޔާމީން
- ރެއަލް އެސްޓޭޓް މެނޭޖްމެންޓް ޑެޕިއުޓީ ޑިރެކްޓަރު އަހުމަދު އައިމަން
އެ މައްސަލައިގައި ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ން ވަނީ އެޗްޑީސީގެ ޗެއާމަން އަހުމަދު ނާސިފް ފިޔަވައި ޑިރެކްޓަރުންގެ ބޯޑުގެ ހުރިހާ މެންބަރުން ވެސް މިއަދުން ފެށިގެން ސަސްޕެންޑުކޮށްފައެވެ.
ގޯތީގެ މައްސަލައިގައި އެންމެ ބޮޑު ތުހުމަތެއް އަމާޒުވެފައި ވަނީ ފަޒުލްއަށެވެ. އެއީ، ބިންވެރިޔާ ސްކީމުން ގޯތި ލިބުމަށް ޝަރުތު ހަމަނުވި ނަމަވެސް، އޭނާގެ ބޭބެ އަދި އެމްޑަބްލިޔުއެސްސީގެ ޑީއެމްޑީ މުހައްމަދު ފަޒީލް ރަޝީދަށް ގޯތި ދީފައިވާ ކަމަށް ބުނާ ލިޔެކިޔުންތަކެއް އާންމުވެފައިވާތީއެވެ.
އެ މައްސަލަ އެޗްޑީސީގެ ސަމާލުކަމަށް އައީ، އެއް ގޯއްޗެއްގައި ވަށާ ފާރު ރޭނުމަށް އެ ކުންފުންޏަށް ދެ މީހަކު އެޕްލިކޭޝަން ހުށަހެޅުމުންނެވެ. އެ ގޯތި ނިސްބަތް ވަނީ ކާކަށްތޯ ކަށަވަރު ކުރުމަށް މިދިޔަ ޖުލައި މަހުގެ 24ގައި އެޗްޑީސީން ހައުސިން މިނިސްޓްރީއަށް ސިޓީއެއް ފޮނުވިއެވެ.
އެ ސިޓީގައި ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އައިމަނެވެ.
އެ ސިޓީގައި ޖަވާބުގައި ހައުސިން މިނިސްޓްރީން ބުނެފައި ވަނީ ފަޒީލަށް ދޫކުރި ކަމަށް ބަޔާންކޮށްފައިވާ ގޯއްޗަކީ މިނިސްޓްރީން އެހާތަނަށް އެއްވެސް ފަރާތަކާ ހަވާލުކޮށްފައިނުވާ ގޯއްޗެއް ކަމަށެވެ.
އެ މައްސަލައިގެ ޖިނާއީ ތަހުގީގެއް ފުލުހުން ފަށައިފައިވާއިރު، ފަޒީލް ވަނީ އޭނާއާ ގުޅުވައި ކުރާ ތުހުމަތުތައް ދޮގުކުރައްވައިފައެވެ.
އެ މައްސަލައިގައި މިހާރު އެމްޑަބްލިޔުއެސްސީގެ ބޯޑުން ވަނީ ފަޒީލް ވެސް ސަސްޕެންޑުކޮށްފައެވެ.