ރޯޝަން އާއިލާއާ ގުޅޭ ޑޮކިއުމެންޓްރީ އަންނަ މަހުގެ 17 ވަނަ ދުވަހު ނެޓްފްލިކްސްއަށް

'ދަ ރޯޝަންސް'ގެ ނަމުގައި ނެޓްފްލިކްސްއިން ގެނެސްދޭ ޑޮކިއުމެންޓްރީގެ ޕޯސްޓަރެއްގައި ރިތިކް ބައްޕަ ރާކޭޝްއާ އެކު--ފޮޓޯ/ޕިންކްވިލާ

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ރިތިކް ރޯޝަންގެ އާއިލާއަށް ބިނާކޮށް އުފައްދާ ޑޮކިއުމެންޓްރީ ސީރީސް "ދަ ރޯޝަންސް" އަންނަ މަހުގެ 17 ވަނަ ދުވަހު ނެޓްފްލިކްސްގައި ޕްރީމިއާ ކުރާނެކަން އިއުލާނުކޮށްފިއެވެ.

ރިތިކް ރޯޝަންގެ އާއިލާއަކީ އިންޑިއާގެ ސިނަމާގައި ލެގަސީއެއް ގާއިމުކުރި އާއިލާއެއް ކަމަށާއި އެއީ އިންޑަސްޓްރީގެ އެންމެ އައިކޮނިކް ފިލްމީ އާއިލާކަމަށް ނެޓްފްލިކްސްއިން ނެރުނު ޕޯސްޓުގައި ވަނީ ބުނެފައެވެ.

އެހެންކަމުން ރޯޝަން އާއިލާއިން އިންޑަސްޓްރީއަށް ކޮށްދީފައިވާ ޚިދުމަތްތަކުގެ ވާހަކަ އަންނަން އޮތް ޖީލުތަކަށް ކިޔައިދިނުމަކީ ކޮންމެހެންވެސް މުހިއްމު ކަމެއް ކަމަށް ނެޓްފްލިކްސްއިން ވަނީ ބުނެފައެވެ.

'ދަ ރޯޝަންސް'ގެ ނަމުގައި ނެޓްފްލިކްސްއިން ގެނެސްދޭ ޑޮކިއުމެންޓްރީގެ ޕޯސްޓަރެއްގައި ރިތިކް ބައްޕަ ރާކޭޝް އަދި ބޮޑު ބޭބޭ ރާޖޭޝް ރޯޝަންއާ އެކު--ފޮޓޯ/ޕިންކްވިލާ
މި ޑޮކިއުމެންޓްރީ ސީރީޒްގައި ރިތިކްގެ އާއިލާއިން އިންޑަސްޓްރީއަށް ކޮށްދީފައިވާ އަގުހުރި މަސައްކަތްތަކުގެ ވާހަކަތަކުގެ އިތުރުން ރޯޝަން އާއިލާއާއެކު މަސައްކަތްކޮށްފައިވާ ފިލްމު އިންޑަސްޓްރީގެ ބައެއް މީހުންގެ އިންޓަވިއުތައް ވެސް ގެނެސްދޭނެއެވެ.

ރިތިކް ރޯޝަންގެ ކާފަ ރޯޝަން ލާލް ނަގްރަތަކީ މިއުޒިކް ދާއިރާގައި ވަރަށް ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރި ކުޅަދާނަ މިއުޒިކް ޑައިރެކްޓަރެކެވެ. ބައްޕަގެ ފިޔަވަޅުތައް ބަލަމުން ރިތިކްގެ ބޮޑު ބޭބެ ރާޖޭޝް ރޯޝަން މިއުޒިކު ދާއިރާއަށް ނުކުތް އިރު ރިތިކްގެ ބައްޕަ ރާކޭޝް ރޯޝަން ވަނީ އެކްޓިން ދާއިރާއަށް ނުކުތުމަށްފަހު ފަހުން ފިލްމު ޑައިރެކްޝަންގެ މަސައްކަތް ފަށާފައެވެ.

ރިތިކް ރޯޝަން ފިލްމު އިންޑަސްޓްރީއަށް ތައާރަފުވި ކާމިޔާބު ފިލްމު "ކަހޯނާ ޕިޔާރު ހޭ"އަކީ ރާކޭޝް ރޯޝަން ޑައިރެކްޓްކޮށް ރާޖޭޝް ރޯޝަން މިއުޒިކް ތައްޔާރުކޮށްދިން ފިލްމެކެވެ.

ފިލްމު ޑައިރެކްޓް ކުރުމުގެ މަސައްކަތުން ރާކޭޝް ރޯޝަން ދުރުވެފައިވާކަން އިއުލާނުކޮށްފައިވާއިރު ދަރިފުޅު ރިތިކްގެ ކެރިއަރުގެ އެންމެ މަގުބޫލު ފިލްމުތަކަކީ ބައްޕަ ރާކޭޝް ޑައިރެކްޓްކޮށްފައިވާ ފިލްމުތަކެވެ. އޭގެތެރޭގައި ފިލްމު "ކޮއި މިލްގަޔާ" އަދި މަގުބޫލު ފްރެންޗައިސް "ކްރިޝް" ހިމެނެއެވެ.

comment ކޮމެންޓް