ރަންވީރާ އެކު ފިލްމު "ޑޮން 3"ގެ ވިލެންގެ ރޯލަށް ވިކްރާންތު

ފިލްމު "ޑޮން 3"ގެ ވިލެންގެ ރޯލް ލިބުނު ކަމަށް ރިޕޯޓުތަކުން ބުނެފައިވާ އެކްޓަރު ވިކްރާންތު މަސޭ--ފޮޓޯ/ބިޒްއޭޝިއާލައިވް

ޑައިރެކްޓަރު އަދި އެކްޓަރު ފަރްހާން އަޚްތަރުގެ އެންމެ ކާމިޔާބު ފްރެންޗައިސް "ޑޮން"ގެ ތިންވަނަ ފިލްމުގެ ވިލެންގެ ރޯލްއިން ފެންނާނީ އެކްޓަރު ވިކްރާންތު މަސޭ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ފިލްމުފެއާގައި ބުނެފައިވާ ގޮތުގައި ވިކްރާންތު "ޑޮން 3"ގެ ވިލެންގެ ރޯލުން ފެންނާނެކަން އިތުބާރުހުރި ފަރާތަކުން ބުނެފައިވާ ކަމަށެވެ.

ފިލްމު "ޑޮން 3"ގެ ވިލެންގެ ރޯލަށް ވިކްރާންތު ސޮއިކޮށްފައިވާ ކަމަށް ވާހަކަ ދެކެވޭއިރު ވިކްރާންތު ވަނީ ފިލްމީ ދާއިރާއިން ދުވަސްކޮޅަކަށް ދުރުގައި އުޅެން ބޭނުންވާ ކަމަށް ބުނެފައެވެ.

ވިކްރާންތު ފިލްމުގައި ވިލެންގެ ރޯލްއިން ފެންނާނެއިރު މި ފިލްމުގެ ލީޑް އެކްޓަރަކީ ކާމިޔާބު ގިނަ ފިލްމުތަކެއް ކުޅެފައިވާ ރަންވީރު ސިންގްއެވެ.

ފިލްމު "ޑޮން 3"ގެ ލީޑް ރޯލް ކުޅޭ އެކްޓަރު ރަންވީރު ސިންގް--ފޮޓޯ/ސިއާސަތު

ވިކްރާންތުއާ ރަންވީރު އެކީގައި މަސައްކަތްކޮށް 2013ވަނަ އަހަރު ރިލީޒްވި ފިލްމު "ލޫޓޭރާ"އަށް ފަހު މިއީ ދެ ތަރިން އެކީގައި ފެންނާނެ ފުރަތަމަ ފިލްމެވެ.

ފިލްމު "ލޫޓެރާ"ގެ ހަނދާންތައް މުޅިންއާ ވެއްޖެ ކަމަށް ބައެއް ފަރާތްތަކުން ބުނެފައި ވާއިރު ފިލްމު "ޑޮން 3"ގައި ކުޅޭ ރޯލްއިން އެކްޓަރުން ބެލުންތެރިން މާޔޫސް ނުކުރާނެކަމުގެ ޔަގީންކަން ބެލުންތެރިންނަށް އެބައޮތް ކަމަށް ފިލްމުފެއާގައި ވަނީ ބުނެފައެވެ.

ވިކްރާންތު އެންމެ ފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ މިދިޔަ އަހަރު ރިލީޒްކުރި ފިލްމު "ދަ ސަބަމަތީ ރިޕޯޓު"އިންނެވެ. މީގެއިތުރުން މިދިޔަ އަހަރު އެކްޓަރުގެ އިތުރު ތިން ފިލްމެއް ވަނީ ބެލުންތެރިންނަށް ގެނެސްދީފައެވެ.

އެކްޓިންގްއާ ދުވަސްކޮޅަކަށް ދުރަށް ދިޔަ ނަމަވެސް މި އަހަރު ތެރޭ ވިކްރާންތުގެ 2 ފިލްމެއް ބެލުންތެރިންނަށް ގެނެސްދޭނެކަމަށް އެކްޓަރު ވަނީ ބުނެފައެވެ.

އެއީ ޕޯސްޓް ޕްރޮޑަކްޝަން މަރުހަލާގައި އޮތް "ޔާރް ޖިގްރީ" އަދި "ޓީއެމްއީ"އެވެ. މީގެއިތުރުން ވިކްރާންތު ވަނީ ފިލްމު "އާކޯން ކީ ގުސްތާކިޔާ"ގެ މަސައްކަތް ވެސް ދާދިފަހުން ނިންމާފައެވެ.

މި އަހަރު ރިލީޒް ކުރުމަށް ތާވަލުކޮށްފައިވާ މި ފިލްމަކީ ކުރީގެ އެކްޓަރު ސަންޖޭ ކަޕޫރުގެ އަންހެން ދަރިފުޅު ޝަނާޔާ އިންޑަސްޓްރީއަށް ތައާރަފުކުރާ ފިލްމެވެ.

comment ކޮމެންޓް