ބޮލީވުޑް އެކްޓަރު ރިތިކް ރޯޝަންގެ ކުރީގެ އަންހެނުން ސުޒޭން ޚާން މިހާރު ވަކިވެފައިވީ ނަމަވެސް ސުޒޭން އަކީ އަދިވެސް އެ އާއިލާގެ މެމްބަރެއް ކަމަށް ރިތިކްގެ ބައްޕަ ރާކޭޝް ރޯޝަން ބުނެފިއެވެ.
ރިތިކް އާއި ސުޒޭން ކައިވެނި ކުރީ ގިނަ އަހަރު ތަކެއް ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު 2000ވަނަ އަހަރުއެވެ. ފިލްމު އިންޑަސްޓްރީއަށް ތައާރަފުވި ފިލްމު "ކަހޯނާ ޕިޔާރު ހޭ"ގެ ކާމިޔާބީއަށް ފަހު ރިތިކް އާއި ސުޒޭންގެ ކައިވެނި ކުރެވުނުއިރު ދެ މީހުންގެ ކައިވެނީގެ ގުޅުން ދެމި އޮތީ 14 އަހަރު ވަންދެނެވެ.
މި ކައިވެންޏަށް ދެ ފިރިހެން ކުދިން ލިބިފައިވާއިރު ކުދިންގެ ކަންކަން ބެލެހެއްޓުން ސުޒޭން އާއި ރިތިކް ކުރިއަށް ގެންދަނީ ވެސް ކައިވެނި ރޫޅިފައިވާ އެފަދަ މައިންބަފައިންނަށް ނަމޫނާ ދައްކަމުންނެވެ.
ސުޒޭން އާއި ރިތިކް ލޯބީގެ ގޮތުން ގުޅި ކައިވެންޏާ ހަމައަށް އެ ގުޅުން ގެނައީ ވެސް ދެ މީހުން އަމިއްލައަށް ކަމަށާއި ދެ މީހުންގެ ވަކިވުމަކީ ވެސް އަމިއްލަ ނިންމުމެއް ކަމަށް ކާމިޔާބު ފިލްމު ޑައިރެކްޓަރު އަދި އެކްޓަރުގެ ބައްޕަ ރާކޭޝް ވަނީ ބުނެފައެވެ.
ރިތިކްއާ ކައިވެނި ކުރުމަށްފަހު ސުޒޭން ރާކޭޝްގެ އާއިލާއަށް އައުމާ އެކު އެ އާއިލާއިން މިއަދާ ހަމައަށް ވެސް ސުޒޭންއާ މެދު ދެކެމުން އަންނަނީ އާއިލާގެ މެމްބަރެއްގެ ގޮތުގައި ކަމަށް ރާކޭޝް ވަނީ ބުނެފައެވެ.
ރިތިކް މިހާރު ލޯބީގެ ގޮތުން ގުޅިގެން އުޅެނީ ޒުވާން ލަވަކިޔުންތެރިޔާ އަދި ތިއޭޓަ ޑައިރެކްޓަރެއް ކަމަށްވާ ސަބާ އާޒާދުއާއެވެ.
ރިތިކްއާ ވަކިވުމަށް ފަހު ސުޒޭން ލޯބީގެ ގޮތުން ގުޅިގެން އުޅެނީ އެކްޓަރު އާސްލަން ގޮނީއާއެވެ. ރިތިކް އާއި ސުޒޭން ކުދިން ގޮވައިގެން ކުރާ ޗުއްޓީ ދަތުރު ތަކުގައި ދެ މީހުންގެ ލޯބިވެރިން ވެސް ބައިވެރިވާއިރު ސަބާ އަކީ ސުޒޭންގެ ވެސް އެކުވެރިއެކެވެ.
ހަމައެގޮތަށް ސުޒޭންގެ ލޯބިވެރިޔާ އާސްލާންއާ ރިތިކްއާ ދެމެދު ވެސް އެއްވެސް ކަހަލަ ރުޅިވެރިކަމެއް އަދި ހިތްހަމަނުޖެހުމެއް ވެސް ނޯވެއެވެ.