ފީފާ އިންޓާކޮންޓިނެންޓަލް ކަޕް ރެއާލްއިން ކާމިޔާބުކޮށްފި

ރެއާލް މެޑްރިޑްއިން އުފާ ފާޅުކުރުން: އެ މުބާރާތް ރެއާލްއިން ކާމިޔާބުކުރީ މެކްސިކޯގެ ޕަޗޫކާއާ ބައްދަލުކޮށް -- ފޮޓޯ/ އޭއެފްޕީ

ފީފާ އިންޓާކޮންޓިނެންޓަލް ކަޕްގެ ޗެމްޕިއަންކަން ސްޕެނިޝް ލަލީގާގެ ރެއާލް މެޑްރިޑް ކާމިޔާބު ކޮށްފިއެވެ.

ފީފާ ކްލަބް ވާލްޑް ކަޕްގެ ބަދަލުގައި މިސީޒަންގައި ފީފާއިން އަލަށް ތައާރަފުކުރި އިންޓާކޮންޓިނެންޓަލް ކަޕްގެ ޗެމްޕިއަންކަން ރެއާލްއިން ކާމިޔާބު ކޮށްފައިވަނީ ޤަތަރުގެ ސުލެއިލް ސްޓޭޑިއަމްގައި ރޭ ކުޅުނު ފައިނަލް މެޗުގައި ކޮކްކާކަފް ޗެމްޕިއަންސް ކަޕްގެ ހައިސިއްޔަތުން ވާދަކުރަމުންދިޔަ މެކްސިކޯގެ ޕަޗޫކާއާ ބައްދަކޮށް ތިން ލަނޑު ސުން ލަނޑުން ކުރި ހޯދައިގެންނެވެ.

ދެޓީމުގެ ފަރާތުން ވާދަކުރި ކުޅުމެއް ފެނުނު މިމެޗުގައި ގިނައިރު ރެއާލްއިން ބޯޅަ ގެންގުޅުނުއިރު ހަމަލާ އުފެއްދިފައިވަނީ ދެޓީމަށްވެސް އެއްވަރަކަށެވެ.

ރެއާލްއިން ކާމިޔާބުކުރި ފުރަތަމަ ލަނޑާއެކު ލީޑު ނަގާފައިވަނީ މެޗުގެ 37 ވަނަ މިނެޓުގައި ކިލިއަން އެމްބާޕޭ ކާމިޔާބު ކޮށްދިން ލަނޑުންނެވެ. އެމްބާޕޭ ވަނީ މިދަނޑުގައި މީގެ ދެ އަހަރު ކުރިން ފީފާ ވާލްޑް ކަޕް ފައިނަލްގައި އާޖެންޓީނާ ކޮޅަށް ހެޓްރިކްވެސް ހަދާފައެވެ. މިމެޗުގައި ރެއާލްގެ ދެވަނަ ލަނޑު މެޗުގެ 53 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ރޮޑްރިގޯއެވެ. ނަމަވެސް މިލަނޑު ޖެހިއިރު ޖޫޑް ބެލިންހަމް އޮފް ސައިޑްގައި ހުރުމުން އެލަނޑު ބަލައިގެންފާވަނީ ވީއޭއާރުން ބެލުމަށްފަހުއެވެ.

އަދި ފަހު ލަނޑު މެޗުގެ 84 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކޮށްދިނީ ފީފާއިން ހޮވާ އަހަރުގެ މޮޅު ކުޅުންތެރިޔާގެ މަގާމް މީގެ އެއްދުވަސް ކުރިން ހާސިލް ކުރި ވިނީޝިއަސް ޖޫނިއާއެވެ. މިމެޗުގައި ޕަޗޫކާއިން ލަނޑެއް ޖެހުމާ އެންމެ ގާތަށް ދިޔައީ ކެޕްޓަން ސަލޮމަން ރޮންޑޮންއެވެ. ހިލޭ ޖެހުމަކުން ލިބުނު މި ފުރުސަތު އޭނާ ފޮނުވާލުވުމުން ދިޔައީ ގޯލް ދަނޑި ކައިރިން ބޭރަށެވެ.

ފީފާއިން އާންމުކޮށް ކޮންމެ އަހަރަކު ބާއްވާ ފީފާ ކްލަބް ވާލްޑް ކަޕް ކޮންމެ ހަތަރު އަހަރަކުން އެއްފަހަރު ބާއްވާގޮތަށް ބަދަލު ކުރުމާއެކު މިފަހަރު މިވަނީ ފަސް ބައްރުގެ ޗެމްޕިއަން ކުލަބުންގެ މެދުގައި އިންޓާކޮންޓިނެންޓަލް ކަޕްގެ ނަމުގައި މިމުބާރާތް އަލަށް ތައާރަފު ކޮށްފައެވެ. މިމުބާރާތުގެ ފައިނަލުން ޕަޗޫކާ ޖާގަހޯދީ ކަފް ޗެމްޕިއަންސް ލީގު ކާމިޔާބުކުރި މިސްރުގެ އަލް އަހްލީ ބަލިކުރުމަށްފަހުއެވެ. އަދި ރެއާލް ފައިނަލްގައި ވާދަކުރީ ޔުއޭފާ ޗެމްޕިއަންސް ލީގުގެ ޗެމްޕިއަނުންގެ ހައިސިއްޔަތުން އިތުރު މެޗެއް ނުކުޅެއެވެ.

comment ކޮމެންޓް