ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)ގެ ރިސާޗް ފައުންޑޭޝަން މިއަދު އިފްތިތާހުކޮށްފިއެވެ.
މި ރިސާޗް ފައުންޑޭޝަން އިފްތިތާހުކޮށްދެއްވީ މިއަދު ސްޓެލްކޯ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ހުސައިން ފަހުމީއެވެ. ފަހުމީވަނީ، ރިސާޗް ފައުންޑޭޝަންގެ ވެބްސައިޓް ވެސް މިއަދު އިފްތިތާހުކޮށްދެއްވައިފައެވެ.

ސްޓެލްކޯގެ ރިސާޗް ފައުންޑޭޝަން އިފްތިތާހު ކުރުން -- ފޮޓޯ/ ސްޓެލްކޯ
މި ރިސާޗް ފައުންޑޭޝަންގެ ބޭނުމަކީ މި ފައުންޑޭޝަން މެދުވެރިކޮށް ދިވެހިންނަށް ދިރާސާކުރުމުގެ އިތުރު ފުރުސަތުތަކެއް ހޯދައިދިނުމެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފަހުމީ ވިދާޅުވީ، ރިސާޗް ފައުންޑޭޝަނެއް އުފެއްދި އެންމެ ބޮޑު އެއް ސަބަބަކީ އެކި ދާއިރާތަކުން ކިޔަވައިގެން ތިބި ތައުލީމީ ޒުވާނުން ކުންފުނީގައި ތިބުމާއި، ކުންފުންޏަކީ ރިސޯސްފުލް ކުންފުންޏަކަށްވެފައި، އެ ފަދަ މަސައްކަތެއް ކުރާނެ ގާބިލްކަމާއި، ވަސީލަތެއް ސްޓެލްކޯގައި ހުރުމުން ކަމަށެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ: ސްޓެލްކޯގެ ރިސާޗް ފައުންޑޭޝަން އިފްތިތާހު ކުރުން -- ފޮޓޯ/ ސްޓެލްކޯ
"މި ރިސާޗް ފައުންޑޭޝަން މެދުވެރިކޮށް މި ގައުމަށް، ގައުމުގެ ކުރިއެރުމަށް މުސްތަގުބަލަށް ކަންތައްތަކެއް ކޮށްދިނުން އެއީ މަގުސަދަކީ. އަޅުގަނޑުމެން ބޭނުންވަނީ ތިބޭފުޅުން ލައްވައި ގައުމަށް ހިދުމަތްކޮށްދޭން. މިއީ ހަމައެކަނި ޖަލްސާއެއް ބާއްވައި ނިންމާލާ ރިސާޗް ފައުންޑޭޝަނަކަށް ވެގެން ނުވާނެ. ވިސްނުމާއި ފިކުރުކުރުމުގެ ތެރެއިން ގައުމަށް މިކަމުގެ ފައިދާ ކުރަންވާނެ. އާދައިގެ ގޮތަކަށް ނޫން. އިންތިހާއަށް ފައިދާ ކުރަންވާނެ،" ފަހުމީ ވިދާޅުވިއެވެ.

ސްޓެލްކޯގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޑރ. އަލީ އަޒުވަރު: ސްޓެލްކޯގެ ރިސާޗް ފައުންޑޭޝަން އިފްތިތާހު ކުރުން -- ފޮޓޯ/ ސްޓެލްކޯ
ރަސްމިއްޔާތުގައި އެސްއާރުއެފްގެ ވައިސް ޗެއާޕާސަން އަދި ސްޓެލްކޯގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޑރ. އަލީ އަޒުވަރު ވިދާޅުވީ، ރިސާޗަކީ ސްޓެލްކޯއާއި ވަރަށް ބޮޑަށް ލާމެހިފައިވާ މަސައްކަތެއްކަމަށާއި، ކުންފުނިން ފޯރުވައިދޭ ޚިދުމަތްތަކުގެ ގޮތުން، އެ ޚިދުމަތްތައް އެއް ހަރުފަތަކުން އަނެއް ހަރުފަތަށް ގެންދިއުމުގައި އިޖާދީ ބަދަލުތަކާއި، އަމިއްލަ އިސްނެންގެވުމުގެ ތެރެއިން ކުރެވޭ މަސައްކަތަށް ރިސާޗަކީ ވަރަށް މުހިއްމު ކޮންޕޯނެންޓެއް ކަމަށެވެ.
އަދި މީގެ ފައިދާ ސްޓެލްކޯއަށާއި، މުޅި ގައުމަށް ވެސް ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ.

ސްޓެލްކޯގެ ރިސާޗް ފައުންޑޭޝަން އިފްތިތާހު ކުރުން -- ފޮޓޯ/ ސްޓެލްކޯ
ސްޓެލްކޯ ރިސާޗް ފައުންޑޭޝަންގެ މަގްސަދަކީ ރާއްޖޭގެ ރިސާޗް އަދި އުފެއްދުންތެރިކަމުގެ ދާއިރާ، އައު ހަރުފަތަކަށް ގެންދިއުމެވެ.
އެ ގޮތުން ސައިންސް، ޓެކްނޮލޮޖީ، އިންޖީނިއަރިން، އާޓްސް އަދި މެތެމެޓިކްސް (STEAM) ދާއިރާތައް ކުރި އެރުވުމަށް އެންމެ ޒަމާނީ ދިރާސާތައްކޮށް އަލަށް ތައާރަފްވަމުންދާ ޓެކްނޮލޮޖީ ހޯދާނެއެވެ.
އަދި އެއަށް އަހުލުވެރިވެ، ގައުމު ތަރައްގީގެ މަގުގައި ކުރިއަށް ދިއުމަށް ބޭނުންވާ ހަރުދަނާ އަދި ޒަމާނީ ހައްލުތައް ހޯދާނެއެވެ.